އެއްވެ އުޅުމުގެ ޤާނޫނު އިސްލާހްކުރާނަން: ބަންޑާރަނައިބް

މިހާރު އަމަލުކުރަމުންދާ އެއްވެ އުޅުމުގެ ޤާނޫނު އިސްލާހްކުރާނޭކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ ތަޅުމުގައި މިއަދު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ބަންޑާރަ ނައިބު ވިދާޅުވީ އެއްވެ އުޅުމުގެ ޤަނޫނު އިސްލާހް ކުރުމަކީ އަދުގެ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނިފައިވާ ކަމެއްކަމަށެވެ. އުޝާމް ވިދާޅުވީ އެއްވެ އުޅުމުގެ ޤަނޫނަށް ގެންނަން ޖެހޭ އިސްލާހް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނޭކަމަށެވެ.
އެއްވެ އުޅުމުގެ ޤާނޫނު އިސްލާހް ކުރާނޭކަމަށް ބަންޑާރަ ނައިބު ވިދާޅުވެފައިވާއިރު، ބަންޑާރަ ނައިބު މީގެ ކުރިން ވަނީ އެއްވެ އުޅުމުގެ ޤާނޫނު ގޮސްކަމަށް ވިދާޅުވެ ކުރިން ވާހަކަ ދައްކަވާފައެވެ. އެގޮތުން ހުއްދަ ނެގުމަކާނުލައި ވަކި ސަރަހައްދުތަކަށް އެއްވެ އުޅެވޭގޮތަށް އޮތުމަކީ ޤާނޫނު އަސާސީއާ ތައާރަޒުވާ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އެއްވެ އުޅުން ހަނިކޮށް ޤާނޫނަށް އިސްލާހް ގެނެސްފައިވަނީ ކުރީގެ ރައީސް ޢަވްދުﷲ ޔާމީނުގެ ވެރިކަމުގައެވެ. ރައީސް ޔާމީނު ވެރިކަމުގައި އެއްވެ އުޅުމުގެ ޤާނޫނަށް ގެނައި އިސްލާހާއެކު ހުއްދަ ނުހޯދައި އެއްވުންތައް ބޭއްވޭނެ ތަނެއްގެ ގޮތުގައި ހަމައެކަނި ކަނޑައެޅިފައި އޮތީ ކާނިވާ ސަރަހައްދެވެ. އޭރު އިދިކޮޅުގައި އޮތް އެމްޑީޕީ ސަރުކާރުން ވަނީ އެކަމަށް ވަރަށްބޮޑަށް ފާޑުކިޔައި އެއްވެ އުޅުމުގެ ޤަނޫނު ގެންދިއުމަށްވެސް ގޮވާލާފައެވެ. އަދި އެމްޑީޕީ ސަރުކާރެއްގައި އެއްވެ އުޅުމުގެ މިނިވަންކަން އިހުއޮތްގޮތަށް ދޭނޭކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އެމްޑީޕީން އަލުން ވެރިކަމަށް އައިސް، އެއްވެ އުޅުމުގެ ޤާނޫނު އިސްލާހްކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވާކަން ފާހަގަކޮށްލެވެއެވެ. 
އެމްޑީޕީން އެންމެފަހުން އެއްވެ އުޅުމުގެ ޤާނޫނުގެ ވާހަކަ އަނެއްކާވެސް ދައްކަން ފަށާފައިވަނީ އެޕާޓީން އެންމެފަހުން ކުރި މުޒާހަރާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ