ޝަރުއީ ނިޒާމުގެ މައްސަލަ ހައްލުނުވަނީ މަޖިލީހުން ޒިންމާ އަދާނުކުރެވޭތީ: މެންބަރު ޒިޔާދު ޝަރުއީ ނިޒާމުގެ މައްސަލަ ހައްލުނުވަނީ މަޖިލީހުން ޒިންމާ އަދާނުކުރެވޭތީ: މެންބަރު ޒިޔާދު

ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހުރި މައްސަލަތައް ހައްލު ނުވެ ދިގުލައިގެން ދަނީ އެ ނިޒާމުގެ ކަންކަން ބަދަލުކޮށް ޒިންމާދާރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައި އޮންނަ ޒިންމާ އަދާނުކުރާތީ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ އަދުލު އިންސާފުގެ ނިޒާމުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށާއި ރައްޔިތުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ކަމަށް ވިދާޅުވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުންނެވެ.
ފިއްޓޭ ވިދާޅުވި ގޮތުގައި ޝަރުއީ ނިޒާމުގައި ހުރި މައްސަލަތަކަކީ ވަކި ވެރިޔަކު ހުރެގެން ހައްލުވާނެ މައްސަލަތަކެއް ނޫން ކަމަށެވެ. އަދި، އެކަމަށް ދާއިމީ ހައްލެއް ލިބޭނީ ހެދިފައި ހުރި ގާނޫނުތަކާއި އުސޫލުތަކުގެ ހަމަ ގެންގުޅެން އެނގޭ ނަމަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ހުރިހާ ކަމެއްގެ އެންމެ ބޮޑު ޒިންމާ ނަގަނީ ރައްޔިތުންގެ މަޖިލީހުން، އިއްޒަތްތެރި ރައީސް. ރައްޔިތުންގެ މަޖިލީހުން ގާނޫނު ހަދަނީ. ރައްޔިތުންގެ މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރަނީ. ރައްޔިތުންގެ މަޖިލީހުގައި އޮވޭ އެ ބާރު ވެސް. ކޯޓުތައް ޖަވާބުދާރީ ކުރުވުމުގެ ބާރު ވެސް އޮވޭ،" އޭނާ ވިދާޅުވި އެވެ.
ޝަރުއީ ނިޒާމާ ގުޅޭ ގޮތުން މަޖިލީހުގައި އެންމެ ގިނައިން ދެކެވޭ ވާހަކައަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ނުވަތަ ކޮމްޕޮޒިޝަން ބަދަލުކުރުމުގެ ވާހަކަ ކަމަށާއި ނިމިދިޔަ މަޖިލީހުގައި އެކަމަށް ވެރިކަންކުރާ ޕީއެންސީ ގެ މެންބަރުން ދެތިން ފަހަރު ގަރާރު ހުށަހެޅި ނަމަވެސް މި މަޖިލީހުގައި އެކަމުގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް ވެސް ފިއްޓޭ ފާހަގަކުރެއްވި އެވެ.
ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެކަން މަޖިލީހަށް ހުށަހަޅާނެ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނި ނަމަވެސް މިހާތަނަށް ހުށަހަޅާފައެއް ނުވެ އެވެ.
އެކަން ކުރުމުގެ އިތުރުން ވެސް ޝަރުއީ ނިޒާމުގައި ހުރި މައްސަލަތައް މަޖިލީހުން ބޭނުން ނަމަ ހައްލުކުރެވޭނެ ކަމަށް ފިއްޓޭ މިއަދު ވަނީ ވިދާޅުވެފަ އެވެ. އަދި ޝަރުއީ ނިޒާމުގައި މައްސަލައެއް ނެތް ކަމަށް ބައެއް މަޖިލީސް މެންބަރުން ވިދާޅުވާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
"އަޅުގަނޑު ހިތާމަކުރަން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މި ގަރާރާއި ދޭތެރޭގަ، މިއީ ނެތް ކަމެއް ކަމަށް ބުނާ ބުނުމަކީ، ހަގީގަތުގަ މިކަން ރަނގަޅު ނުވެގެން އުޅޭ ސަބަބު. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މިކަން އިހުސާސްވާ ދުވަސް އެއީ އިއްޒަތްތެރި ރައީސް، މިކަން ރަނގަޅުވާ ދުވަސް،" ފިއްޓޭ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ