އެކެޑަމީ މިއުޒިއަމް ގާލާގެ ރަތް ދޫލަ މަތިން ތަރިންގެ އެންމެ ހުތުރު އަދި ހިތްގައިމު ހެދުންތައް

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެމެރިކާގެ ލޮސް އެންޖެލިސްގައި ބޭއްވި ފަސް ވަނަ އަހަރީ އެކެޑާމީ މިއުޒިއަމް ގާލާގައި މުނިފޫހިފިލުވުމުގެ ދާއިރާގެ އެންމެ އަލިގަދަ ތަރިން ބައިވެރިވެ އެމީހުންގެ އެންމެ ފުރިހަމަ ހެދުންތައް ދައްކާލި އެވެ. އެމެރިކާގެ އެކެޑަމީ މިއުޒިއަމް އޮފް މޯޝަން ޕިކްޗާސްއިން ކޮންމެ އަހަރަކު ބާއްވާ މި ބޮޑު ހަފްލާއަށް މީހުން 'ވެސްޓް ކޯސްޓް ގާލާ' އޭ ކިޔާ އުޅެނީ އެ ހަފްލާގެ ރަތް ދޫލަ މަތިން ފެންނަ ސެލެބްރިޓީންގެ އާދަޔާ ހިލާފު ހެދުންތަކުގެ ސަބަބުންނެވެ.
މި އަހަރުގެ ހަފްލާގައި ބައިވެރިވި ގިނަ ސެލެބްރިޓީން ލައިގެން ތިބީ އެ ހާއްސަ ހަފްލާއާ މުނާސަބު ހެދުންތަކެކެވެ. ފާހަގަވި ބައެއް ޓްރެންޑުތަކަށް ވެސް އަޅުގަނޑު އަލިއަޅުވާލާނަމެވެ. މިކަހަލަ ފުރުސަތެއްގައި އާއްމުކޮށް ތަރިން 'ފެޝަން ރިސްކް' ނަގައި އާދަޔާ ހިލާފު ހެދުން ވެސް ލައި އުޅެ އެވެ. އެކަމަކު އެކަހަލަ ކަމެއް ފުރިހަމައަށް ނުކޮށްފި ނަމަ 'އެންމެ ހުތުރު' ހެދުންތަކުގެ ލިސްޓުގައި ހިމެނުން އެކަށީގެންވެ އެވެ.
ދުނިޔޭގެ އެންމެ ވިދާ ސެލެބްރިޓީން އެއްވާ ހަފްލާއެއްގައި އެންމެ ފަހުގެ، ޒަމާނީ ހެދުމާއި ސޫޓު ސްޓައިލްތައް ރަތް ދޫލަ މަތިން ފެނުން އެކަށީގެންވެ އެވެ. އެގޮތުން މިފަހަރު ގިނަ އަދަދެއްގެ ތަރިން ވަނީ މިދިޔަ މަހު ބޭއްވި ފެޝަން ވީކްތަކުގައި ދައްކާލި އެންމެ ފަހުގެ 'ހައި ފެޝަން' ބްރޭންޑުތަކުގެ ހެދުންތައް ލައިފަ އެވެ.
'ބޯލް ގައުން' ސްޓައިލުގެ ހެދުމަށް ވުރެން ގިނައިން ފާހަގަވީ ޒަމާނީ 'ކޮލަމް' ސްޓައިލުގެ ނޫނީ 'ޓްރަމްޕެޓް' އަދި 'އޭ-ލައިން ސްޓައިލުގެ 'ސިލުވެޓް' އެވެ. ގިނަ ހެދުންތައް ގޮތް ބޮޑެއް ނޫނެވެ. އަދި އާދައިގެ ސާދާ ސްޓައިލްތައް ވެސް ހިމެނެ އެވެ. 
އާއްމުކޮށް ގާލާ އިވެންޓުތަކަކީ ރަސްމީ ސޫޓާއި ގައުން އެކަށީގެންވާ މުނާސަބަތެކެވެ. އެގޮތުން ވަކި 'ސިލުވެޓްތަކަކާ'އި ކުލަތަކެއް އާއްމުކޮށް އެ ސެލެބްރިޓީންގެ ސްޓައިލިސްޓުން ބޭނުންކުރެ އެވެ. މި އަހަރުގެ އެކެޑަމީ މިއުޒިއަމް ގާލާއިން ވެސް ފާހަގަވީ ކަޅު ކުލައިގެ ހެދުމާއި ސޫޓު ގިނަ ކަމެވެ. މީގެ އިތުރުން ހުދު، ރަތް އަދި 'ބެރީ' ނުވަތަ ދަނބު ކުލައިގެ އެކި ޝޭޑުތައް ހިމެނުނެވެ. ގަދަ ނޫ ކުލައިގެ އެކި ޝޭޑުތަކުގެ ހެދުންތައް ވެސް ފެނުނެވެ.
މި ލިސްޓުގެ އެއްވަނަ އެންމެ ހައްގުވަނީ ފިލްމީ ތަރި ޖެނާ އޯޓޭގާ އަށެވެ. ޖެނާ އޯޓެގާ އާއި އޭނަގެ ސްޓައިލިސްޓު އެންރިކެ މެލިންޑެޒް ވަނީ ފާއިތުވި ފަހުގެ 'ރެޑް ކާޕެޓް' އިވެންޓުތަކަށް ހަމައެކަނި އަންހެނުން ހިންގާ ފެޝަން ބްރޭންޑުތައް ލައިފަ އެވެ. އެގޮތުން މިފަހަރު ޖެނާ ލައިގެން ހުރީ ޑިޒައިނާ ގްރޭސް ލިންގްގެ އެންމެ ފަހުގެ ކަލެކްޝަނުގެ ހެދުމެކެވެ. ޖެނާގެ މި ހެދުމަކީ ޒަމާނީ އަދި ލަތީފީ ސްޓައިލުގެ ހެދުމެއް އެންމެ މުނާސަބުކޮށް ލެވޭނެ ކަމުގެ ފުރިހަމަ މިސާލެކެވެ.
މިދިޔަ އަހަރު ނުކުތް ފިލްމު 'ދަ ސަބްސްޓަންސް'ގެ ތަރި ޑެމީ މޫ ލައިގެން ހުރި ދިގު ބާގަންޑީ ހެދުމަކީ އިޓަލީގެ މަޝްހޫރު ބްރޭންޑު ޕްރާޑާގެ އުފެއްދުމެކެވެ. އޭނާގެ ޒަމާނީ އެކަމަކު ހިތްގައިމު ހެދުމާ އެކު އިސްތަށިގަނޑާއި މޭކަޕް ސްޓައިލް އަދި ގަހަނާ ގުޅުވާފައި ވަނީ ވަރަށް ފުރިހަމަކޮށެވެ.
މިއުޒިޝަން ލެނީ ކްރެވިޓްޒްގެ ދަރިފުޅު ޒޯއީ ކްރެވިޓްޒްގެ މުށި ކުލައިގެ ހެދުމަކީ މަޝްހޫރު ބްރޭންޑު ސެއިންޓް ލޮރަންގެ އުފެއްދުމެކެވެ. އާއްމުކޮށް ޒޯއީ ލައި އުޅެނީ ގަޔަށް ހިފާފައި ހުންނަ ހެދުމެވެ. އެކަމަކު މި ހަފްލާއަށް އޭނާގެ ސްޓައިލިސްޓް ޑެނިއެލް ގޮލްޑްބަގް ވަނީ ހެދުން ސްޓައިލް ތަފާތު ކޮށްލައިފަ އެވެ. އަދި 'ގާލާ ނައިޓް'އަކަށް މި ހެދުން ވަރަށް އެކަށީގެންވެ އެވެ.
ރޭގަނޑުގެ ހަފްލާއަކަށް މުނާސަބު ރީތި ހެދުންތަކެއް ރަތް ދޫލަ މަތިން ފެނުނެވެ. އެގޮތުން މޮޑެލް ކާޔާ ގާބާގެ ހުދު 'ޖިވޯންޝީ' ލޭސް ހެދުން އޭނާގެ ހަށިގަނޑުގެ ބައްޓަމަށް ވަރަށް ފުރިހަމަ އަދި ޒުވާން ސިފައެއް ގެނެސްދިނެވެ. މި އަހަރު ނުކުތް ފިލްމު 'ވަން ބެޓްލް އާފްޓަ އަނަދަ' ގެ އެކްޓްރެސް ޗޭސް އިންފިނިޓި މި ހަފްލާގައި ފެނުނީ ވަރަށް ނަލަ ވިލު ނޫ ކުލައިގެ ހެދުމެއްގަ އެވެ. މަޝްހޫރު ބްރޭންޑު ލުއީ ވުތޮން ފަރުމާކޮށްފައިވާ މި ދިގު ހެދުމުގައި ނަގާފައިވާ ރޫތައް ކޯސެޓަކުން ފެށިގެން ފަސްބަޔާ ހަމަޔަށް ނަލަކޮށް ފައިބާފައި ހުއްޓެވެ. އެކްޓްރެސް ޖޯއީ ކިންގް އަދި ރެބެކާ ހޯލް ލައިގެން ހުރީ ކަޅު ކުލައިގެ އެކަމަކު ވަރަށް ތަފާތު ހެދުންތަކެކެވެ.   
ކޮންމެ ބޮޑު އިވެންޓެއްގައި ވެސް ފިރިހެން ސެލެބްރިޓީންގެ ސްޓައިލް ހުންނަނީ ދާދި އެއްގޮތަކަށެވެ. އެއީ ޓަކްސީޑޯ އާއި ސޫޓާއި ޓައީ އެވެ. އެކެޑަމީ މިއުޒިއަމް ގާލާގައި ވެސް ގިނަ ތަރިން ތިބީ ކަޅު ސޫޓައި ފަޓުލޫނު ލައިގެނެވެ. އެކަމަކު ގަޔަށް ހެޔޮވަރުކޮށް ލައިފައި ހުރި ސޫޓު މަދެވެ. ތަފާތު ގޮތަކަށް ތައްޔާރުވެފައި ތިބި ތަރިންގެ ތެރެއިން އެންމެ ފުރަތަމަ ފާހަގަކޮށްލަން ބޭނުންވަނީ ފިިިލްމީ ތަރި ލޯގަން ލާމަން އެވެ. އޭނަގެ މުޅި ހެދުން ފަރުމާކޮށްފައިވަނީ ސެއިންޓް ލޮރަން ބްރޭންޑް އެވެ. އެ ބްރޭންޑުގެ އެންމެ ފަހުގެ ކަލެކްޝަނުގެ ހެދުމެކެވެ.
އެކްޓަރު ކޮލްމަން ޑޮމިންގޮ އަކީ މި ފަހުގެ ފިރިހެން ފެޝަން ތަރިންގެ ލިސްޓުގައި ހިމެނޭ އެކެކެވެ. އަދި އޭނާ މި ހަފްލާއަށް ލައިގެން ހުރި ރަން ޖަކެޓު ގުޅުވާލައިފައި ހުރީ ކަޅު 'ފްލެއާޑް' ފަޓުލޫނަކާއި ހިތްގައިމު ގަހަނާއާ އެކު އެވެ.
މަޝްހޫރު އެކްޓަރު ޖެފް ގޮލްޑްބްލަމްގެ އަމިއްލަ ސްޓައިލްއަކީ ތަފާތު އަދި އަމިއްލަވަންތަ ސްޓައިލްއެކެވެ. ގާލާއަށް އޭނާ ލައިގެން ހުރީ 'ޕަފް ޖެކެޓް' އަކާއި ގުޅުވާލައިފައި ހުރި ސޫޓާއި ފަޓުލޫނެކެވެ. އަދި ހެދުމުގައި އެކްސެސަރީޒް ބޭނުންކޮށްފައި ހުރި ގޮތް ނަލަ އެވެ. އުމުރުން ދުވަސްވީ ފިރިހެނަކަށް ވެސް ޒަމާނީ ސްޓައިލްއަކަށް ހެދުން ލެވިދާނެ ކަން އޭނާ ވަނީ ސާބިތުކޮށްދީފަ އެވެ. 
މީހުން ބުނެ އުޅެ އެވެ. މުއްސަނދިކަމާއި މަޝްހޫރުކަން ލިބުނަސް އޭގެ ސަބަބުން އަދި ސްޓައިލްއެއް ނުލިބޭނެ އެވެ. އޭގެ ފުރިހަމަ މިސާލަކީ ކާޑޭޝިއަން އާއި ޖެނާގެ ދެބެންނެވެ. އަދި މި ލިސްޓުގެ އެންމެ ކުރީގައި ހިމެނެނީ ކިމް ކާޑޭޝިއަން އެވެ.
ކިމް ކާޑޭޝިއަން އަކީ ރިއެލިޓީ ޓީވީ ސެލެބްރިޓީއެއްގެ އިތުރުން އެހެން އެއްވެސް ހުނަރަކުން ފާހަގަވެފައިވާ މީހެއް ނޫނެވެ. އެހެންކަމުން އޭނާއަށް ކުރެވޭނެ އެންމެ އެކަށީގެންވާ ކަމަކީ އާދަޔާ ހިލާފު ހެދުން ލައި ދައްކާލުމެވެ. 
ގާލާގެ ރަތް ދޫލަ މަތިން ފެންނަން ހުރީ ކިމް ކާޑޭޝިއަން ކަން ގިނަ ބަޔަކަށް ނޭނގުނެވެ. މަގުބޫލު ބްރޭންޑު މޭސަން މަޖެލާގެ ފަހުގެ އުފެއްދުމެއް ލައިގެން ކިމް ހުރީ މޫނު މަތީގައި ފޮތިގަނޑެއް ބަނދެގެނެވެ. މިއީ ވަރަށް ތަފާތު 'ލުކް' އެކެވެ. އެކަމަކު މިކަހަލަ ގާލާއަކަށް މިއީ އެންމެ އެކަށީގެންވާ ލުކްއެއް ނޫނެވެ. ލައިގެން ހުރި ސްޓައިލްއިން ދައްކަން ބޭނުންވަނީ ކޮން ކަމެއްކަން ވެސް ޔަގީނެއް ނޫނެވެ. ފަހަރެއްގައި މިއީ ކިމް ކާޑޭޝިއަންގެ 'ހައި ފެޝަން ހެލޮވީން ލުކް'އެއް ބާވެ އެވެ.  
ކިމްގެ ކޮއްކޮ ކެންޑަލް ޖެނާ ވެސް މި ހަފްލާއަށް ލައިގެން ހުރީ އާދައިގެ ކަޅު ހެދުމެކެވެ. މުއްސަނދި އާއިލާއަކަށް ނިސްބަތްވާ، ކެމެރާތަކުގެ ކުރިމަތީގައި ބޮޑުވި މީހަކު މިކަހަލަ ހަފްލާއަކަށް މިއަށް ވުރެން ރަނގަޅު ހެދުމެއް އިހުތިޔާރު ކުރެވުނީހެވެ.
ކާޑޭޝިއަން ޖެނާ ދެބެންގެ އިތުރުން ޑަކޯޓާ އަދި އެލް ފެނިން، ދެބެންގެ ރެޑް ކާޕެޓް ހެދުން ވެސް މި ލިސްޓުގައި ހިމެނެ އެވެ. ދެ އެކްޓްރަސުންނަކީ ހުނަރުވެރި އަދި ސިފަ ރީތި ދެ ފަންނާނުންނަށް ވެފައި އެމީހުންގެ ޝަހުސިއްޔަތު ދައްކުވާދޭ ހެދުމެއް ހަފްލާތަކަށް ލުން މުހިއްމެވެ.
ޑަކޯޓާ ފެނިން ލައިގެން ހުރި އޭ-ލައިން ގައުން ހީވަނީ ގޭތެރޭ އެނދުގައި އަޅާ ބެޑުޝީޓުގަނޑެއް ކަނޑާފައި އޭތި ގައިގައި އޮޅާފައި ހުރި ހެނެވެ. އޭނާގެ ގަޔަށް ފަހާފައި ހުރި ހެދުމެއް ކަމާ މެދު ވެސް ޝައްކުކުރެވެ އެވެ. ގަހަނާ އާއި އިސްތަށިގަނޑުގެ ސްޓައިލް ވެސް އެހާމެ އާދައިގެ ސިފައަކަށް ހުރުމުން ހެދުމުގެ ހުތުރުކަން އިތުރަށް ފާހަގަވެ އެވެ.
ޑަކޯޓާގެ ކޮއްކޮ އެލް ފެނިންގެ ހެދުން ފަރުމާކޮށްފައި ވަނީ ބެލެންސިއާގާ އެވެ. ހީވަނީ ބޮޑު ޓީޝާޓަކާ އެކު ތަންތަން ފޮހޭ ރަތް މޮޕެއް ތިރިން އަނދެފައި ހުރި ހެނެވެ. ފަހަރެއްގައި މި ހެދުން އެންމެ ގުޅެނީ ބެލެންސިއާގާގެ ރަންވޭ މައްޗަށް އެކަންޏެވެ. ރަންވޭ މަތީގައި މި ހެދުން ލައިގެން މޮޑެލްއެއް ހިނގާފަ ދާ އިރު ވަރަށް ނަލަ އެވެ. އެކަމަކު މޮޑެލްއެއްގެ އިސްކޮޅު ނެތް ޒުވާން އެކްޓަރެއް މި ހެދުން ރެޑް ކާޕެޓް އިވެންޓަކަށް ލާން ބުއްދިވެރިއެއް ނޫނެވެ.
އެކްޓަރު ލަކީތު ސްޓެންފިލްޑްގެ ގާލާ ހެދުމަކީ ފިރިހެން ތަރިންގެ ތެރެއިން އެންމެ ހުތުރު އެއް ލުކް އެވެ. އެ ފެނިލުމުން ދައްކައިދޭން ބޭނުންވަނީ 'ޕާސަނަލް ސްޓައިލް' ކަމެއް ނުވަތަ އާދަޔާ ހިލާފު ފެޝަންއެއް ކަމެއް ވެސް ނޭނގެ އެވެ. ލައިގެން ހުރި ވެސްޓްގެ ތިރިން ހުދު ސޭޝްއެއް ވައްޓާލައިފައި ހުރި އިރު ހީވަނީ 'ޓޮއިލަޓް ޕޭޕާ' ރޯލެއް ބެލްޓުގައި އެޅިފައި އޮތް ހެނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ