ވިކްޓްރީ ސްޕޯޓްސް ކްލަބާ އެކު އޭނާ އަށް ލިބިފައި މި އޮތް ފުރުސަތުގައި ރަނގަޅު މަސައްކަތްތަކެއްކޮށް ނަތީޖާ ނެރެން ބޭނުންވާ ކަަމަށް ވިކްޓަރީގެ ކޯޗު، ސްލޮވާކިއާގެ ޔުއެފާ ޕްރޯ ލައިސަންސް ކޯޗު، ޖޯޖްލީ ގެރީ ބުނެފި އެވެ.
ވިކްޓަރީއާ ހަވާލުވެ، ގެރީ ފުރަތަމަ ފަހަރަށް މިއަދު މެޗަކަށް ނުކުންނާނެ އެވެ. އޭނާ ފުރަތަމަ ވެސް ނުކުންނަން ޖެހިފައި މި އޮތީ ލީގުގައި އެންމެ ވަރުގަދަ އެއް ޓީމު، އަދި ވިކްޓަރީގެ ޒަމާންވީ ވާދަވެރިޔާ، ނިއު ރޭޑިއަންޓާ ދެކޮޅަށެެވެ.
ގެރީ ބުނީ، ނިއު އަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި ވަރަށް ފުރިހަމަ އިންޑިވިޖުއަލް ކަންކަން ވެސް އެބަހުރި ކަމަށެެވެ.
"(ނިއު އިން ކުޅުނު) ތިން މެޗަށް ބަލާއިރު އެ މީހުން 10 ގޯލު ޖެހިއިރު ކޮޅަށް ލަނޑެއް ނުވަދޭ. އޭގެއިން ވަރަށް ގިނަ ކަންކަން ބުނެދޭ. އަހަރެމެންނަށް ކުރިމަތީގައި މި އޮތީ ވަރަށް އުނދަގޫ މެޗެއް، އެކަމަކު، އަހަރެމެންގެ ވެސް ކޮލިޓީ އެބަހުރި، މި މެޗަށް ޒިންމާ ނަގައިގެން ތައްޔާރުވަމުން މި އަންނަނީ، ވަރަށް މުހިންމު އެ ޓްރެއިނިންގައި އެ ކުރި ރަނގަޅު ކަންކަން މެޗަށް ޓްރާންސްފާ ކުރުން. ވަރަށް ވަރަށް ރަނގަޅު އިންޑިވިޖުއަލް އަދި ޓީމު ކުޅުމެއް މި މެޗުގައި ބޭނުންވާނެ ކާމިޔާބު ހޯދަން،" ގެރީ ބުންޏެވެ.
"އެންމެ މުހިންމު ކަމަކީ ނަތީޖާ ނެރުން، އަހަރެމެން ވެސް ކާމިޔާބު ހޯދަން ބޭނުން، އެންމެ މައްޗަށް ވީހާވެސް ގާތަށް ދިއުން،"
އޭނާ ބުނީ، މެޗުގެ ކުރިން ގިނަ ޓެކްޓިކަލް ވާހަަކަ ދައްކައިގެން ނޫނީ ވިކްޓަރީން ގެންނާނެ ބަދަލުތަކާ ގުޅޭ ގިނަ މައުލޫމާތުތަކެއް ދޭން ބޭނުމެއްނުވާ ކަމަށެވެ.
"ފުރަތަމަ މެޗަށް ފަހު ފެންނާނެ އަހަރެމެން ގެންނަ ބަދަލުތަކެއް. މާލެ އަކީ ކުޑަތަނެއް، މިތަނަކު ކަމެއް ސިއްރެއް ކުރެވޭނެ ކަމަށް ނުފެނޭ. އަހަރެން ބޭނުމެއް ނުވޭ ޓެކްޓިކްސް ވާހަަކަ ދައްކަން، ވަކިވަކި މައުލޫމާތު ލިބޭ ވާހަކަތަކެއް ހިއްސާކުރަން،" ގެރީ ބުންޏެވެ.
ވިކްޓަރީގެ ކޯޗުކަމާ ގެރީ ހަވާލުވި ފަހުން، އެ ޓީމުން ކުޅުނު ފުރަަަތަމަ މެޗަކީ، އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެ، 3-2 އިން ބަލިވި މެޗެވެ. ގެރީ ބުނީ އޭނާ އަށް އޮޑިއާ ދެކޮޅަށް ވިކްޓަރީން ކުޅުނު މެޗު ފެނުނު ކަމަށާއި އެ މެޗަށް ފަހު، ދެ ދުވަހުގެ ބްރޭކެއް ކުޅުންތެރިންނަށް ދީ، ޖެހިޖެހިގެން 20 ދުވަހު ޓްރެެއިނިން ކަންކަން ރަނގަޅަށް ކުރިއަށް ގެންދެވުނު ކަަމަށެވެ.
އޭނާގެ މަސައްކަތް ވިކްޓަރީގައި ކުރިއަށްގެންދާއިރު، ކުޅުންތެރިންގެ ފަރާތުން ލިބޭ އެއްބާރުލުން ވެސް ރަނގަޅު ކަމަށާއި ޓީމު ކުރިއަރުވަން ކުރަން ޖެހޭ މަސައްކަތްތައް ފާަހަގަކުރެވިފައިވާ ކަމަށް ގެރީ ވަނީ ބުނެފަ އެވެ. ނިއުއާ ދެކޮޅަށް ނަތީޖާއެއް ހޯދުމަށް ވިކްޓަރީގެ ވެސް ޕްލޭނެއް އެބައޮތެވެ.
"ނިއުގެ ޑިފެންސް ވެސް ވަރުގަދަ، މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅެން އެ މީހުން ގަސްދުުކުރަނީ. އަހަރެމެން ވެސް ޒިންމާދާރުކަމާ އެކު ތައްޔާރު މި ވަނީ، އަހަރެމެން ބޭނުމީ އެ މީހުންގެ ވަރުގަދަ ކަންކަން ފެނުނަނުދޭން. އަހަރެމެން ބޭނުމީ އެ މީހުން ހައިރާންވާވަރުގެ ކުޅުމެއް އެޓޭކުގައި ދައްކައިދޭން،" ގެރީ ބުންޏެވެ.
މިއީ، ހަ އަހަރަށް ފަހު، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވިކްޓަރީ އާއި ނިއުގެ ފުރަތަމަ ކުރިމަތިލުމެވެ. މި ދެ ޓީމު އެންމެ ފަހުން ވާދަކޮށްފައިވަނީ، ދެ ވަަނަ ޑިވިޝަނުގަ އެވެ. މިއަދު ހަވީރު މި ދެ ޓީމު ކުޅޭ މެޗު ފަށާނީ، 15:50 ގަ އެވެ.
މެޗުގެ ކުރިން ގިނަ ވާހަކަ ދެއްކުމަށް ވުރެން ވިކްޓަރީ ކޯޗުގެ ފޯކަސް ނަތީޖާ ނެރުމަށް މެޗުގެ ކުރިން ގިނަ ވާހަކަ ދެއްކުމަށް ވުރެން ވިކްޓަރީ ކޯޗުގެ ފޯކަސް ނަތީޖާ ނެރުމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ