އަބުރުގެ ގާނޫނުގެ ބިލެއް ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ތެރޭ ހުށަހެޅުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އުޝާމް އާއި ސުވާލުކުރައްވަމުން އަބުރުގެ ގާނޫނުގެ ވާހަކަ ފާހަގަކުރެއްވީ މަނަދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު ހުސްނީ މުބާރިކު އެވެ.
މުބާރިކު ފާހަގަކުރެއްވީ އާންމު ގަވާއިދުތަކާއި ބެހޭ ގާނޫނުގެ ދަށުން ބާރު ލިބިދިން ގަވާއިދުތަކުގެ ތެރެއިން ގަވާއިދަކަށް ނުހެދި މިހާރު އޮތީ އަބުރާއި ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދު ކަމަށެވެ. އެ ގަވާއިދު ގާނޫނަކަށް ބަދަލުކުރަން ހުށަހެޅޭނީ ކޮން އިރަކުތޯ އޭނާ ބަންޑާރަނައިބާ ސުވާލުކުރެއްވި އެވެ.
ޖަވާބުގައި އުޝާމް ވިދާޅުވީ އާންމު ގަވާއިދުތަކާއި ބެހޭ ގާނޫނު އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށާއި އެކަން ކުރެވެން އަންނަނީ އަބުރުގެ ގަވާއިދު ގާނޫނަކަށް ބަދަލުކޮށްގެން ކަމަށެވެ. އާންމު ގަވާއިދުތަކާ ބެހޭ ގާނޫނު އަންނަ އެޕްރީލް މަހު އުވޭނެ އެވެ.
"އެހެންވީމަ. އޭގެ ކުރިން. މިހާރު އޭގައި ހިމެނޭ އަބުރުގެ ގަވާއިދުގެ ބަދަލުގައި އަބުރުގެ ގާނޫނެއް މަޖިލީހުން ފާސްކުރުމަކީ ވަރަށް މުހިންމު ކަމެއް. އެހެންވީމަ، މިހާރު އަމަލުކުރަމުންދާ އަބުރުގެ ގަވާއިދުގެ ބަދަލުގައި އަބުރުގެ ގާނޫނެއް މަޖިލީހަށް ހުށަހެޅުމަށްޓަކައި އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަމުން މިދަނީ،" އުޝާމް ވިދާޅުވި އެވެ.
މި ގާނޫނާއި މިހާރު އަމަލުކުރަމުންދާ ގަވާއިދާއި ހުންނާނެ ތަފާތުތަކެއް އުޝާމް ވިދާޅެއް ނުވެ އެވެ. ނަމަވެސް، އޭޖީ އޮފީހުން މަސައްކަތް ކުރަނީ މަޖިލީހުގެ މި ދައުރުގައި ނުވަތަ އަންނަ އަހަރުގެ ފުރަތަމަ ދައުރުގައި އެ ބިލު މަޖިލީހަށް ހުށަހަޅަން ކަމަށް އުޝާމް ވިދާޅުވި އެވެ.
ފަހުގެ ތާރީހެއްގައި ރާއްޖޭގައި އަބުރުގެ ގާނޫނެއް ފާސްކޮށް އަމަލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ. އެ ގާނޫނުގެ ދަށުން މީީޑިއާތަކާއި ނޫސްވެރިން އަދި އާންމުންގެ ގިނަ ބަޔަކު ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރި އެވެ.
އެ ގާނޫނު އުވާލީ 2018 ގައި، އެމްޑީޕީގެ ވެރިކަމުގެ ފުރަތަމަ ހަފުތާގެ ތެރޭ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އަބުރުގެ ގާނޫނު އުވާލަން ފާސްކުރީ އެ ބިލު ވުޖޫދަށް ގެެނައި 18 ވަނަ މަޖިލީހުންނެވެ.
މަޖިލީހުގެ މި ދައުރުގެ ތެރޭ އަބުރުގެ ބިލެއް ސަރުކާރުން ހުށަހަޅަން މަސައްކަތް ކުރަނީ މަޖިލީހުގެ މި ދައުރުގެ ތެރޭ އަބުރުގެ ބިލެއް ސަރުކާރުން ހުށަހަޅަން މަސައްކަތް ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ