މިލަދުންމަޑުލު އުތުރުބުރީ ނަރުދޫއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު 2 މައްސަލައަކީ ނަރުދަމާއާއި ބަނދަރުގެ މައްސަލަކަމަށާ، މިކަންކަމަށް އެންމެ އެދެވޭ އަވަސް ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ނަރުދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ މިއަދު ހެނދުނު ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
ފެނާއި ނަރުދަމާގެ އިތުރުން ބަނދަރުގެ މައްސަލައަކީ މިވަގުތު ރަށަށް ދިމާވެފައި އޮތް އެންމެ ބޮޑު 2 މައްސަލަކަމަށް ޤަބޫލުފުޅުކުރައްވާކަމަށާ، މިކަންކަމަށް ހައްލު ހޯއްދަވައިދެއްވުމުގެ މަސައްކަތްތައް މިހާރު ކުރައްވަމުންގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަންކަމުގެ ތެރެއިންވެސް އެންމެ މުހިންމީ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުވެގެން ދިއުންކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ފެނަކައިން މިމަސައްކަތް އަލުން ފައްޓަވާނެ ކަމަށާ، އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރުވެސް ވަމުންދާކަމުގައި ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ނޮވެންބަރު މަހުގެ ތެރޭގައި ބާރު ދުވެލީގައި މިކަން ކުރިއަށްދާނެކަމުގެ ޔަޤީންކަން، އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ށ. ނަރުދޫގެ ބަނދަރުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބަލަންޖެހޭ ހުރިހާ ކަންކަމަށް ބެލުމަށްފަހު، ބަނދަރު ބޮޑުކުރެވެން އޮތް އެންމެ ބޮޑަކަށް ބަނދަރު ބޮޑުކުރުމުގެ ހުއްދަ، ކަމާ ބެހޭ ވުޒާރާއަށް ދެއްވާފައިވާނެކަމަށެވެ. ރަށުގެ ރައްޔިތުންނަށް އަމާން ބަނދަރެއް ގާއިމުކޮށްދެއްވުމަށް ކުރައްވަންޖެހިވަޑައިގެންނެވި ކޮންމެ ކަމެއްވެސް ކުރައްވާނެ ކަމަށާ، މިކަމަށް ކުރަންޖެހޭ ޚަރަދަކީ މައްސަލައެއް ނޫންކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަކީ އަދުގެ ސަރުކާރުން އެންމެ އިސްކަންދެއްވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާއިރު، ށ. ނަރުދޫގެ ރައްޔިތުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މިކަމުގެ އުންމީދު އައުކޮށްދެއްވާފައެވެ. އެގޮތުން، ރަށުން އިތުރު ގޯތި ދިނުމަށް ބޭނުންވެގެން ރަށު ކައުންސިލުން ހުށަހަޅުއްވާފައިވާ ކަންކަމަށް ރިޢާޔަތްކުރައްވައި، ކަމާ ބެހޭ ވުޒާރާއިން އެ ހުއްދަވެސް ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ށ. ނަރުދޫއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހިމެނިގެން ގިނަ މަޝްރޫޢުތަކެއް މިއަދު ފެށިގެންދިޔައިރު، އޭގެތެރޭގައި ޢަމަލީ ގޮތުން މަސައްކަތް ފެށި މަޝްރޫޢުތަކާއި އެއްބަސްވުމުގައި ސޮއިކުރެވުނު މަޝްރޫޢުތައް ހިމެނެއެވެ. ރަށުގެ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުލީމީ، ޞިއްޙީ އަދި ކުޅިވަރުގެ ރޮނގުން މިއަހަރުގެ ބާކީ އޮތް ދުވަސްތަކާއި، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށް ގެންދަވާނެ މަޝްރޫޢުތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
އެގޮތުން ހަތަރު ކުލާސްރޫމް އަދި މަލްޓިޕަރޕަސް ހޯލު ހިމެނޭ، ސްކޫލުގެ އައު އިމާރާތް އެޅުމުގެ މަސައްކަތް، މިއަހަރުގެ ތެރޭގައި ފަށައިގެން ކުރިއަށްގެންދެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރަނގަޅު ފެންވަރަކަށް ފުޓުބޯޅަ ދަނޑު ތަރައްޤީކުރެއްވުމުގެ ޢަމަލީ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ކުރިއަށްގެންދަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ފުޓުސަލް ދަނޑު މަރާމާތުކޮށްދެއްވައި، އަދި ހޭންޑްބޯލް ކޯޓެއް ތަރައްޤީކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި 16 ގަޑިއިރަށް ށ. ނަރުދޫ ޞިއްޙީ މަރުކަޒުގެ ޚިދުމަތް ބަދަލުކުރެއްވުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ށ. ނަރުދޫގެ ނަރުދަމާއާއި ބަނދަރުގެ މައްސަލައަށް އެންމެ އެދެވޭ އަވަސް ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ