މި މަހުގެ 1 އިން ފެށިގެން ސިވިލް ސާވިސް އާއި ޝަރުއީ ދާއިރާ ހިމެނޭހެން 20،000އަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލާ އެކު އިތުރު ގަޑީގެ ފައިސާ ދިނުމުގައި މުވައްޒަފުންގެ އޮތް ކަންބޮޑުވުމަށް ވެސް ހައްލު ގެނެސްފައިވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއްް؟ - ފުވައްމުލަކަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ މި މަހުގެ 1 އިން ފެށިގެން މުސާރައަށް ގެނައި ބަދަލުތަކާ އެކު މުވައްޒަފުންގެ ހުރި ބައެއް ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވައިފަ އެވެ.
ތަފްސީލް - ރައީސް ވިދާޅުވީ ބަދަލުތަކާ އެކު މި މަސް ނިމޭއިރު މުވައްޒަފުންނަށް މުސާރަ ލިބުމުގެ ކުރިން މުވައްޒަފުންގެ ހުރި ކަންބޮޑުވުންތަކަށް ޕޭ ކޮމިޝަނުން މުއާމަލާތްކޮށް އެޑްރެސް ކުރާނެ ކަމަށެވެ.
ޕޭ ފްރޭމްވޯކަށް ގެނައި އިސްލާހުތައް ގެޒެޓުގައި އާންމުކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޕޭ ހާމަނައިޒޭޝަންގެ ދަށުން މުސާރައަށް ބަދަލު ނާންނަ މުވައްޒަފުންނަށް އަންނަ އަހަރު މުސާރަ ބޮޑުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މުސާރައަށް މި ގެނެވުނު ހެޔޮ ބަދަލާ ގުޅިގެން މުވައްޒަފުންގެ އާމްދަނީ އިތުރުވެގެންދާނެ. އޭގެ ސަބަބުން ދިރިއުޅުމުގެ ފެންވަރު މަތިވުމުގެ އިތުރަށް މުވައްޒަފުންނަށް ފަހަށް ރައްކާ ކުރަން ލިބޭ އެއްޗެއް އިތުރު ކުރުން މަގުސަދަކީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މުސާރައަށް ގެނައި ބަދަލުތަކާ އެކު މުވައްޒަފުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ އިތުރު ގަޑީގެ ފައިސާއާ ގުޅޭ ގޮތުން ކަމަށެވެ. އެ ބަދަލު ގެނައީ މީގެ ކުރިން ޕޭ ހާމަނައިޒުކުރި މުވައްޒަފުންގެ ހުރި ކަންބޮޑުވުންތަކަށް ވެސް ރިއާޔަތްކުރުމަށް ފަހު ކަމަށް ރައީސް ވިދާޅުވި އެވެ.
އެގޮތުން، ރައީސް ވިދާޅުވީ:
ހޮސްޕިޓަލުތަކަކީ 24 ގަޑިއިރު މަސައްކަތް ކުރާ ތަނަކަށް ވާއިރު އިތުރު ގަޑީގެ %10ގެ ކެޕް ހަމަވާ މައްސަލައަށް ލުޔެއް ގެެނެސްފައިވާނެ ކަމަށް؛ ޖުމްލަކޮށް ހުރިހާ ދާއިރާއަކަށް ވެސް މި ލުއި ގެނެސްފައިވާނެ
"މިވާ ގޮތަކީ، މިސާލަކަށް މީގެ ތެރެއިން އިސްތިސްނާވާނެ އިތުރު ގަޑީގެ މި %10ގެ ކެޕް އެޕްލައި ނުވެ އިތުރު ގަޑި ލިބޭނެ ދުވަސްތަކެއް ކަނޑައެޅިގެން މި ދިޔައީ. އެއީ ރަމަޟާން މަހުގެ ފަހު 10ގައި މި ބަންދުވާ ހުރިހާ ދުވަހެއް އަދި ރައީސްގެ ދެންނެވުމަކުން ބަންދު ކުރާ ހުރިހާ ދުވަހެއް. ދެން ވަޒީފާއާ ބެހޭ ގާނޫނުގައި ބުނެފައި އޮންނަ ރަސްމީ ހުރިހާ ބަންދު ދުވަސްތަކެއް. އޭގައި ހުކުރު ދުވަސް ހިމެނޭ. މިކަހަލަ ހުރިހާ ދުވަހެއްގައި އެ %10އެއް އެޕްލައިއެއް ނުވޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިތުރު ގަޑީގެ މަސައްކަތް ކުރެވޭނެ ހާލަތްތައް ސިވިލް ސާވިސް ގަވައިދުގައި ބަޔާންކޮށްފައި އެބައޮތް ކަމަށާއި މަސައްކަތް ކުރަންޖެހޭނީ އެ އުސޫލުގެ ދަށުން ކަމަށެވެ.
"މި ބަދަލު ގެނައީމާ އިތުރުގަޑީގެ ކެޕް ހަމަވާނީ ވަރަށް މަދު ހާލަތެއްގައި. ނަމަވެސް އެފަދަ ހާލަތްތަކުގައި ވެސް އަމަލު ކުރެވޭނެ ތަފާތު ގޮތްތައް މިހާރު ގެޒެޓުކޮށްފައިވާ މިންގަނޑުގައި އޮންނާނެ ބަޔާންކޮށްފައި،" އެ މަނިކުފާނު ވިދާޅުވި އެވެ.
އެކަންކަމަށް ގެންނަން ޖެހޭ ހައްލުތައް ޕޭ ކޮމިޝަނުން ގެނެސްދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެއްވެސް ވަރެއްގެ ކަންބޮޑުވުމެއް މި ކަންކަމުގައި މުވައްޒަފުންގެ ތެރޭގައި ނުބޭއްވުމަށް، އޮތަ ނުދިނުމަކީ އަޅުގަނޑުގެ އެދުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
މުސާރައަށް ގެނައީ ބަދަލާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ އެ ބަދަލު ގެނައީ ބޮޑެތި ދިރާސާތަކަށް ފަހު ކަމަށެވެ.
ރައީސް ވިދާޅުވީ:
މިހާރު މި ބަދަލުގެ ސަބަބުން ހުރިހާ މުވައްޒަފުންގެ އަސާސީ މުސާރައަށް ބަދަލު އަންނާނެ
އެންމެ ކުޑަކޮށް އަސާސީ މުސާރައަށް ވެސް 7،000ރ.އަށް ވުރެ ބޮޑު އަސާސީ މުސާރައެއް ލިބޭނެ
ހުރިހާ މުވައްޒަފުންނަށް ވެސް މިނިމަމް ވޭޖުގެ މިންވަރު އަސާސީ މުސާރައިގެ ގޮތުގައި ލިބިގެންދާނެ
އެއްވެސް މުވައްޒަފަކަށް ލިބޭ މުސާރަ ކުޑައެއް ނުވާނެ
ރައީސް ވިދާޅުވީ އަސާސީ މުސާރައަށް ގެނައި ބަދަލުގެ ސަބަބުން މުވައްޒަފުންގެ ޕެންޝަން ފަންޑަށް ކުރިއެރުން އަންނާނެ ކަމަށެވެ. އެގޮތުން، ރިޓަޔާ ކުރާއިރު މުވައްޒަފުންގެ ޕެންޝަން ފަންޑުގައި ހުންނަ ފައިސާގެ އަދަދު އިތުރުވާނެކަން ރައީސް ފާހަގަ ކުރެއްވި އެވެ.
ޕެންޝަން ފަންޑަށް ޖަމާވާ ފައިސާ އިތުރުވާނެ ފިޔަވަޅުތަކާ އެކު ޕެންޝަން ފަންޑުން ލިބޭ ފައިދާ އިތުރު ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މުސާރައަށް ގެނައި ބަދަލާ އެކު އިތުރު ގަޑީގެ ފައިސާގެ ކަންބޮޑުވުން ހައްލުވާނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ