އެޗްޑީސީން ހުޅުމާލޭގެ ރައްޔިތުންގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި އެސްޓޭޓް ސެކިޔުރިޓީ ސާވިސަސް ރަސްމީކޮށް ލޯންޗުކޮށްފިއެވެ.
މި ޚިދުމަތް ލޯންޗުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ ފަރުކޮޅު ފުށީގައި ބޭއްވި "ސޭފާ ހުޅުމާލެ"ގައެވެ.
އެޗްޑީސީގެ އެސްޓޭޓް ސެކިޔުރިޓީ ސަރވިސަސް އިފްތިތާހު ކުރެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރުއެވެ. މި ރަސްމިއްޔާތުގައި އެސްޓޭޓް ސެކިޔުރިޓީ ސަރވިސަސްގެ ޔުނީފޯރމާއި އަދި ލޯގޯވެސް ވަނީ ތައާރަފުކޮށްފައެވެ.
އެސްޓޭޓް ސެކިއުރިޓީ ސަރވިސަސް ތަޢާރަފް ކުރުމުގެ އެންމެ ބޮޑު މަގްސަދަކީ ހުޅުމާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންގެ މުދަލާއި، އަދި އަމިއްލަ ފަރުދުންގެ ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިކުރުމުގެ ގޮތުން ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.
މި ޕްރޮގްރާމްގެ ދަށުން، ސެކިއުރިޓީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިގެންދާނެއެވެ. އެސްޓޭޓް ސެކިއުރިޓީ ސަރވިސަސް ތަޢާރަފްކުރުމުގެ ސަބަބުން ސެކިއުރިޓީ ޚިދުމަތްތައް އެއް މިންގަނޑަކަށް ގެނެސް، ފަސޭހަކަމާއެކު މޮނިޓަރކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އަދި މި ޕްރޮގްރާމްގެ ސަބަބުން ސެކިއުރިޓީންނަށް ކަމާގުޅޭ ތަމްރީނުދީ، ޕްރޮފެޝަނަލްކޮށް މި މަސައްކަތް ކުރުމަށް ބޭނުންވާނެ ވަސީލަތްތައް ވެސް ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އެސްޓޭޓް ސެކިޔުރިޓީގެ ސަރވިސަސް ގެ ދަށުން ޓެކްނޮލޮޖީގެ އެހީގައި ސެކިއުރިޓީ ނިޒާމު އިތުރަށް ހަރުދަނާކުރުމާ އެކު އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރިކަން އިތުރުވާނެއެވެ. މިއީ ހުޅުމާލޭގެ އަމާންކަން ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެޗްޑީސީން ދެކެއެވެ.
އެޗްޑީސީން މަސައްކުރަނީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށެވެ. އަދި އުފާވެރި، ރައްކާތެރި، ޒަމާނީ ސިޓީއަކަށް ހުޅުމާލެ ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އެޗްޑީސީން ކުރަމުންގެންދާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން އާންމު ރައްޔިތުންނަށް ދެއެވެ.
އެޗްޑީސީން އެސްޓޭޓް ސެކިޔުރިޓީ ސަރވިސަސް ތަޢާރަފްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ