ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރަން ފަށައިފި

ލ. ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
ވީ ކިހިނެއް؟ - އެއާޕޯޓު ތަރައްގީކުރުމުގެ އިތުރުން ފޮނަދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރަން އެމްއޭސީއެލްއާ ހަވާލުކުރީ ރައީސް މުހައްމަދު މުއިއްޒު ލ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރޭ އެ އަތޮޅު ފޮނަދޫގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވީ:
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު
އެ މަޝްރޫއުގައި ހިމެނޭ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ހެނދުނު ވަނީ ފަށާފަ އެވެ. އެ މަސައްކަތް އިފްތިތާހުކޮށްދެއްވީ މިނިސްޓަރު ޒަމީރެވެ.
ބުނީ ކީކޭ؟ - ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި، އެ މަޝްރޫއަކީ އެ ސަރަހައްދުގެ ތަރައްގީ އާއި އެ ސަރަހައްދާ ގުޅޭ ގޮތުން އެ މަނިކުފާނު ވެވަޑައިގަތް ވައުދުފުޅުތައް ފުއްދުމުގައި ވެސް މުހިންމު މަޝްރޫއެކެވެ. އެ މަނިކުފާނު ވިދާޅުވީ އެ މަސައްކަތް ވީހާ ވެސް އަވަހަށް އަދި އެންމެ ރަނގަޅު ފެންވަރުގައި އެމްއޭސީއެލްއިން ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މިއަދުން ފެށިގެން ކުރިއަށް އޮތް، ގާތްގަނޑަކަށް ތިން އަހަރު (36 މަސް) ތެރޭގައި ހުރިހާ ކަމެއް ނިންމުން އެއާޕޯޓުގެ. އެއަށްވުރެ ވެސް ކުރިއަށް ނިންމޭތޯ އެމްއޭސީއެލްއިން މަސައްކަތް ކުރާނެ،" ރައީސް ވިދާޅުވި އެވެ.
އެ މަޝްރޫއުގެ ބައެއް ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވި ގޮތުގައި:
ޖުމްލަ 144 ހެކްޓަރުގެ ބިން ހިއްކާނެ؛ އެއީ ފޮނަދޫއަށް 30 ހެކްޓަރު އަދި އެއާޕޯޓުގެ ބޭނުމަށް 114 ހެކްޓަރު
އެއާޕޯޓު ތަރައްގީކުރަނީ 2،800 މީޓަރުގެ ރަންވޭއަކާ އެކު އިންޓަނޭޝަނަލް ފެންވަރަށް
ބިން ހިއްކާނީ މިހާރު ކައްދޫގައި ހުރި އެމްއެންޑީއެފް މަރުކަޒު އެހެން ތަނަކަށް ބަދަލުކުރަން ނުޖެހޭ ގޮތަށް
ބިން ހިއްކުމުގެ މަސައްކަތް ގިނަވެގެން އެއް އަހަރުގެ ތެރޭގައި ނިންމޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ