ރައްޔިތުން ގާތަށް އައިސް، ބޭނުންވާ ގޮތަށް ކަންކަން ކޮށްދިނުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް: ރައީސް
ރައްޔިތުން ގާތަށް ވަޑައިގެން، ރައްޔިތުން ބޭނުންވާ ކަންކަން ފަހިކޮށްދިނުމަކީ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު ގެންދަވަނީ ސިލްސިލާ ގޮތެއްގައި ރާއްޖޭގެ ރަށްރަށަށް ޒިޔާރަތްކުރައްވަމުންނެވެ. މިހާރު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މާބައިދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނު ރަށްރަށަށް ވަޑައިގަންނަވަނީ ރައްޔިތުން ބޭނުންވާ ކަންކަން ފަހިކޮށްދެއްވަން ކަމަށެވެ. އެއީ، އެ މަނިކުފާނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް މުއިއްޒު، މާބައިދޫގައި: އެ މަނިކުފާނު ވިދާޅުވީ ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ގާތުން ޚިދުމަތްކުރަން ބޭނުންފުޅުވާ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް "އަޅުގަނޑު ރައްޔިތުން ގާތަށް މި އައީ، ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭން. ރައްޔިތުން ބޭނުންވާ ކަންކަން ގާތުން އަޑުއަހަން. ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުން ވިދާޅުވުމަށް ފުރުސަތު ދިނުމަށް،" ވާހަކަފުޅު ނިންމަވާލައްވަމުން އެ މަނިކުފާނު ވިދާޅުވިއެވެ. "އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެއް ރައްޔިތުން ގާތަށް އައިސް ރައްޔިތުން ބޭނުންވާ ކަންކަން އަޑުއަހައި، ރައްޔިތުން ބޭނުންވާ އަމާޒަށް ކަންކަން ފަހިކޮށްދިނުން. އެއީ އަޅުގަނޑުގެ ޒިންމާ، މަސްއޫލިއްޔަތު،" ރައީސް މުއިއްޒު ވިދާޅުވީ، މާބައިދުއަށް އެ މަނިކުފާނު ވެލެއްވި ވައުދުފުޅުތައް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ފުރިހަމަކޮށްދެއްވާނެ ކަމަށެވެ. އެ މަނިކުފާނު ވަނީ އެ ކަމުގެ ޔަގީންކަން އަރުވާފައެވެ. އެ މަނިކުފާނު ގެންދަވަނީ ސިލްސިލާ ގޮތެއްގައި ރަށްރަށަށް ޒިޔާރަތްކުރައްވަމުންނެވެ. އެގޮތުން، މި ހަފުތާގައި އަންނަނީ ލ. އަތޮޅުގެ ރަށްރަށަށް ވަޑައިގަންނަވަމުންނެވެ. އެ މަނިކުފާނު ވަނީ ރާއްޖޭގެ ހުރިހާ ކައުންސިލަކާ ވެސް މަޝްވަރާ ބައްދަލުވުންތައް އެ ރަށްރަށަށް ވަޑައިގެން ބާއްވަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ