ކުރީގެ ރައީސް އަބްދުﷲ ޔާމީނު ޕީއެންސީން ވަކިވެ އުފެއްދި ޕީޕަލްސް ނޭޝަނަލް ފްރަންޓު (ޕީއެންއެފް) ގެ އިސް މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
އެ ޕާޓީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ޕާޓީގެ ގައުމީ ޖަލްސާ މި މަހު 30 ގައި ބާއްވަން ނިންމާފައިވާ ކަމަށެވެ. ޕާޓީގެ ދާއިމީ މަގާމުތަކަށް މީހުން އައްޔަންކުރާނީ އެ ޖަލްސާގަ އެވެ.
އޭޕްރީލް 10، 2024، ގައި ޕީއެންއެފް އުފައްދަން ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސަކަށް އައްޔަންކުރީ ޔާމީނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން އެވެ. އެއިރު ޔާމީނު ހުންނެވީ ޖަލު ހުކުމެއް އިއްވައިފަ އެވެ.
ޕީއެންއެފްގެ ދާއިމީ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލި ފުރުސަތު ހަމަވާނީ އޮކްޓޯބަރު 23، ގެ އިރުއޮއްސި 6:00 އާ ހަމައަށެވެ. ކުރިމަތިލާން ހުޅުވާލާފައިވަނީ ޕާޓީގެ ރައީސް، ދެ ނައިބު ރައީސުން، ސެކްރެޓަރީ ޖެނެރަލް، ރަޖިސްޓްރާ، ހަޒާންދާރު، އަދި 14 ސެނެޓު މެންބަރުންގެ މަގާމުތަކަށެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލަހައްޓާ ސިޔާސީ ޕާޓީތަކުގެ ދަފްތަރު ދައްކާ ގޮތުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ ޕާޓީގައި ތިބީ 3،046 މެންބަރުންނެވެ. ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީއެއްގައި މަދުވެގެން ތިބެންޖެހެނީ 3،000 މެންބަރުންނެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ހަފުތާ ތެރޭ ޔާމީނު، އޭރުގެ ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި ވަކިވެވަޑައިގެންނެވީ ދެ ރައީސުންގެ ދެމެދު އުފެދުނު ސިޔާސީ ނުތަނަވަސްކަމުގެ ތެރެއިންނެވެ. އެ ފަހުން ކޯލިޝަނުގެ ކޮންޓްރޯލް ނަގާ މުއިއްޒު ވަނީ ޕީޕީއެމް އުވާލައިފަ އެވެ.
ޔާމީނުގެ އާ ޕާޓީ، ޕީއެންއެފް މިއަދާ ހަމައަށް މަސައްކަތް ކުރަމުން ދިޔައީ އިދިކޮޅު ޕާޓީއެއްގެ ގޮތުގަ އެވެ. މުއިއްޒު އަދި އެމަނިކުފާނުގެ ސަރުކާރަށް ތަކުރާރުކޮށް ފާޑުކިޔާ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ޕީއެންއެފްގެ ޖަލްސާތައް ވެފައިވަނީ ސަރުކާރުން އެންމެ ގިނައިން ރައްދު ދެމުންދާ އެއް ސިޔާސީ ހަރަކާތަށެވެ.
ޕީއެންއެފްގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި ޕީއެންއެފްގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ