ދޮގަކަށް ވިޔަސް، ތެދަކަށް ވިޔަސް ރިޔާސީ ކެމްޕޭނުގައި ދެއްކި ވާހަކަތައް ފޮތެއްގެ ސިފައިގައި ނެރުނު ހަމައެކަނި ވެރިޔަކީ ރައީސް މުހައްމަދު މުއިއްޒު ކަމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޒަމީރު މިހެން ވިދާޅުވީ މުއިއްޒު ދޮގު ހައްދަވާ ކަމަށް ބުނެ އިދިކޮޅުން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. މުއިއްޒު ދޮގު ހަދާ ކަމަށް ބުނަނީ ރައްޔިތުންގެ ހިތުގައި ސަރުކާރާމެދު ނަފުރަތާއި ހަސަދަ އުފައްދަން ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
"ދިވެހި ރާއްޖޭގެ ވެރިކަމަށް ކުރިމަތިލި ލައްވައިގެން އައި އެއްވެސް ވެރިޔަކު، ދޮގު ވިޔަސް، ތެދު ވިޔަސް. އެމަނިކުފާނު، އެބޭފުޅަކު ކެމްޕޭނުގަ ދެއްކި ވާހަކަ ފޮތެއްގެ ސިފައިގަ ލިޔެފަކާއެއް ނެތޭ. އެހެންވީމަ އެ ދޮގު ކަމަށް އަޅުގަނޑުމެންނަށް ނިންމޭނީ. އަދި ތެދު ކަމަށް ވެސް ނިންމޭނީ ފަސް އަހަރު ނިންމުމަށް ފަހުއޭ،" ޒަމީރު ވިދާޅުވި އެވެ.
ކެމްޕޭނު ވައުދު ފޮތުގައި ހުރި ކަންކަމުގެ އަމަލީ މަސައްކަތް މިހާރު ފެންނަމުންދާ ކަމަށާއި އެ ފޮތުގައި ހުރި ކަންކަމަކީ ދޮގަކަށް ވާނީ ފަސް އަހަރުގެ ދައުރު ނިމުމުން ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވެރިކަން ހަވާލުކުރީ އަދުގެ ރައީސުލްޖުމްހުރިއްޔާއަށް ފަސް އަހަރަށޭ. އެ ފަސް އަހަރު ދުވަސް ތެރޭގަ ކުރައްވާނެ ކަންތައްތަކޭ ރައީސް ވިދާޅުވެފަ އޮތީ. އެހެންވީމަ މިއަދަކު ދޮގު، ދޮގު ކިޔައިގެން އަޅުގަނޑުމެންނާ ދިމާލަށް އެއްޗެހި ކިޔުމުގެ ބޭނުމަކީ ސަރުކާރާ އިދިކޮޅަށް މަގުމަތީގައި އެއްވުންތައް އެއްވުމާއި އަދި މި ސަރުކާރާށް ޖެއްސުންކޮށް ގޯނާކުރުން،" ޒަމީރު ވިދާޅުވި އެވެ.
އޭނާ މިހެން ވިދާޅުވި ނަމަވެސް މުއިއްޒު ރިޔާސީ ވައުދުގެ ތެރޭގައި ވަކި ތާރީހުތަކެއްގައި ފަށައި ނިންމަން ވައުދުވި ގިނަ މަޝްރޫއުތަކެއް ހިމެނެ އެވެ. މީގެ ގިނަ ކަންކަން ވައުދާ އެއްގޮތަށް ކުރެވެމުން ނުދެ އެވެ. މިކަމާ ގުޅިގެން އާންމުންނާއި އިދިކޮޅު ސިޔާސީ ފިކުރުގެ މީހުން ދަނީ މުއިއްޒު އަކީ ދޮގުވެރިއެއް ކަމަށް ބުނަމުންނެވެ.
ވެރިކަމަށް ވަޑައިގެންނެވި ފަހުން ވެސް މުއިއްޒު ގެންދަވަނީ އެކި ކަންކަމާއި ގުޅިގެން ފާޅުގައި ދޮގު ހައްދަވަމުންނެވެ. މި ފަހުން އެކަން ފާހަގަވީ ފައިސާ ޗާޕުނުކުރާނެ ކަމަށް ބުނެ ހެއްދެވި ދޮގެވެ.
ނަމަވެސް ސަރުކާރުން ދަނީ ކޮންޓްރެކްޓަރުންނަށް ފައިސާ ދެއްކުމަށް ޕެންޝަން އޮފީހުން ގަނެފައި ހުރި ޓީބިލުތަކެއް އެމްއެމްއޭއަށް ގަނެ، އެ ފައިސާ ބޭނުންކޮށްގެން ޕެންޝަން އޮފީހަށް ބޮންޑެއް ވިއްކައިގެން "ފައިސާ ޗާޕު" ކުރަން މަސައްކަތް ކުރަމުންނެވެ.
ދޮގު ވިޔަސް ތެދު ވިޔަސް ކެމްޕޭނުގައި ދެއްކި ވާހަކަތައް ލިޔެ ފޮތެއް ނެރުނީ މުއިއްޒު އެކަނި: ޒަމީރު ދޮގު ވިޔަސް ތެދު ވިޔަސް ކެމްޕޭނުގައި ދެއްކި ވާހަކަތައް ލިޔެ ފޮތެއް ނެރުނީ މުއިއްޒު އެކަނި: ޒަމީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ