އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމުން ލަމްއާން އިސްތިއުފާދެއްވައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ލަމްއާން އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.
އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ލަމްއާން އައްޔަންކުރެއްވީ 1 ފެބްރުއަރީ 2024 ގައެވެ.
އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ލަމްއާން އިސްތިއުފާދެއްވިކަން ކަށަވަރުވީ ނަމަވެސް، އޭނާ އިސްތިއުފާދެއްވި ސަބަބެއް ކަށަވަރެއް ނުވެއެވެ.
މިއީ ދާދި ފަހުން ބޭއްވި އިންތިހާބަށްފަހު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންނަށް ގެންނަވަމުންދާ ބަދަލުތަކުގެ ތެރެއިން ގެންނެވި ބަދަލެއް ކަމަށް ބެލެވެއެވެ.
އެމްއޭސީއެލްގެ ވަޒީފާއާ ގުޅިވަޑައިގަތުމުގެ ކުރިން ލަމްއާން ވަނީ ދައުލަތުގެ އެހެން ބައެއް ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވައިފައެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް އޭނާ ވަނީ އަދާކުރައްވައިފައެވެ.
ލަމްއާން އިސްތިއުފާދެއްވުމާ ގުޅިގެން، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ދެން ހުންނަވާނީ ހަމައެކަނި މުޖުތަބާ ލަތީފެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ