މީޑިއާ ބިލު ތަސްދީގުނުކުރަން އަދާލަތު ޕާޓީން ގޮވާލައިފި

މިނިވަން މީޑިއާ ނެތިކޮށްލުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ބިލު ތަސްދީގުނުކޮށް އަނބުރާ ފޮނުވާލުމަށް އަދާލަތު ޕާޓީން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައިފި އެވެ. ނޫސްވެރިންނާއި މީޑިއާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް 60 މެމްބަރުންގެ ވޯޓާ އެކު، މަޖިލިހުގެ މި ދައުރުން ބޭރުގައި ބޭއްވި ޖަލްސާގައި އެ ބިލް ފާސްކުރީ އިއްޔެގަ އެވެ. އަދި އެ ބިލް ތަސްދީގުކުރާ ދުވަހުން ފެށިގެން އެމްއެމްސީ އަދި ބްރޯޑްކޮމް އުވާލައި، މީޑިއާ ކޮމިޝަންގެ ނަމުގައި ވަކި އިދާރާއެއް އުފައްދަންޖެހެ އެވެ.ބިލު ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އިއްޔެ ވަނީ ވިދާޅުވެފަ އެވެ. މީގެ ކުރިން ސަރުކާރުން ބުނަމުންދިޔައީ އެ ބިލަކީ ސަރުކާރުގެ އެއްވެސް ދައުރެއް އޮތް ބިލެއް ނޫން ކަމަށެވެ.އެ ބިލު ފާސްކުރުން ކުށްވެރިކޮށް، އަދާލަތު ޕާޓީން ވަނީ ބަޔާނެއް ނެރެފައެވެ. އެ ޕާޓީން ބުނީ، އިސްލާހުތަކާ އެއްކޮށް ފާސްކުރި ނަމަވެސް އެ ބިލުގެ ސަބަބުން އަދިވެސް މިނިވަން ނޫސްވެރިކަން ހުއްޓުމަށް މަގުފަހިވާ ކަމަށެވެ.އެތައް ނޫސްވެރިންނާއި ޖަމާއަތްތަކުން ބިލާ ދެކޮޅު ހަދަމުން ދަނިކޮށް، ދައުރުން ބޭރު ޖަލްސާތަކެއް ބާއްވައިގެން ބިލު ފާސްކުރުމަކީ ސަރުކާރުގެ ނުނިޔަތެއް އޮތްކަން ދައްކުވައިދޭ ކަމެއް ކަމަށް އަދާލަތުން ބުނެއެވެ.މިފަދަ ހައްސާސް ބިލެއް ފާސްކުރީ ކުރަން ޖެހޭ ވަރަށް ދިރާސާނުކޮށް، ހޯދަންވީ ވަރަށް ޚިޔާލު ނުހޯދައި ކަމަށް އެޕާޓީން ބުންޏެވެ. އެއީ، ޑިމޮކްރެޓިކް މުޖުތަމައެއްގައި ކަންކަން ކުރެވެމުންދާ ގޮތާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ވެސް އަދާލަތުން ބުންޏެވެ.އަދާލަތު ޕާޓީން ވަނީ، ބިލު ތަސްދީގުނުކޮށް، އަނބުރާ މަޖިލީހަށް ފޮނުވާލުމަށް ރައީސަށް ގޮވާލާފައެވެ.ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރުމުގެ އަދިވެސް ބާރު އޮތީ ލިބޭ ގޮތަށެވެ. އަދި މީޑިއާތައް ޖޫރިމަނާ ކުރެވޭ މާއްދާ ވެސް އަދިވެސް އެބަ އޮތެވެ. އުނި ކުރީ ވަކި ވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް މާއްދާ އެވެ. އަދި ކޮމިޝަނުން ބޭނުންވާ މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލު ކުރެވޭނެ ގޮތަށް އޮތް މާއްދާތައް ވެސް އެބަހުއްޓެވެ.ތެދު ހަބަރަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ލިބެނީ ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށެވެ. އަދި މީޑިއާ އެތިކްސް ހެދުމުގައި ކަނޑައަޅަންޖެހޭ އުސޫލުތައް ވެސް ބަޔާންކޮށްފައި ހުރީ އެ ބިލުގަ އެވެ.އޭގެ ތެރޭގައި، އާންމު މަސްލަހަތު ގެއްލޭ މައުލޫމާތަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.މުޅި ބިލުގެ ރޫހު ހުރީ މިނިވަން މީޑިއާ ނެތިކޮށްލުމަށް އަދި ސޯޝަލް މީޑިއާ އާއި އިންޓަނެޓު ކޮންޓްރޯލް ކުރަން ކަމަށްވާތީ، އެ ބިލު ވަގުތުން ބޭރު ކުރަން ވަރަށް ގިނަ ނޫސްވެރިންނާއި ބޭރުގެ ޖަމިއްޔާތަކުން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ. އަދި ބިލާ ދެކޮޅަށް ޝުއޫރު ފާޅު ކުރުމަށް ނޫސްވެރިން ދަނީ ސިލްސިލާ މުޒާހަރާތަކެއް ބާއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ