ލިސާން 34
"އެއީ… އެއީ… ރަނީމް…." ނާވީ ބުނެލިއެވެ. އޭނަ ހުރީ ވަރަށް ބޮޑަށް ޖެހިލުންވެފައެވެ. އެކަމުގެ ސަބަބުން އަޑުވެސްނުކުތީ އުނދަގުލުންނެވެ. ރައާބިލްގެ ކުރިމަތީގައި ހަޤީޤަތް ހާމަކުރުމަކީ ނާވީއަށް ފަސޭހަކަމަކަށް ނުވިއެވެ. ހަނދާނަށް އަންނަނީ ބައްޕަ ރަނީމްއަށް ގެއްލުން ދޭން މަސައްކަތްކުރި ގޮތެވެ. ކިތަންމެ ޤަބޫލުކުރަން ބޭނުން ނުވިޔަސް ރަނީމްއަށް ނުރައްކަލާ ކުރިމަތިވީ ހަމަ އޭނަގެ ޢާއިލާގެ ސަބަބުންނެވެ. ނާވީގެ ޖަވާބު އަޑު އިވުނު ރައާބިލްއަށް ލިބުނީ ޝޮކެކެވެ. "ރަނީމްއޭ؟" ނާވީއަށް ރައާބިލް ބަލައިލީ އެކަން ޔަޤީންކުރަން ބޭނުންވެފައިވީ ފަދައަކުންނެވެ. ނާވީ އިސްޖަހައިލުމަށްފަހު، ބޯ ޖަހައިލިއެވެ. ރައާބިލްއަ ހަތަރު ކަޅި ހަމަކޮށްލުމަކީ އޭނައަށް ނުހަނު އުނދަގޫކަމަކަށް ވިއެވެ. "އެހެންވެތަ ކަލޭއަށް ރަނީމްއާ ބެހޭގޮތުން އެހާ ގިނަ ކަންތައްތައް އެނގެނީ؟...ތިކަންތައް ހަމަ މިހާރު ހުއްޓާލާ..." ރައާބިލްގެ އަޑު ބާރުވުމާއެކު ހަރުކަށިކަން އެ އަޑަށް ވެރިވިއެވެ. "ކަލޭއާ ރަނީމް ގުޅުމަށް އަހަރެން ޤަބޫލެއް ނޫން. ރަނީމްގެ ރައްކާތެެރިކަން ކަށަވަރު ވާނީ އޭރުން." ދެވަނަ ވިސްނުމަކަ ނުލާ ނާވީއާއި ރަނީމްގެ ގުޅުމަށް ރައާބިލް ދެކޮޅު ހެދިއެވެ. ނާވީގެ ސަބަބުން ރަނީމްއަށް ލިބޭނީ ގެއްލުންކަން ރައާބިލްއަށް އެނގޭތީއެވެ. ޚާއްސަކޮށް ނާވީގެ ޢާއިލާގެ ފަރާތުންނެވެ. އޭނާ އޭރުވެސް ކުރިކަމެއް ކުރީ އެ ޢާއިލާގެ ފަރާތުން ރަނީމް ރައްކާތެރިކުރުމަށެވެ. "އަހަރެންގެ ދަރިފުޅާ ދުރުގައި ހުރޭ..." ނާވީ އެއްޗެއް ނުބުނުމުން ރައާބިލް އަނެއްކާވެސް ވާހަކަ ދެއްކިއެވެ. ކިތަންމެ ރުޅި އައިސް ހުރި ނަމަވެސް، އެ އަޑުން ރަނީމްއާ މެދު ކަންބޮޑުވެފައިވާކަން ދެނެގަންނާކަށް އުނދަގުލެއް ނުވެއެވެ. އެހެން ހުއްޓާ ރައާބިލްގެ ސިކުނޑީގެ ދޮރުފަތުގައި އެހެން ޚިޔާލެއް ޓަކި ދިނެވެ. އެއާއެކު އޭނައަށް ދެބުމަ ގާތްކޮށްލެވުނެވެ. "ކަލޭގެ ބައްޕައަށް ވެސް ހުރިހާކަމެއް އެނގޭދޯ. ރަނީމް... ރަނީމްއަކީ އަހަރެންގެ ދަރިކަންވެސް..." ރައާބިލްއަށް ނިތުގައި އަތް ހިންގައިލެވުނެވެ. "އާނ. އެކަން އެނގުނު ހިސާބުން އޭނަ އަހަންނަށް ދޮގު ހެދީ... ކަލޭ އިންސާނަކާ ގުޅިގެން އުޅޭތީ އެކަމުން ކަލޭ ސަލާމަތްކުރަން އޭނަ ބޭނުންވީ... އެކަން ކުރުމަށް އޭނައަށް ފެނުނު އެންމެ ރަނގަޅު ގޮތަކީ ރަނީމްގެ ފުރާނަ ދުއްވާލުން. އާ... އަހަރެންގެ ދަރިފުޅު މަރައިލަން." ރައާބިލްގެ ސިކުނޑި މަސައްކަތްކުރަން ފެށިއެވެ. އެ ދުވަހު އެހެން ބުނެލި އިރު ނަމީރުގެ މޫނުމަތީން ފެނުނު ކުށްވެރި އިޙްސާސްގެ އަސްލަކީ އެއީތާއެވެ. އޭނަގެ ދަރިފުޅުކަން އެނގި ގެއްލުން ދޭން ނަމީރު މަސައްކަތްކުރީ ހަމައެކަނި ނާވީގެ ހައްޤުގައެވެ. ނަމީރަކީ ހަމަ އެހާ އަމިއްލަ އެދުން ބޮޑު މީހަކީ ހެއްޔެވެ؟ އެހާ ރަޙުމު ކުޑަ މީހަކީ ހެއްޔެވެ؟ އެއީ ހަމަ ކުޑައިރު އޭނައާ އެކީގައި އުޅުނު، ނަމީރު ހެއްޔެވެ؟ އެކުވެރިޔާގެ އެ ސިފަތައް ޤަބޫލުކުރަން އުނދަގޫވެފައިވާ ރައާބިލްގެ ހިތުގައި ވަރަށް ބޮޑަށް ޖެހުނެވެ. އެހެންނަމަވެސް އެ ދެރައިގެ މައްޗަށް ރުޅި ގަދަކަން އަތްގަދަ ކުރަމުން ދިޔައެވެ. ރައާބިލް ނާވީއަށް ބަލައިލި އިރު ނާވީ ހުރީ އިސްޖަހާލައިގެންކަމުން ހުރިހާ ކަމެއް ވެސް ރައާބިލްއަށް ޔަޤީންވެގެން ދިޔައެވެ. އޭނަގެ ދަރިފުޅަށް ނުރައްކަލެއް ކުރިމަތިވިއްޔާ ކުރިމަތިވީ ނަމީރުގެ ސަބަބުންނެވެ. ނާވީގެ ބައްޕަގެ ސަބަބުންނެވެ. އެހެންވީއިރު ލޯބިވާކަމުގައި ދައުވާކޮށްފައި އޭނަގެ ގަތަށް އަންނަން ނާވީ ލަދެއް ނުގަނޭ ހެއްޔެވެ؟ "އަހަރެންގެ ދަރިފުޅާ ދުރުގައި ހުރޭ. ރަނީމް އާއި ކަލޭ ކައިރިވާ ވަރަކަށް ކަލޭ ބައްޕަގެ ނުރައްކާވެސް އޭނައަށް އިތުރުވެގެން ދާނެ." ރައާބިލްގެ އަޑުގައި ރުޅިވެރިކަމާއި އެއްވަރަށް ކަންބޮޑުވުންވެސް ވެއެވެ. "އަހަރެން ހުއްޓަކާ އެކަކަށްވެސް ރަނީމް އަކަށް ގެއްލުމެއް ނުދެވޭނެ." ނާވީ އިސްއުފުލައިލާ ރައާބިލްއަށް ބަލައިލިއެވެ. "މީގެ ކުރިން ރަނީމް ރައްކާތެރިކޮށްދިން ގޮތަށް އަދިވެސް ރަނީމް ކޮށްދޭނަން." ނާވީގެ އަޑުގައިވި ޔަޤީންކަމުން ޚުދު ރައާބިލްވެސް ހައިރާންވިއެވެ. ނާވީގެ މޫނުމަތީން ފެނުނީ ތެދުވެރިކަމެވެ. ހަމަ އެއާއެކު ނާވީ ދެންމެ ބުނެލި ވާހަކައަށް ވެސް އޭނަގެ ސަމާލުކަން ހުއްޓުނެވެ. "އެހެންވީމަ މީގެ ކުރިން ވެސް ރަނީމްއަށް ނުރައްކާ ކުރިމަތި ވެއްޖެ. ދޯ... އެކަން ކުރީވެސް ނަމީރެއްނު.." ރައާބިލްގެ ދެބުމަ ގޮށް ޖެހުނެވެ. ނާވީ ހިމޭންމަން އިޚްތިޔާރުކުރުމުން، ރައާބިލްއަށް އެ ސުވާލުގެ ޖަވާބު ވެސް ލިބިގެން ދިޔައެވެ. "ކޮން ފަދަ ރަހުމުކުޑަ ނުބައި މީހެއް. އަހަންނަށް މާ ހެޔޮ އެދޭ މީހަކަށްވެގެން، އެ މަސައްކަތްކުރަނީ އަހަރެންގެ ދަރިފުޅު މަރައިލަން. އެ ދަރިފުޅުގެ ކުށަކީ ކޮބާ؟ އެއީ މައުސޫމް ފުރާނައެކޭ..." ރައާބިލްއަށް ބުނެވުނެވެ. "އަހަރެން ޔަޤީންކަން ދެން، އަހަރެންގެ އަމިއްލަ ބައްޕަގެ ފަރާތުން ރަނީމްއަށް އިތުރު އަނިޔާއެއް ނުލިބޭނެކަމަށް. އެ ދުވަހޭ އެއްގޮތަށް ދެންވެސް އަހަރެން ރަނީމްއަށް ހިމާޔަތް ދޭނަން. އަހަންނަށް އިތުބާރުކުރޭ. " ނާވީ އާދޭހުގެ ރާގެއްގައި ބުންޏެވެ. އޭނައަށް ރައާބިލްގެ އިތުބާރު މުހިންމެވެ. "ބައްޕަ ރަނީމް މަރާލަން މަސައްކަތްކުރާއިރު، ދަރިފުޅު މިބުނަނީ އިތުބާރުކުރަން." ރައާބިލް މަލާމާތުގެ ހިނިގަނޑެއް ޖަހައިލިއެވެ. "އެނގޭ އިތުބާރުކުރަން އުނދަގޫވާނެކަން. ބައްޕަ ވެސް އަހަންނަށް ޔަޤީންކަން ދިން މީގެ ފަހުން ރަނީމްއަށް ގެއްލުން ނުދޭނެކަމަށް." ނާވީ ބުންޏެވެ. "ކަލޭ ހީކުރީ ތި ވަޢުދު އޭނަވީ ހަމަ އެކަނި ކަލޭ ކައިރީގައި އެކަނި ކަމަށްތަ؟ މީގެ ފަންސަވީސް އަހަރު ކުރިން ވެސް އޭނަ އަހަންނަށް ވީ އަހުދެކޭ ތީ...." މަލާމާތުގެ ގޮތަކަށް އެއް މިޔަކަށް ހީނލަމުން ރައާބިލް ބުންޏެވެ. ނާވީގެ ބަސް ހުއްޓުނު ހިސާބަކީ އެއީއެވެ. ބައްޕައަކީ ބަހުގެ އިތުބާރު ނެތް މީހަކަށް ވެއްޖެއެވެ. އަހުދަށް ކަމޭ ހިތަން ނޭނގޭ މީހަކަށް ވެއްޖެއެވެ. ވައުދަށް އަމާނާތްތެރިވާން ނެނގޭ އަމިއްލަ އެދުން ބޮޑު މީހަކަށް ވެއްޖެއެވެ. ވީއިރު ބައްޕަގެ ދިފާޢުގައި މިއަދު، އޭނަ ވަކި ބުނާނީ ކީކޭ ހެއްޔެވެ؟. ދެރައީ އެހުރިހާ ކަމެއް ވެސް ލިބިގަތީ ބައްޕަ އަމިއްލައަށް ކަމެއް ވީތީއެވެ. އެންމެ ގާތް ރަޙްމަތްތެރިޔާގެ އިތިބާރު ގެއްލުވައިލީ ހަމަ ބައްޕައެވެ. ރައާބިލްގެ ދަރިކަން އެނގުމުންވެސް ރަނީމްއަށް އަނިޔާވެރިވާން މަސައްކަތްކޮށް އަމިއްލަ އެދުން އިސްކުރީ ވެސް ހަމަ އެ ބައްޕައެވެ. "ކިހިނެއްވީ؟ ބުނާނެ އެއްޗެއް ނޭނގި ބަސް ހުސްވީތަ؟" ރައާބިލް ސުވާލުކޮށްލިއެވެ. ހަމަ ހަރުކަށިކަމާއެކުގައެވެ. "ރަނީމްއަށް ދެރަގޮތެއް ވަންދެން އަހަރެން ނުހުންނާނެކަން ޔަޤީން ކޮށްދެނީ ކިހިނެއް؟ ބައްޕައަށް އިތުބާރުނުކުރިޔަސް އަހަންނަށް އިތުބާރުކުރޭ. ރަނީމް ދެކެ އަހަރެން ލޯބިވޭ. އިންތިހާއަށް. އެންމެ ފުރަތަމަ އަހަރެން މިތަނަށް އެހީއަށް އެދި އައި ސަބަބަކި ވެސް އެއީ. ޚުދު އަހަރެންވެސް މި ހުށައަޅަނީ އަމިއްލަ ފުރާނަ ނުރައްކަލަކަށް. މިކަން ކުރަން އަހަންނަށް ވެސް ފަސޭހައެއް ނޫން. ލޯބިވާ ޢާއިލާއާ ދެކޮޅަށް މިފަދަ ކަމެއް ކުރަން އަހަންނަށް ވެސް ވަރަށް އުނދަގޫ. އެކަމަކު އަހަރެން މިހުރީ އެއިން ކޮންމެ ކަމަކާވެސް ކުރިމަތިލާން ތައްޔާރަށް. ރަނީމް ރައްކާތެރިކޮށްދެން ކުރެވެން އޮތް ކޮންމެ ކަމެއް އަހަރެން ކުރާނަން. ކޮންމެ ނުރައްކަލެއް އެ ހިސާބަށް ދާންޖެހޭނީ އަހަންނާ ކުރިމަތިލާފަ. މީގެ ކުރިން ބައްޕައާ ކުރިމަތިލި ގޮތަށް ދެންވެސް ކުރިމަތިލާނަން. ބައްޕަ އެކަންޏެއް ނޫން، ކޮންމެ މީހަކާ ވިޔަސް. ކިތަންމެ ބޮޑު ނުރައްކަލަކާ ވެސް. އަހަރެން އަމިއްލަ ނަފްސަށް ވެސް ވައުދުވިން އޭނަ ހިމާޔަތްކޮށްދޭނެކަމަށް. އަހަންނަކީ އެހާ އަމިއްލަ ބޮޑު މީހެއް ނޫން. ލޯބިވެވުނީ ގަސްތަކު ނޫން. އޭރު ރަނީމްއަކީ ކާކުކަމާ ކާކުގެ ދަރިއެއްކަމެއް ވެސް ނޭނގެ. ފުރަތަމަ ފެނިލުމުން ވެސް އަހަންނަށް ރަނީމް ހާއްސަވި. ލޯބިވީއިރު އަހަންނަށް އެއްކަމެއްވެސް މުހިންމެއް ނުވި. އަހަރެން ހަމައެކަނި ބޭނުންވީ ރަނީމްއާ އެކުގައިވުމަށް. އަހަރެމެންގެ ތަފާތުތަކާ އެކުގައިވެސް އުމުރުދުވަސް އެކުގައި ހޭދަކުރުމަށް. އޭރަކު ނޭނގެ އަހަރެންގެ ހިތުގެ ނުކިޔަމަންތެރިކަމުގެ ސަބަބުން މިހުރިހާ ކަމަކާ ކުރިމަތިލާން ޖެހިދާނެކަމަކަށް. އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ދައިސަމްގެ އެތަކެއް ނަސޭހަތަކަށްފަހުވެސް އަހަންނަށް ރަނީމްއާ ދުރުގައި ހުރެވޭ ގޮތެއް ނުވި." ނާވީ ބުންޏެވެ. އޭނަ ހާމަކުރަމުން ދިޔައީ އެހިތުގެ އަޑެވެ. ނާވީގެ ވާހަކަތަކުން ރައާބިލްއަށް ހުރެވުނީ ބަސްހުއްޓިފައެވެ. ނާވީގެ މޫނުމަތީގެ އަސަރުތައް ދޭހަކޮށްދެނީ އޭނަ އެ ކިޔައިދިނީ ތެދު ހަޤީޤަތްކަމެވެ. އޭނަ ރަނީމް ދެކެވާ ލޯބި ފާޅުކަން ބޮޑުގޮތެއްގައި ރައާބިލްއަށް ފެންނަމުން ދިޔައެވެ. އޭނަ ރަނީމްއަށް އެދޭވަރުވެސް މެއެވެ. ރަނީމްއާ މެދު އެހިތުގައިވާ އިޙްސާސްތައްވެސް މެއެވެ. އެހެންނަމަވެސް އޭނަ ބިރުގަންނަނީއެވެ. ރަނީމް ނާވީއާ ހަވާލުކުރާނީ ކިހިނަކުން ހެއްޔެވެ؟ ނާވީއަށް ރަނީމްގެ ރައްކާތެރިކަން ކަށަވަރު ކުރެވިދާނެހެއްޔެވެ؟ "އަހަންނަށް އިތުބާރުކުރޭ. އަހަރެން ހުއްޓާ ރަނީމްއަށް އެއްވެސް ގެއްލުމެއް ނުވާނެ. އެ ޔަޤީންކަން އަހަރެން ދެން." ނާވީ ބުންޏެވެ. ރައާބިލްއަށްވެސް މިފަހަރު ނާވީއާ ދިމާލަށް ނުރުހުމުގައި އެއްޗެއް ބުނާކަށް ނުކެރުނެވެ. ނާވީގެ ތެދުވެރިކަން އޭނައަށް ވަޒަންކޮށްލެވުނީތީއެވެ. ހުރިހާ ގޮތަކުންވެސް ނަމީރާ ނާވީ ތަފާތޭ ރައާބިލްގެ ހިތަށް އެރިއެވެ. އޭނަ ފުންނޭވާއެއް ދޫކޮށްލިއެވެ. "ރަނީމްއަށް އެނގޭތަ ކަލޭއަކީ ކޮން ނަސްލެއްގެ މީހެއްކަން؟" ނާވީއަށް ބަލައިލާފައި ރައާބިލް ސުވާލުކޮށްލިއެވެ. "އަހަރެން ރަނީމްއަކަށް އަހަރެންގެ ހަޤީޤަތެއް، އަހަރެންގެ ނަސްލެއް އޮޅުވައެއް ނުލަން. އަހަރެން ރަނީމްއާ އެންމެ ފުރަތަމަ ގުޅުނުއިރު، އެކަން ރަނީމްއަށް ނޭނގުނަސް، އެކަން ސިއްރުކޮށްގެން ހުރުމުގެ ހިތްވަރެއް އަހަންނަކަށް ނުލިބުނު. އެހެންވެ އަހަރެން ހުރިހާ ވާހަކައެއްވެސް ރަނީމްއަށް ކިޔައިދިނީ. އަހަރެން އޭނަގެ މައްޗަކަށް ބާރެއް ނުފޯރުވަން. އަހަރެން ބަލައިގަންނާކަށް މަޖުބޫރެއް ނުކުރަން. އަހަރެންގެ ހަޤީޤަތް އެނގުމުން އޭނަ ފުރަތަމަ ބިރުގަތްކަން އެނގޭ. އެކަމަކު އަހަންނަށް ފުރުސަތު ދިން. އަހަރެންގެ ލޯތްބަށް ފުރުސަތު ދިން..." ނާވީ ރައާބިލްއަށް ކިޔައިދިނެވެ. އޭނައާ ރަނީމްއާ ދިމާވިގޮތާއި ފަހުން ކަންތައް ވީ ގޮތްވެސް މެއެވެ. "އަހަރެންގެ ދަރިފުޅު ރައްކާތެރިކޮށްދޭތި. ކަލޭގެ ކާފައާއި ބައްޕަގެ ކައިރިން ސަލާމަތްކޮށްދޭތި. އެ އުޅާ. އެ އުޅާ އެ ދަރިފުޅުގެ އަތުން ނެގިޔަ ނުދޭތި." ރައާބިލްއަށް އާދޭހުގެ ރާގެއްގައި ބުނެވުނެވެ. އޭނަގެ ޒަމީރު ގޮވަން ފެށީ ނާވީއަށް ފުރުސަތެއް ދިނުމަށެވެ. މިވަގުތު އޭނައަށް އިތުބާރުކުރެވޭ ހަމައެކަނި މީހަކީ ނާވީއަށް ވެއްޖެއެވެ. ނާވީ ރަނީމްއަށް ގެއްލުމެއް ލިބޭފަދަ ގޮތަކަށް އެއްވެސްކަމެއް ނުކުރާނެކަމުގެ ޔަޤީންކަން ރައާބިލްއަށް ލިބިގެން ދިޔައެވެ. އެހެންނަމަވެސް، އޭނައަކަށް ނަމީރު އަދި އިންޖާބަކަށް އިތުބާރެއް ނުކުރެވޭނެއެވެ. އެމީހުންނަށް ހަޤީޤަތް އެނގިއްޖެނަމަ ދެން ވާނެ ގޮތެއް ނޭނގެއެވެ. ހުރިހާކަމެއް އަނެއްކާވެސް ބޮއްސުން ލައިގެން ހިނގައިދާނެއެވެ. "އެކަމާ ކަންބޮޑުނުވޭ. އިރާދުކުރެއްވިއްޔާ ތި ތިން މީހުން އެއްކޮށް ބައްދަލުކުރެވޭ ގޮތް ވަރަށް އަވަހަށް އަހަރެން ހަމަ ޖައްސާނަން." ނާވީ ބުންޏެވެ. އެއާއެކު ރައާބިލް ބޯ ޖަހައިލި ނަމަވެސް، އޭނަގެ ހިތުގައި ބިރުވެރިކަމެއް ވެސް ވެއެވެ. އަނެއްކާވެސް އަނިޔާވެރިކަން ފެށިގެން ހިނގައިދާނެތީ އޭނަ ބިރުގަނެއެވެ. އަދި އެކަމުން ދަރިފުޅަށާއި ސަމްރާއަށް ގެއްލުމެއް ލިބިދާނެތީވެސް ކަންބޮޑުވެއެވެ. ނާވީ އެތަނުން ނުކުމެގެން ދިޔައީ، ދެން އެންމެ އަވަހަށް އޭނަ އެތަނަށް އަންނަ ދުވަހު ރައާބިލް އެތަނުން ނެރުމުގެ އަޒުމާއެކުގައެވެ. ސަމްރާއާއި ރަނީމްއާ ރައާބިލްއާ ބައްދަލުކުރުވުމަކީ އޭނަގެ އެންމެ ބޮޑު އަޒުމަށް ވަނީ ވެފައެވެ. ***** ހުކުރު ދުވަހެކެވެ. އިރު އުދަރެހުން އުދަވެލީ ދުނިޔެމައްޗަށް އޭރެ ރަން ދޯދިތައް ފަތުރައިދެމުންނެވެ. ނިދާފައި އޮތް ޝާރިފް ފޯނުގެ އެލާރމާއެކު، މޯޅިއަކަށް ދެމިލިއެވެ. އަތް ދަމައިލުމަށްފަހު، ސައިޑް ކަބަޑު މަތީގައި އޮތް ފޯނު ނަގާ އެލާރމު ނިއްވާލާފައި ތެދުވެ ހެޑްބޯޑުގައި ލެނގިލިއިރުވެސް، އޭނަގެ ދެލޯ ރަނގަޅަށް ނުހުޅުވެއެވެ. އާފުރިލަމުން، ދެއަތް ދަމައިލުމާއެކު ހަށިގަނޑުގައި ހުރި ވާންކަން ކަނޑުވައިލަން މަސައްކަތްކުރިއެވެ. ހޭވިފައިވާ އިސްތަށިގަނޑުގައި އަތް ކާތާލަމުން މޫނުގައިވެސް އަތް އުނގުޅައިލިއެވެ. ފޯނުން ގަޑި ބަލައިލިއިރު، ހަތެއް ޖަހަނީއެވެ. އަނގަޔަށް ފާޑެއްގެ ގޮތެއް ހަދައިލެވުނެވެ. ބަންދު ދުވަހެއްނަމަ އޭނައަކީ އެއްއިރެއްގައިވެސް އެހާ އަވަހަށް ތެދުވާ މީހެއް ނޫނެވެ. އެހެންކަމުން އެ ގަޑީގައި ތެދުވުން ފަސޭހަކަމަކަށް ނުވިއެވެ. އެހެންނަމަވެސް ކަމުގެ މުހިންމުކަމާއެކު އޭނައަށް ތެދުވުން ނޫން ގޮތެއް ވެސް ނެތެވެ. އެނދުން ތެދުވެގެން ގޮސް ސްޓޭންޑުގައި އަޅުވާލާފައި ހުރި ތުވާލި ހިފައިގެން ފާޚާނާއަށް ވަތްއިރުވެސް ދެލޮލުގެ އެސްފިޔަތައް ހުރީ ކޮންމެވެސް ވަރަކަށް ތަތްލާފައެވެ. ކިރިޔާވެސް ދެލޯ ހުޅުވައިލެވޭ ވަރުވީ ފިނި ފެނުގެ އަސަރު ހަށިގަނޑަށް ކުރަން ފެށުމުންނެވެ. ފެންވަރާލައިގެން ނުކުމެ ހުދުކުލައިގެ އާދައިގެ ޓީޝާޓަކާއި، ކަޅާ ހުދު ހިމެނޭ ސޯޓެއްލަމުން އޭނަ ބޭރަށް ދާން ތައްޔާރުވެލިއެވެ. ގަޔަށް ސެންޓް ބުރުވާލައިގެން ނުކުތްއިރު ސިޓިން ރޫމު ތެރެ އޮތީ ފަޅަށެވެ. އެހެންނަމަވެސް އޭރު ބަދިގެއާ ވީ ފަރާތުން މަންމައާއި ގޭގެ އަވައްޓެރިއަކާ ކޮންމެވެސް ވާހަކައެއް ދައްކާ އަޑު އިވެއެވެ. އޭނަ އަވަސް އަވަހަށް ގޮސް ގެއިން ނުކުމެލިއެވެ. ސައިކަލަށް އަރައިގެން ބަނދަރާ ދިމާލަށް މިސްރާބުޖެހިއެވެ. ބަނދަރުގައި ރާނާފައި ހުރި ބުރުތަކުން ބުރެއްގެ ކައިރީގައި ޝާރިފް މަޑުކޮށްލިއެވެ. ގަޑިއަށް ބަލައިލިއިރު ގަޑިން ހަތްގަޑި ބައިވެއްޖެއެވެ. އޭނާގެ ނަޒަރު އިރުއިރުކޮޅަކާ ރަށަށް ބޯޓުތައް ވަންނަ ނެރާ ދިމާލަށް ދަތުރުކޮށްލައެވެ. އެގޮތުގައި އިތުރު ފަނަރަމިނެޓް ފާއިތުވެދިޔަ ފަހުން، ލޮލުގެ ކޮޅަށް އޭނަ އެ އިންތިޒާރުކުރަމުން ދިޔަ ބޯޓު ދައްކާލައިފިއެވެ. މަޑު ދުވެލީގައި އައިސް އެންމެ ފަހުން ފަޅަށް ބޯޓު ވަދެއްޖެއެވެ. އެއީ މުދާ ހިފައިގެން ދަތުރުކުރާ ބޯޓެކެވެ. އެހެންކަމުން އޭގެން މާގިނައިން ރަށަކަށް މީހުންނެއް ނާދެއެވެ. ފޭބި މަދު މީހުންތަކުގެ ތެރެއިން ޝާރިފްގެ ނަޒަރު ހޯދަމުން ދިޔަ މީހާ އޭނާއަށް ފެނުމާއެކު، ސައިކަލު މަތިން ތެދުވެއްޖެއެވެ. އެއަށްފަހު އެ ދިމާލަށް އޭނާ ހިނގައިގަތްފިއެވެ. ޝާރިފް ފިޔަވަޅުތައް އަޅަމުން ދިޔައީ އުމުރުން ފަންސާހަށްވުރެ މައްޗަށް ގޮސްފައިވާ މީހެއްކަމަށްވާ ހާމިދާ ދިމާލަށެވެ. އޭނާގެ ކޮނޑުގައި ދަބަހެއް އަޅުވާލާފައިވާއިރު، ލާފައިހުރީ ރޮނގުތަކެއް ދަމާލާފައި ހުރި ގަމީހަކާއި ފަޓްލޫނެކެވެ. އިސްތަށިގަނޑުގައި ކަޅު އިސްތައްޓަށްވުރެ ގިނައީ ނުރައެވެ. ތުނބުޅިވެސް ދިގުކޮށްލާފައިވާއިރު، ތުނބުޅިވަނީ ރަތްކުލައިން ޑައީކޮށްލާފައެވެ. ކުޑަކޮށް ފަލަކޮށް ހުއްޓެއްކަމަކު، އައިބުވާވަރެއް ނޫނެވެ. ފޭބިއިރުވެސް ހުރީ ދުފާ ރަތްކޮށްލައިގެންނެވެ. އުނަގަނޑުގައިވެސް ކުޑަ ދަބަހެއް އަޅުވާލާފައި އޮތެވެ. އޭނަގެ ނަޒަރުވެސް ވަށައިގެން ދަތުރުކުރަމުން ދިޔައެވެ. "އެކްސްކިއުޒް މީ... " ފަރާތް ފަރާތަށް ބަލަމުން ދިޔަ ހާމިދުގެ ކައިރިއަށް ހުއްޓުމަށްފަހު ޝާރިފް ގޮވައިލިއެވެ. "ހާ... ހާމިދުބޭ..." "އާނ. މީ ހާމިދުބެ... ތީތަ ޝާރިފްއަކީ؟" ދުފާލައިގެން ހުރިވަރުން ހާމިދަށް ވާހަކަ ދެއްކުމަކީވެސް ފަސޭހަކަމަކަށް ނުވިއެވެ. އޭނާ ރަތްކުޅުގަނޑެއް ޖަހައިލުމަށްފަހު، ޝާރިފްގެ ފައިން ފެށިގެން ބޮލަށް ކަޅި ހިންގައިލިއެވެ. ފަރުވާތެރިކަމާއެކު، ބަލައިލިއިރު ހީވީ އޭނަ ޝާރިފް ސްކޭން ކޮށްލިހެންނެވެ. ޝާރިފް ބޯ ޖަހައިލިއެވެ. އެއާއެކު ހާމިދު ސަލާންކުރުމަށް އަތްދިއްކޮށްލިއެވެ. ޝާރިފް އެ އަތުގައި ހިފާ ސަލާމްކޮށްލިއެވެ. ދޯނީގައި ހުރި ހާމިދުގެ ދެ ފޮށި ބޭލުމުން ޝާރިފްއަށް ހާމިދަށް ބަލައިލެވުނީ އެ ހުރިހާއެއްޗެއް ސައިކަލުގައި ނުގެންދެވޭނެތީއެވެ. "ކިހިނެއްވީ؟" ހާމިދު ސުވާލުކޮށްލިއެވެ. "ސައިކަލުގައި ހުރިހާ އެއްޗެއް ނުގެންދެވޭނެތީ. މަޑުކުރޭ... " އެހެން ބުނެލާފައި ޝާރިފް ގުޅައިލީ ގެސްޓް ހައުސްގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހަކަށެވެ. ބަގީގައި އަންނަން ބުނެފައި އޭނަ ހާމިދަށް ބަލައިލިއެވެ. "ގެސްޓް ހައުސްއެއްގައޭ ދޯ ބުނީ ކޮޓަރި ހަމަޖައްސާފަ ހުންނާނީ... " ހާމިދު ސުވާލުކޮށްލުމުން ޝާރިފް ބޯ ޖަހައިލިއެވެ. ބަގީ އަންނަންދެން އެމީހުން ފޮށިތައް ހިފައިގެން ގޮސް މަޑުކޮށްލީ ޝާރިފްގެ ސައިކަލު ބަހައްޓާފައި ހުރި ބުރު ކައިރީގައެވެ. "އަހަރެމެން އެއްބަސްވި ގޮތަށް ހުރިހާކަމެއްވެސް ވާނެ ދޯ." ހާމިދު ސުވާލުކޮށްލިއެވެ. "މިރަށުގައި ހުންނަ ދުވަސްތަކުގައި ދާނެ ޚަރަދަކާ މެދު ކަންބޮޑުވާނެކަމެއް ނެތް. އެއްބަސްވެވިފަ އޮތް ގޮތަށް ހުރިހާކަމެއްވެސް އަހަރެން ހަމަޖައްސާނަން. އެކަމަކު އަހަރެން ބޭނުންވާކަންތައް ވާން ޖެހޭނެ." ޝާރިފް ބުނެލިއެވެ. "އެކަމަކާ އެކޮއި ހާސްވާނެ ކަމެއް ނެތް. ހާމިދުބޭ ޝާރިފް ތި ބޭނުންވާ ކަންތައް ކޮށްދޭނަން. އެކަމަކު އެޑްވާންސް ކަންތައްވާނެ މަސައްކަތް ފެށުމުގެ ކުރިން ނިންމާލަން." ހާމިދު ބުނެލިއެވެ. "އެއްވެސް މައްސަލައެއް ނޯންނާނެ. ފަންސާސް ހާހޭއެއްނު ބުނީ. އެވަރު މިރޭ ޖަމާކޮށްލަދޭނަން. އެކަމަކު ބާކީ ބައި ލިބޭނީ އަހަރެން ބޭނުންވާ ކަންތައްވީމަ." ޝާރިފް ބުނެލިއެވެ. "އެ ހުންނަނީ އެހާ އުނދަގޫ ކަންތައްތަކެއް ނޫނޭ. " ހާމިދު ކުޑަކޮށް ހީނލިއެވެ. "މީގެ ކުރިން ވެސް އަހަންނަކީ ތި ކަހަލަ ކިތަންމެ ކަމެއް، އެކި އެކި މީސް މީހުންނަށް ކޮށްދިން މީހެއް. ޝާރިފްގެ އެކުވެރިޔާ ނުބުނޭތަ؟ އަހަރެން މީގެ ކުރިން ކޮށްދިން އެކަހަލަ އެއްވެސް ކަމެއް ނެތް ގޯސްވެފަ ނެތް ވާހަކައެއް." ހާމިދުގެ އަޑުގައިވަނީ ޔަޤީންކަމެކެވެ. "އަހަންނަށް އިތުބާރުކުރޭ. ތިޔަ ބޭނުންވެގެން އުޅޭ އަންހެން މަންޖެ އިސާހިތަކު ލިބިދާނެ." (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ