އައްޑޫ ވޯޓު: ރީ ރަޖިސްޓްރީވާން 255 މީހަކު ފޯމު ހުށަހަޅައިފި

އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ނަގާ ހިޔާލު ހޯދުމުގެ ވޯޓުގައި ރީ-ރަޖިސްޓްރީވުމަށް 255 މީހަކު ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ބެލުމަށް މި މަހު 25 ގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ރަށު ކައުންސިލް ހަދަން ފެނޭތޯ ވޯޓް ނަގަން ހަމަޖެހިފައި ވަނީ ފޭދު އާއި މީދޫގެ އިތުރުން ހުޅުދޫގަ އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ރީ ރަޖިސްޓްރީވާން ހުޅުވާލި މުއްދަތުގައި 255 މީހަކު ފޯމު ހުށަހަޅާފައިވާ ކަމަށާއި އޭގެތެރެއިން 248 މީހެއްގެ ރީ ރަޖިސްޓްރޭޝަން މަރުހަލާ ނިމިފައިވާ ކަމަށެވެ. މިއީ މި އިންތިހާބަށް އާންމުންގެ ޝައުގުވެރިކަން ހުރި ވަރު ދައްކުވައިދޭ ކަމެއް ކަމަށް ޒާހިދު ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ އޭގެ ޒާތުގައި އެ ތަރުހީބު ރަނގަޅޭ. މިދެންނެވީ އެ ޝަޢުގުވެރިކަން އަޅުގަނޑުމެންނަށް ފެނެއޭ، ވޯޓުގައި ބައިވެރިވުމާއި، ރައްޔިތުންގެ މި ނިންމުމުގައި 3 ރަށުގެ ރައްޔިތުން ބައިވެރިވުމުގެ އެ ޝަޢުގުވެރިކަން ހުރި މިންވަރު އަޅުގަނޑުމެންނަށް ދޭހަކޮށްދޭ އޭގެއިން ވެސް،" ޒާހިދު ވިދާޅުވި އެވެ.
އީސީން ބުނީ މި ވޯޓަށް ފޭދޫގައި 5 ފޮށި، ހުޅުދޫގައި 3 އަދި މީދޫގައި ވެސް 3 ފޮށި ބަހައްޓަން ހަމަޖެހިފައިވާ އިރު، މާލޭ ސަރަޙައްދުގައި ދިރިއުޅޭ އެ ރަށްރަށަށް ނިސްބަތްވާ މީހުން ވޯޓްލާން މާލޭގެ އެއް ތަނެއްގައި 7 ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ. އެއީ ފޭދޫ ރައްޔިތުން ވޯޓުލާން 3 ފޮއްޓާއި ހުޅުދޫ ރައްޔިތުން ވޯޓުލާން ބަހައްޓާ 3 ފޮށީގެ އިތުރުން މީދޫގެ ރައްޔިތުން ވޯޓުލާން ބަހައްޓާ 1 ފޮށްޓެކެވެ.
ވޯޓްލުން ކުރިއަށް ގެންދަން ނިންމާފައި ވަނީ 25 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.
މިހާރު އައްޑޫގެ ހުރިހާ ރަށްތަކެއް (އަވަށްތަކެއް) ތަމްސީލުވާ ގޮތަށް ސިޓީ ކައުންސިލެއް އޮންނަ އިރު، އައްޑޫގެ ތިން ރަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ވޯޓަކަށް ދާން ނިންމީ ތިން ރަށުގެ ރައްޔިތުން އެކަމަށް އެދިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.
ނަމަވެސް މިކަމާ ގުޅިގެން ރައްޔިތުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާވުވުންތަކާއި ކަންބޮޑުވުންތައް އުފެދިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ