މިއަދު ސްރީ ލަންކާގައި ރާއްޖޭގެ ފުޓްބޯޅައިގެ އާ ފެށުމެއް

މިއަދު ހަވީރު ސްރީ ލަންކާގައި ރާއްޖެ އާއި ލަންކާ ބައްދަލުކުރާ ފުޓްބޯޅަ މެޗުގެ މުހިންމުކަން، ދިވެހި ފުޓްބޯޅައިގެ އާ ފެށުމަށް ވަރަށް މުހިންމެވެ. މިއީ ދެ އަހަރެއްހާ ދުވަސް ވަންދެން ހުއްޓިފައި އޮތް އެފްއޭއެމްގެ އާ މެނޭޖްމަންޓުން ފުޓްބޯޅައިގެ ހަރަކާތްތައް ފެށި ފަހުން ގައުމީ ޓީމު ނުކުންނަ ފުރަތަމަ މެޗެވެ.
ލަންކާގައި އެންމެ ފަހުން ދެ ގައުމު ވާދަކުރީ މީގެ ގާތްގަނޑަކަށް ހަތަރު އަހަރު ކުރިން، 9 ނޮވެމްބަރު 2021ގަ އެވެ. ރާއްޖެއިން ހަތަރު ލަނޑު ޖަހާފައި އޮއްވާ ފަހަތުން އަރާ، ލަންކާއިން 4-4އިން އެއްވަރުކުރުމަކީ ޝޮކެކެވެ. އެހާ ބޮޑު ތަފާތެއްގައި އޮއްވާ ލަންކާ ސަލާމަތްކޮށްދިނީ އަހުމަދު ވަސީމް ރަޒީކް ޖެހި ހަތަރު ލަނޑުންނެވެ. މިއީ ރާއްޖެ ކޮޅަށް ލަންކާގެ ކުޅުންތެރިޔަކު ހެޓްރިކް ހެދި ފުރަތަމަ ފަހަރު ވެސް މެ އެވެ.
އެއީ މާޒީ އެވެ. މިއަދު ރާއްޖޭގެ ގަޑިން ހަވީރު 4:30ގައި ފަށާ މެޗަށް ނުކުންނަނީ އާ ގައުމީ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން)ގެ ބެލުމުގެ ދަށުންނެވެ. މޯހަން އަކީ 1997ގައި ސްރީ ލަންކާގެ މައްޗަށް ރާއްޖެއިން ކާމިޔާބު ހޯދަން ފެށި އިރު ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެވެ. ނޭޕާލުގައި އޮތް ފުރަތަމަ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި 2-1އިން ރާއްޖެ މޮޅުވުމަކީ އެ ފެށުމުގެ އުފާވެރި ހަނދާނެކެވެ.
އޭގެ ފަހުން ވެސް ޝިޔާޒް ވަނީ ސްރީ ލަންކާއާ ދެކޮޅަށް ރާއްޖެއިން އެތައް މެޗެއް ކާމިޔާބުކުރި އިރު އެސިސްޓެންޓް ކޯޗެއްގެ ޒިންމާ ނަގައިފަ އެވެ. މިހާރު މި އޮތީ ގައުމީ ކޯޗުގެ ހައިސިއްޔަތުން އެ ކާމިޔާބުގެ ސިލްސިލާ އަނެއްކާވެސް ފަށަން ޖެހިފަ އެވެ.
އެކަމަކު މެޗަށް ފުރުމުގެ ކުރިން ޝިޔާޒް ބުނީ މިހާރު އޮތް ލަންކާގެ ޓީމަކީ ކުރިން އެ ގައުމުން ކުޅުނު ފުޓްބޯޅައާ މުޅިން ތަފާތު ކުޅުމެއް ކުޅޭ ޓީމެއް ކަމަށެވެ.
22: މިހާތަނަށް ވާދަކުރި މެޗުތަކުގެ އަދަދު
9: ރާއްޖެއިން ކާމިޔާބުކުރި
3: ސްރީ ލަންކާ މޮޅުވި
10: އެއްވަރުވެގެން ނިމުނު
"ކުރީގައި އެއީ ވަރަށް ބޮޑަށް ލޯންގް ބޯޅަ ޖަަހައިގެން ކުޅޭ ބައެއް. އެހެންނަމަވެސް މިހާރު އެއްގޮތަކަށް ވެސް ދިގު ބޯޅަ ނުޖަހާ ވަރަށް ޕާސިން ގޭމެއް [ކުޅެނީ]،" ސްރީ ލަންކާއަށް ޓީމު ފުރުމުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާޒް ބުންޏެވެ.
"ޓެކްނިކަލީ މޮޅު ކުޅުންތެރިން ވަރަށް ގިނަ. ހަގީގަތުގައި [އެއީ] ލަންކާއިން ބޭރުގައި ކުޅޭ ކުޅުންތެރިން. މި ފަހުން އިތުރު ދޭއް ނޫނީ ތިން ކުޅުންތެރިން އަލަށް ލަންކާ ޓީމާ އެބަ ގުޅޭ."
ސްރީ ލަންކާގެ ފުޓްބޯޅައަށް އައި ބަދަލުތައް އެނގޭ މީހަކަށް ޝިޔާޒް ވެ އެވެ. އެ ބަދަލުތަކަކީ އޭނާ ގަބޫލުކުރާ ގޮތުގައި ރާއްޖެއަށް ވެސް އޮތް ރަނގަޅެކެވެ. ސަބަބަކީ ރާއްޖެއަކީ ތިރިން ބޯޅަ ކުޅޭ ބަޔަކަށް ވާތީ ގޭމު ކުރިއަށް ގެންދަން ފަސޭހަވުމެވެ.
އެކަމަކު ރާއްޖޭގައި ރަސްމީ މުބާރާތްތައް ނުބާއްވާ މިދިއަ ދެ އަހަރެއްހާ ދުވަހު ކުޅުންތެރިންނަށް ގެއްލުނު ތަޖުރިބާ އާއި ޖިސްމާނީ ފުރިހަމަކަން ބޮޑެވެ. ޝިޔާޒު އެކަން ގަބޫލުކުރެ އެވެ. އެހެންކަމުން އޭނާ ބުނީ މިއަދާއި އަންނަ އަންގާރަ ދުވަހު ލަންކާގައި ކުޅޭ ދެވަނަ މެޗު ވެސް ރާއްޖެއަށް ވަރަށް މުހިންމު ކަމަށެވެ.
ދިވެހި ފުޓްބޯޅަ "މި އޮތް ހާލަތުން އަަޅުގަނޑުމެން ޕަބްލިކަށް އެބަ ޖެހޭ އެއްޗެއް ސާބިތުކޮށްދޭން. އެއީ އެންމެ މުހިންމު ކަމަކީ،" ޝިޔާޒް ބުންޏެވެ.
"ހާލަތު އެންމެ ރަނގަޅެއް ނޫން. އެއް އަހަރަށް ވުރެ ގިނަ ދުވަސް ފުޓްބޯޅަ ނުކުޅެ އޮވެފައި، މި ފަހުން ކުޅުނު ނެޝަނަލް ޓީމުގެ މެޗުތަކުގެ ނަތީޖާ ވެސް އެހާ ރަނގަޅެއް ނޫން."
އޭނާ ބުނީ ގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތު ނުލިބުމުން ފިޒިކަލީ އެންމެ ފުރިހަމަ ނޫން ނަމަަަވެސް މިދިއަ ހައެއްކަ ދުވަހު ކުޅުންތެރިންގެ ފަރާތުން ފެނުނު ހިތްވަރާއި މަސައްކަތް ރަނގަޅު ކަމަށެވެ.
"ޓެކްޓިކަލީ އަޅުގަނޑުމެންނަށް ތައްޔާރުވެވޭނެ އެންމެ ރަނގަޅަކަށް މިތިބީ ތައްޔާރުވެވިފައި. ﷲ އިރާދަކުރެއްވިއްޔާ އުއްމީދުކުރަނީ ދެ މެޗު ވެސް ކާމިޔާބުވާނެ ކަމަށް." 
ސްރީ ލަންކާގެ ފުޓްބޯޅައިގެ އިސް ފަރާތްތަކުން ވެސް މި ދެ މެޗުގެ މުހިންމުކަން ފާހަގަކުރި އެވެ. ރާއްޖެ އަތުން ލަންކާއަށް މޮޅުނުވެވޭތާ މިހާރު 23 އަހަރު ވެއްޖެ އެވެ. އެންމެ ފަހުން ރާއްޖޭގެ މައްޗަށް ކާމިޔާބީއެއް ހޯދުނީ 2002ގަ އެވެ.
ސްރީ ލަންކާގެ ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ޖަސްވާރު އުމަރު ވިދާޅުވި ގޮތުގައި އެ މާޒީގެ ތެރެއިން އަރައިގަންނަން ލަންކާއަށް މި އޮތީ ވަރަށް ރަނގަޅު ފުރުސަތެއް ލިބިފަ އެވެ.
"މިދިއަ 23 އަހަރު ލަންކާއަށް ރާއްޖެ ބަލިކުރެވިފައި ނެތަސް އަމިއްލަ ގައުމުގައި އެކަން ކޮށް، މި ހިތްގައިމު ތަަށި އުފުލައިލުމަކީ އުއްމީދެއް،" އޭނާ ވިދާޅުވި އެވެ.
ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މި ދެ މެޗު ކުޅެނީ ސައުތު އޭޝިއަން ސުޕާ ކަޕްގެ ނަމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ