މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 8) - ލީގްސް ކަޕް ފައިނަލުގައި، ސިއޭޓަލް ސައުންޑާސް އަތުން 3-0 އިން ބަލިވި މެޗަށް ފަހު، ހިނގި ހަމަނުޖެހުންތެރޭގައި، މާރާމާރީ ހިންގާފައިވާތީވެ، އިންޓަ މިއާމީގެ އުރުގުއޭ ފޯވާޑް، ލުއިސް ސުއަރޭޒް ހަ މެޗަށް ސަސްޕެންޑްކޮށްފި އެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހު ކުޅުނު، ލީގްސް ކަޕް ފައިނަލަށް ފަހު ހިނގި މާރާމާރީގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު، އޭގެއިން ފެންނަ ގޮތުގައި ދެ ޓީމުގެ ގިނަ ކުޅުންތެރިން މާރާމާރީ ހިންގަ އެވެ. އޭގެ ތެރެއިން، އިންޓަ މިއާމީގެ ފޯވާޑް، ލުއިސް ސުއަރޭޒް ވަނީ ސިއޭޓަލްގެ އޮފިޝަލެއްގެ މޫނަށް ކުޅު ޖަހާތަން ފެނެ އެވެ. އަދި، އިންޓަ މިއާމީގެ ބިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް ކުޅުންތެރިއެއް ގައިގައި ޖަހާ މަންޒަރު ވެސް ފެނެ އެވެ.
މި މައްސަލައިގައި، ސުއަރޭޒް ކުޅު ޖެހިކަން އެއްކޮށް ސާބިތުނުވާ ކަމަށް ކަނޑައެޅި ނަމަވެސް، ހަމަ ނުޖެހުން ހިންގާފައިވާތީވެ، ހަ މެޗަށް ސަސްޕެންޑް ކުރުމަށެވެ. އަދި، ބުސްކެޓްސް، ދެ މެޗަށް ސަސްޕެންޑްކުރިއިރު، މިއާމީގެ ތޯމަސް އަވީލޭސް ވަނީ ތިން މެޗަށް ސަސްޕެންޑްކޮށްފަ އެވެ. ސިއޭޓަލް ގެ ކޯޗު ސްޓީވެން ލޭންހާޓް ވެސް ފަސް މެޗަށް ވަނީ ސަސްޕެންޑްކޮށްފަ އެވެ.
މި ސަސްޕެންޝަންތަކަށް އަމަލުކުރަން ހަމަޖެހިފައިވަނީ، އަންނަ އަހަރުގެ ލީގްސް ކަޕްގަ އެވެ. ލީގްސް ކަޕަކީ ކޮންމެ އަހަރަކު، އެމެރިކާ ލީގުގެ ޓީމުތަކާއި މެކްސިކޯ ލީގާގެ ޓީމުތަކުގެ މެދުގައި ކުޅޭ މުބާރާތެކެވެ.
ކުރިން އަޔަކްސް، ބާސެލޯނާ އަދި ލިވަޕޫލަށް ކުޅެފައިވާ ސުއަރޭޒަކީ އަހުލާގީ އެކި މައްސަލަތައް ކެރިއަރުގައި ކުރިމަތިވި ކުޅުންތެރިއެކެވެ. އެ ގޮތުން އިދިކޮޅު ކުޅުންތެރިއަކު ގައިގައި ދަތް އެޅުމުގެ ތިން މައްސަލައެއްގައި ސުއަރޭޒަށް ފިޔަވަޅު އެޅި އެވެ. އެއީ، އުރުގުއޭ ގައުމީ ޓީމާއި ލިވަޕޫލް އަދި އަޔަކްސްގަ އެވެ. އަދި، ލިވަޕޫލަށް ކުޅެމުން، އޭރު މެންޗެސްޓާ ޔުނައިޓެޑްގެ ޕެޓްރިސް އެވްރާ އަށް ނަސްލީ ގޮތުން ސުއަރޭޒް ދިމާކުރި މައްސަލައެއްގައި، އަށް މެޗުގެ ސަސްޕެންޝަނެއް އަ އެވެ.
މި ސީޒަނުގެ ނިޔަލަށް މިއާމީއާ އެކު ކޮންޓްރެކްޓް ހަދާފައި އޮތް ސުއަރޭޒް ވަނީ، އެ ކްލަބްގައި އަދި މަޑުކުރަން ބޭނުންވާ ކަމަށް ދާދި ފަހުން ބުނެފަ އެވެ. އެކަމަކު، އެންމެ ފަހުން މި ހިނގި މައްސަލައިގައި ކަންކަން އަންނަ ގޮތަކުން، ސުއަރޭޒަށް މިއާމީން އިތުރު ކޮންޓްރެކްޓެއް ނުދިނުމުގެ ފުރުސަތު އެބައޮތެވެ.
މާރާމާރީ މައްސަލައިގައި ސުއަރޭޒަށް ހަ މެޗުގެ ސަސްޕެންޝަނެއް މާރާމާރީ މައްސަލައިގައި ސުއަރޭޒަށް ހަ މެޗުގެ ސަސްޕެންޝަނެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ