ހުޅަނގުފަރާތުން އިރުއަރާތަން ނުފެނުނަސް ދުނިޔޭގަ ހުރި ކޮންމެ މީހަކަށްވެސް ހަމަމިހާރުވެސް އެވަޤުތުކޮޅު ބައްދަލުކޮށްފާނެ! ދަނީވެސް ބައްދަލުކުރަމުން!

ބައެއް މީހުން ދެކޭ ގޮތުގައި ޤިޔާމަތްވުމުގެ ތާލަފިލި ފުންމަވައިލެއްވެވުމަކީ ފަހުޒަމާނުގެ ޢަލާމާތެކެވެ. ނަމަވެސް އެއީ ފަހުޒަމާނުގެ ޢަލާމާތެއް ނޫނެވެ. އެއީ ދުނިޔޭގެ ހުރިހާ ޒަމާންތަކެއް ނިމި ދުނިޔޭގައި ސިއްކަ ޖެއްސެވުމެވެ. އެހެނީ ތާޅަފިލި ފުމެލެއްވެވުމުން އޮންނާނީ ޤިޔާމަތްވެފައެވެ. ދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗެއް ދާނީ ވަޔަށް ބުރައިގެންނެވެ.
ކޮންމެއަކަސް ބަލަންވީ ތާލަފިލި ފުންމަވައިލައްވަވާނެ ވަޤުތަކަށް ނޫނެވެ. އަދި ހުޅަނގުފަރާތުން އިރުއަރާނެ ދުވަހަކަށްވެސް ނޫނެވެ. އެހެނީ ހުޅަނގުފަރާތުން އިރުއެރުމުން ތައުބާ ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ. އެއިރު ދުނިޔޭގައި ބައަކު ތިބިނަމަވެސް ހުޅަނގުފަރާތުން އިރުއެރުމާއިއެކު އެވަނީ ޤިޔާމަތްވެފައެވެ. މާނައަކީ ދުނިޔޭގެ ޙަޔާތް ނިމުނީއެވެ.  
މިހާރު ދުނިޔޭގައި ތިބި އެއްވެސް މީހަކަށް ހުޅަނގުފަރާތުން އިރުއަރާތަން ނުފެނިދާނެއެވެ. އެހެނީ އެކަން ހިނގުމަށް އަދި އަހަރުތަކެއް ނަގާނެތީއެވެ. އެއީ ކިހައި ދުވަހެއްކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.  
އެހެންނަމަވެސް އަހުރެމެން ކޮންމެ މީހެއްގެ ޙަޔާތަށްވެސް ތައުބާ ޤަބޫލުފުޅު ނުކުރައްވަވާނެ ވަޤުތުކޮޅެއް އަންނާނެއެވެ. އެއީ މަރުގެ މަލާއިކަތާ އެމީހާގެ ލޮލަށް ފެންނަ ވަޤުތުން ފެށިގެންނެވެ. ވީމާ ހުޅަނގުފަރާތުން އިރުއަރާނެ ދުވަހާއި ބައްދަލުނުވުމަކީ ތައުބާވުން ލަސްކުރެވެން އޮތް ސަބަބެއް ނޫނެވެ. 
އެހެނީ އެއްވެސް މީހަކަށް އެމިހާގެ ފުރާނަ ހިއްޕަވަން މަލާއިކަތުން ފައިބައިވަދައިގަންނަވާނެ ވަޤުތެއް ނުއެނގޭނެއެވެ. ވީމާ އެމީހަކަށް ތައުބާވުމުގެ ދޮރު ބަންދުވެގެންދާނެ ވަޤުތު ހަމައެކަކަށްވެސް ނުއެނގޭނެތީއެވެ.  
އާދޭސްކޮށްފައި ބުނަމެވެ. ތައުބާވުމަށް އަވަސްވެގަންނާށެވެ! އެކަމަށް އޮތް ދޮރު ބަންދުވުމުގެ ކުރިން ތައުބާ ނުވެވިއްޖެނަމަ އެމީހެއްގެ އާޚިރަތް ގެއްލިގެންދިއައީއެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ