ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 6) - ޔޫއެސް އޯޕަންގެ ސެމީ ފައިނަލުގައި ސާބިއާގެ ނޮވަކް ޖޮކޮވިޗް ބަލިކޮށް، އޭނާ ކަޓުވާލުމަށް ފަހު ސްޕެއިނުގެ ކާލޯސް އަލްކަރާޒް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ސެމީ ފައިނަލްގައި ފޯރިގަދަކޮށް ފަށައިގެން ކުރިއަށްދިޔަ މި މެޗުގައި، ޖޮކޮވިޗް، 38 އަށް ފަހުކޮޅުގައި އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނުއިރު، އަލްކަރާޒް މެޗު ނިންމާލީ ރަނގަޅު ފޯމުގައި ކުޅެލައިގެންނެވެ. އަލްކަރާޒް، 22، މޮޅުވި މި މެޗުގެ ސެޓުތައް ދިޔައީ، 6-4، 7-6، (7-4)، 6-2 އިންނެވެ.
ގްރޭންޑް ސްލޭމް 24 މުބާރާތް ކާމިޔާބުކޮށްފައިވާ ޖޮކޮވިޗް، ހަތަރު ފަހަރަށް ޔޫއެސް އޯޕަން ކާމިޔާބުކުރިއިރު، އަލްކަރާޒް ވަނީ މީގެ ކުރިން، 2022 ވަނަ އަހަރު ޔޫއެސް އޯޕަން ޗެމްޕިއަންކަން ހޯދައިފަ އެވެ. މިއީ ޔޫއެސް އޯޕަންގައި މި ދެ ކުޅުންތެރިންގެ ފުރަތަމަ ކުރިމަތިލުމެވެ.
އަލްކަރާޒް ބުނީ، ޖުމްލަކޮށް ބަލާއިރު މި މުބާރާތުގައި އޭނާގެ އެންމެ މޮޅު ކުޅުން ދެއްކިފައިނުވި ނަމަވެސް މެޗުން މެޗަށް ކަންކަން ރަނގަޅުކޮށްގެން ފައިނަލަށް ދެވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށެވެ.
ކެރިއަރުގައި ހަތަރު ވަނަ ފަހަރަށް ޔޫއެސް އޯޕަންގެ ސެމީ ފައިނަލުގައި ކުޅުނު އަލްކަރާޒް ވަނީ މި ފަހަރުގެ ޓެނިސް ސީޒަނުގައި 60 މެޗުން މޮޅުވެފަ އެވެ.
ޖޮކޮވިޗް ބުނީ މި ފަހުން ކޮންމެ މުބާރާތެއްގައި ވެސް ފަހުކޮޅުގައި ދިމާވަނީ ދާދި އެއް ކަހަލަ ކަންތައްތަކެއް ކަމަށާއި ފިޓްނަސްގެ ކަންކަން ދިމާވެ، ބޭނުންވާ ލެވަލްގައި ނުކުޅެވެނީ ކަމަށެވެ.
އަލްކަރާޒް ވަނީ ޖޮކޮވިޗް އަތުން ވިމްބަލްޑަން ޓެނިސް މުބާރާތުގެ ދެ ފައިނަލުގައި މޮޅުވެފަ އެވެ. އެކަމަކު، ރޭގެ މެޗުގެ ކުރިން، އެންމެ ފަހުން މި ދެ ކުޅުންތެރިން ކުރިމަތިލި ދެ މެޗުގައި ކުރިހޯދީ ޖޮކޮވިޗް އެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ ޕެރިސް އޮލިމްޕިކްސްގެ ފިރިހެން ސިންގަލްސް ފައިނަލް ހިމެނެ އެވެ.
އާދިއްތަ ދުވަހު ކުޅޭ ފައިނަލުގައި އަލްކަރާޒް ބައްދަލުކުރާނީ އަނެއް ސެމީ ފައިނަލުގައި، އެންމެ ފަހުގެ ޔޫއެސް އޯޕަން ޗެމްޕިއަން، ޖަނިކް ސިނާ އާއި ކެނަޑާގެ ފެލީކްސް އޯގާ-އަލިއަސީމޭ ކުޅެގެން މޮޅުވާ ކުޅުންތެރިއަކާ އެވެ.
ޖޮކޮވިޗް ކަޓުވާލައި އަލްކަރާޒް ޔޫއެސް އޯޕަން ފައިނަލަށް ޖޮކޮވިޗް ކަޓުވާލައި އަލްކަރާޒް ޔޫއެސް އޯޕަން ފައިނަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ