އިންޑިއާގައި ރަޖިސްޓްރީ އޮތް 'ހަވީރު' ކުންފުންޏަށް ފެނަކައިން 32 މިލިއަން، ބޮޑުބައި ޖަމާކުރީ ދިވެހީންނަށް
އިންޑިއާގައި ރަޖިސްޓްރީ އޮތް ކުންފުންޏަކަށް ފެނަކައިން 2022އިން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް 32 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އޭގެ ތެރެއިން ބޮޑުބައި ޖަމާކުރީ ރާއްޖޭގެ ކުންފުނިތަކާއި ދިވެހީންނަށް ކަމަށް އޮޑިޓް އޮފީހުން ބުނެފިއެވެ. އޮޑިޓާ ޖެރެނަލްގެ އޮފީހުން އާންމުކުރި ފެނަކައިގެ ޚާއްސަ އޮޑިޓުގައި ވަނީ، 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު އެ ކުންފުނި މެދުވެރިކޮށް ހިންގި ކަމަށް ތުހުމަތުކުރެވޭ އެތައް މައްސަލައެއް ފާހަގަކޮށްފައެވެ. އޮޑިޓް ރިޕޯޓުގައިވަނީ، ފެނަކައިން އެކި ރަށްރަށުގައި ހިންގާ ބްރާންޗުތަކުގެ އިންޖީނުގެތަކަށް ބޭނުންވާ ޗިމްނީ ސްޓެކްއާއި ކޭބަލާއި އިންޖީނުތަކަށް ބޭނުންވާ ސްޕެއާ ޕާޓްސް ގަތުމަށް، ހަވީރު އިންޓަނޭޝަނަލްގެ ނަމުގައި ރާއްޖޭން ބޭރުގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏަކާ ދެމެދު 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ ތެރޭގައި 18 އެއްބަސްވުމެއް ހަދައިފައިވާ ކަމަށެވެ. https://sun.mv/211876 އެ ކުންފުނި ރަޖިސްޓްރީ ކޮށްފައިވަނީ ވެސް 2022 ވަނަ އަހަރު ކަމަށްވާއިރު، އެ އެއްބަސްވުންތަކުގެ ޖުމްލަ އަގު 52.7 މިލިއަން ރުފިޔާއަށް އަރާ ކަމަށް އޮޑިޓުގައިވެއެވެ. އިންޑިއާގެ ކުންފުނިތަކުގެ މައުލޫމާތު ހިމެނޭ އިންޑިއާ ފައިލިންސް ވެބްސައިޓުގައި އެ ގައުމުގެ ކޯޕަރޭޓް އެފެއާސް މިނިސްޓްރީއާ ހަވާލާދީ ބުނެފައިވާ ގޮތުން، އެ ކުންފުނި އުފައްދާފައިވަނީ ޖޫން 06، 2022ގައެވެ. އެ ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ތިބީ ސޯފިއާ އަޚުތަރު، ނަތިތާ ސުވެއިން އަދި އާސީއާ ބޭގަމް ކިޔާ ތިން މީހެކެވެ. އޮޑިޓުގައިވާ ގޮތުން އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުންތަކުގައި ފައިސާ ދޫކުރުމަށް މައިގަނޑު ގޮތެއްގައި ކަނޑައަޅާފައިވަނީ އެޑްވާންސް ޕޭމެންޓް ގެރެންޓީ ހުށަހެޅުމުން ކޮންޓްރެކްޓުގެ އަގުގެ 15 ޕަސެންޓް އަދި ރާއްޖޭން ބޭރުން ގެންނަ މުދަލުގެ ޝިޕިން ޑޮކިއުމެންޓްތައް ފެނަކަ ކޯޕަރޭޝަނަށް ހުށަހެޅުމުން ކޮންޓްރެކްޓުގެ ޖުމްލަ އަގުގެ 14 ޕަސެންޓް ދައްކާ ގޮތަށެވެ. އެގޮތުން ފައިސާ ދޫކޮށްފައިވާ ގޮތަށް ބަލާއިރު: އެއްބަސްވުންތަކުގެ ދަށުން ލިބެން ޖެހޭ ތަކެތި ލިބުމުގެ ކުރިން 10.3 މިލިއަން ރުފިޔާ އެއްބަސްވުންތަކުގެ ދަށުން 2024 ވަނަ އަހަރުގެ ނިޔަލަށް 32.4 މިލިއަން ރުފިޔާ ދޫކޮށްފައިވޭ އެ 32.4 މިލިއަނުގެ ތެރެއިން 22.4 މިލިއަން ޖަމާކޮށްފައިވަނީ ރާއްޖޭގެ ކުންފުނިތަކާއި އަމިއްލަ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންގެ ބޭންކް އެކައުންޓުތަކަށް ފެނަކައިން ހަވީރު އިންޓަނޭޝަނަލްއާ ހަވާލުކުރި މަސައްކަތްތައް އެކިފަހަރު މަތިން އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ އާންމުކޮށް އިއުލާނުކޮށް ވާދަވެރި ބީލަމަކަށް ހުޅުވާލައިގެން ނޫން ކަމަށް އޮޑިޓުގައިވެއެވެ. އަދި އެ ކުންފުންޏާ މަސައްކަތްތައް ހަވާލުކުރުމުގެ ކުރިން، ފެނަކައިން އާންމު ގޮތެއްގައި އެއް ފަރާތަކަށް އަގު ހުށަހެޅުމުގެ ދައުވަތު ފޮނުވަމުންދާކަމާއި އޭގެ ތެރެއިން އަގު ހުށަހަޅަނީ ހަމައެކަނި ހަވީރު އިންޓަނޭޝަނަލްއިން އެކަނިކަން ފާހަގަވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުކޮށްފައިވެއެވެ. އެ ރިޕޯޓުގައިވާ ގޮތުން ކުންފުނިން ހުށަހަޅާ އަގަށް ބެލުމަށް ފަހު އެ ކުންފުންޏާ މަަސައްކަތް ހަވާލުކުރުމަށް ނިންމަނީ ފެނަކައިގެ ޑައިރެކްޓް ޕާޗޭސް ކޮމިޓީންނެވެ. ފެނަކައިން ހަވީރު އިންޓަނޭޝަނަލްއަށް މަސައްކަތްތައް ހަވާލުކޮށްފައިވާ ގޮތް -- ފޮޓޯ/ އޮޑިޓް ރިޕޯޓު ފެނަކައިން ޚިދުމަތާއި ތަކެތި ހޯދުމުގައި އަމަލުކުރާ ގަވައިދުގެ ދަށުން، އިމަޖެންސީ ހާލަތެއް ކަމުގައިވިޔަސް ޚިދުމަތާއި ތަކެތީގެ އަގު ފަސް މިލިއަން ރުފިޔާއަށްވުރެ ބޮޑުވާނަމަ ލިބޭ އަގުތައް އިވެލުއޭޓްކޮށް ހުއްދަ ދޭނީ ފެނަކައިގެ ޓެންޑާ އިވެލުއޭޝަން ކޮމިޓީންނެވެ. ގަވައިދުގައި އެހެން އޮތަސް، ތަކެތީގެ އަގު ފަސް މިލިއަނަށްވުރެ ކުޑަވާނެ ގޮތަށް ބައިބަޔަށް ބަހާލައިގެން ފެނަކައިން ޑައިރެކްޓް ޕާޗޭސް ކޮމިޓީން އެ ކުންފުންޏަށް މަސައްކަތްތައް އެވޯޑުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ. "އެގޮތުން ޖުމްލަ 47،334،774 ރުފިޔާގެ ތަކެތި ހޯދުމަށް ހަވީރު އިންޓަނޭޝަނަލްއަށް އެވޯޑުކޮށްފައިވަނީ ބައިބަޔަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން ގިނަ ބިޑުތައް ހަވީރު އިންޓަނޭޝަނަލްއަށް ޑައިރެކްޓް ޕާޗޭސް ކޮމިޓީން އެވޯޑުކޮށްފައިވަނީ އެއް ދުވަހެއްގައިކަން ވެސް ފާހަގަކުރެވެއެވެ." އޮޑިޓު އޮފީހުން ބުނެފައިވެއެވެ. އެ އޮފީހުން ވަނީ، ފެނަކައިން ހަވީރު އިންޓަނޭޝަނަލްއާއެކު އެއްބަސްވުންތައް ހަދައިފައިވަނީ މުދަލާއި ތަކެތި ވިއްކާ އާންމު ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުސަތު ނުލިބޭ ގޮތަށް، އެ މަސައްކަތްތަކުގެ ތެރެއިން ނާޖާއިޒު ފައިދާ ލިބޭ ގޮތަށް އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެފައެވެ. މީގެ ކުރިން ވެސް ފެނަކައިގެ ވެރިންނަށް ކޮރަޕްޝަނުގެ ތުހުމަތުތައްކޮށް، އެތައް މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި މިދިޔަ ދައުރުގައި ވެރިކަން ކުރާ އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހެޅިއެވެ. https://sun.mv/211862 ފެނަކައިގެ ކޮރަޕްޝަނުގެ މައްސަލަތައް އޮޑިޓުގައި ފާހަގަކުރުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރު ފެށުމާއެކު އެސެޓް ރިކަވަރީ ބިލު ސަރުކާރުން ހުށަަހަޅައި، އެ ބިލު ގާނޫނަކަށް ވުމާއެކު ވައްކަންކޮށްފައި ތިބި އެންމެންގެ ފަހަތުން ސަރުކާރުގެ އިދާރާތައް ބާރަށް ދާނެކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި، އެސެޓް ރިކަވަރީ ބިލެއް ހުށަހެޅުއްވުމުގެ މަގުޞަދަކީ، މިދިޔަ ދުވަސްތަކުގައި ގައުމުގައި ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތައް ބެލުމެވެ. އަދި އެ ކަން ނިމޭއިރު، އެ ވައްކަންތަކުގައި ޝާމިލުވާ މީހުންގެ އަތުން ބަދަލު ނެގޭނެ ގޮތެއް ނެތުމުން، އެކަން ބަދަލުކުރެއްވުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ