ކުންފުނިތަކަށް ދަރާފައި އޮތް ފައިސާގެ މައުލޫމާތު ދޭން ދެކޮޅު ހަދައިފި

ސަރުކާރު ކުންފުނިތަކާއި އެކިއެކި މިނިސްޓްރީތަކުން ސަޕްލަޔަރުންނަށް ނުވަތަ ކުންފުނިތަކަށް ދަރާފައި އޮތް ފައިސާގެ ތަފުސީލު ދޭން ފިނޭންސް މިނިސްޓްރީން ދެކޮޅު ހަދައިފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު، މި މަހު ދެވަނަ ދުވަހު ވަނީ ކުރިއަށް އޮތް ފަސް ހަފުތާ ތެރޭ، ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ނުދައްކާ ހުރި ފައިސާ ދައްކައި، ޚަލާސްކުރާނެ ކަމަށް ވިދާޅުވެފައެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާގެ ތަފުސީލު ހޯދަން 'ސަން'އިން އެދުނީ އޮގަސްޓް މަހުގެ 17 ވަނަ ދުވަހެވެ. އެ ހުށަހެޅުމަށް މަހެއްވީ ފަހުން ފިނޭންސުން މިދިޔަ މަހު ވަނީ ވަކި މުއްދަތެއް ނެތް ކަމަށް ބުނެ، ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާގެ ތަފުސީލު ދެވެން ނެތް ކަމަށް އަންގާފައެވެ. އެ ނިންމުން ރިވިއުކުރަން އެދުމުން ފިނޭންސުން އިއްޔެ ވަނީ ޖަވާބުދޭން ނިންމާފައެވެ. އެކަމަކު، ހޯދަން އެދުނު އެއްވެސް މައުލޫމާތެއް ފޯރުކޮށްދީފައެއް ނުވެއެވެ. https://sun.mv/212911 ފިނޭންސް މިނިސްޓްރީން އިއްޔެ ލިޔުމުން ފޮނުވި ޖަވާބުގައި ބުނީ، ކޮންޓްރެކްޓްތައް ހަދާފައި ހުންނާނީ އެހެން މިނިސްޓްރީތަކާއި ކުންފުނިތަކާ ދެމެދުގައި ކަމަށެވެ. އެހެންވެ، ފިނޭންސް މިނިސްޓްރީއަށް އެ މައުލޫމާތު ނުދެވޭނެ ކަމަށް އެ ޖަވާބުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން، ވަކިވަކި ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާގެ މައުލޫމާތު ހިއްސާކުރާނީ އެ ސަޕްލަޔަރުން ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދަރާފައި އޮތް ފައިސާގެ މައުލޫމާތު ފިނޭންސް މިނިސްޓްރީން ނުބަލަހައްޓާ ކަމަށާއި އެ މައުލޫމާތު ހޯދަންޖެހޭނީ ކުންފުނިތަކުން ވަކިވަކިން ކަމަށް ޖަވާބުގައި މިނިސްޓްރީގެ ރިވިއު ކޮމިޓީން ވަނީ ބުނެފައެވެ. އެކަމަކު، ފާހަގަކޮށްލެވޭ ގޮތުގައި ހުރިހާ މިނިސްޓްރީއަކަށް ވެސް އަދި ކުންފުނިތަކަށް ވެސް ބަޖެޓުން ފައިސާ ދޫކުރަނީ ފިނޭންސް މިނިސްޓްރީންނެވެ. ސަޕްލަޔަރުންނަށް ދަރާފައި އޮތް ފައިސާގެ މައުލޫމާތު ދޭން މިނިސްޓްރީން ދެކޮޅު ހެދިއިރު، މަރުކަޒީ ބޭންކް (އެމްއެމްއޭ)އިން ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ނަގަނީ ސަޕްލަޔަރުންނަށް ފައިސާ ދައްކަން ކަމަށް ފިނޭންސްގެ އިސް އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. އެމްއެމްއޭއިން އެގޮތަށް ފައިސާ ނެގުމަކީ ޗާޕުކުރުން ކަމަށް ވިދާޅުވެ، އިގުތިސާދީ ދާއިރާގެ ތަޖުރިބާކާރުންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. https://sun.mv/212879 އެކަމަކު، ރައީސް މުއިއްޒު ވަނީ އެމްއެމްއޭއިން 2.5 މިލިއަން ޑޮލަރު ނެގުން ދޮގުނުކުރައްވައި، ފައިސާ ޗާޕުނުކުރާނެ ކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނު އެފަދައިން ވިދާޅުވި ނަމަވެސް، ޕެންޝަން އޮފީހުގެ ބޯޑުން ނިންމާފައި އޮތް ގޮތަށް އެ މުއާމަލާތް ހިންގައިފި ނަމަ އިގުތިސާދީ ގޮތުން ނުކުންނާނީ ފައިސާ ޗާޕުކުރުމުގެ ނަތީޖާ ކަމަށް އިގުތިސާދީ ދާއިރާގެ ބޭފުޅުން ގަބޫލުކުރައްވައެވެ. އެގޮތުން، އެމްއެމްއޭއިން ޕެންޝަން އޮފީހުގެ ފިސްކަލް ޓޫލްއަކަށް އިންވެސްޓްކުރުމުން އެ ފައިސާއިން ޕެންޝަން އޮފީހުން އިތުރު ޓޫލްއަކަށް އިންވެސްޓްކުރުމުން އެ ފައިސާ ލިބެނީ ސަރުކާރަށެވެ. ސަޕްލަޔަރުންނަށް ދަރާފައި އޮތް ފައިސާ ރޯދަމަހުގެ ކުރިން ދައްކާ ނިންމާނެ ކަމަށް ވެސް ކުރިން ރައީސް މުއިއްޒު ވިދާޅުވިއެވެ. އެކަމަކު، އެ ފަހަރު އެ ފައިސާ ދައްކާފައެއް ނުވެއެވެ. ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާގެ މައުލޫމާތު ދޭން ފިނޭންސް މިނިސްޓްރީން ދެކޮޅު ހެދިއިރު އިދިކޮޅު ސިޔާސީ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ކުންފުނިތަކަށް ދޭންޖެހޭ 14 ބިލިއަނެއްހާ ރުފިޔާ އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ