އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ތެރޭގައި ހުރި 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ވަގަށް ނެގި މައްސަލާގައި އެމްޕީއެލްގެ ހަ މުވައްޒަފަކު ސަސްޕެންޑުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެމްޕީއެލްގެ ބަނދަރުގައި ހުއްޓާ ގެއްލިފައިވަނީ، މިދިޔަ އޭޕްރީލް ފަހުކޮޅު ވަގަށް އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސްއިން ހިފެހެއްޓި ސިނގިރޭޓު ދެ ކޮންޓެއިނާގައި ހިމެނޭ ސިނގިރޭޓެވެ. ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި:
40 ފޫޓުގެ ދެ ކޮންޓެއިނަރުގެ ތެރެއިން 1،360 ކޭސް ސިނގިރޭޓް (13.6 މިލިއަން ސިނގިރޭޓް ސްޓިކް) ވަނީ ފެނިފައި
މި ޝިޕްމެންޓްގައި ހިމެނޭ ބްރޭންޑްތަކުގެ ސިނގިރޭޓަށް ޑިއުޓީ ދައްކަން އާންމުކޮށް ކަނޑައަޅާ އަގުތަކަށް ބަލާއިރު، ޑިއުޓީއަށް ގާތްގަނޑަކަށް 122 މިލިއަން ރުފިޔާ އަރާނެކަމަށް ލަފާކުރެވޭ
ބުނީ ކީކޭ؟ - އެމްޕީއެލްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ، ކަސްޓަމްސް އިން ހިފަހައްޓައި، އެ ކުންފުނީގެ ބެލުމުގައި ދަށުގައި ބަހައްޓާފައި ހުރި ދެ ކޮންޓޭނަރުގެ މުދާ ހުޅުމާލެ އިންނޭޝަނަލް ޓާމިނަލް އިން ގެއްލުނުކަން ފާހަގަވެފައިވަނީ މިމަހުގެ 8 ވަނަ ދުވަހު ކަމަށެވެ. އެހާ ހިސާބުން އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށް ބުންޏެވެ.
އެގޮތުން ބުނީ:
މިދިޔަ އާދިއްތަ ދުވަހު ފަސް މުވައްޒަފަކު ސަސްޕެންޑްކޮށްފައިވޭ
އިތުރު މުވައްޒަފަކު މިއަދު ސަސްޕެންްޑްކޮށްފައިވޭ
އެ މުވައްޒަފުން ސަސްޕެންޑުކުރީ އެ ކުންފުނީގެ ތަހުގީގުން މިހާތަނަށް ހޯދިފައިވާ މައުލޫމާތަށް ބަލައި
އެ މައްސަލާގައި ޝާމިލުވާ އެއްވެސް މުވައްޒަފަކާމެދު ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެ ކަމަށް ބުނި
ކުންފުނީގެ ހިންގުމުގައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަތުމަށް އެމްޕީއެލްގެ ތަހުގީގު ކޮމެޓީ އާއި ރިސްކް ޑިޕާޓްމަންޓް އަދި އިންޓާނަލް އޮޑިޓުން މިހާރުވެސް މި މައްސަލައާ ގުޅޭ ތަހުގީގު އަދި އޮޑިޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށް އެ ބަޔާނުގައި ވެއެވެ.
އެ މައްސަލައިގެ ސީރިއަސް ކަމަށް ބަލައި އެމްޕީއެލްގެ ތަހުގީގު ކުރިއަށް ގެންދަނީ ފުލުހުންގެ ތަހުގީގަށް ހުރަސް ނޭޅޭނެ ގޮތަކަށް ކަމަށާއި ފުރަތަމަ ދުވަހުން ފެށިގެން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދެމުންދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެމްޕީއެލްއިން ވަނީ، މިފަދަ މައްސަލަތައް ތަކުރާރު ނުވާނެހެން އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކޮށް ބަނދަރުގެ ސެކިއުރިޓީ އާއި ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރާނެ ކަމުގެ ޔަގީންކަން ވެސް ދީފަ އެވެ. އެގޮތުން
މި މައްސަލައާ ގުޅިގެން އެމްޕީއެލްގެ ސެކިއުރިޓީ އާކިޓެކްޗާ އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ދައުލަތުގެ ސަލާމަތީ ބާރުތަކާއި ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކާއި ވުޒާރާތަކާއި ގުޅިގެން ފަށާފައިވާ ކަމަށް ބުންޏެވެ.
އެ ބަޔާނުގައި ބުނީ، ކަސްޓަމްސް އިން ހިފަހައްޓާ މުދާ، ބަނދަރުގައި ބެހެއްޓުމުގައި މިހާރު އަމަލުކުރަމުންދާ އުސޫލުތަކާއި ފިޔަވަޅުތައް ހަރުދަނާކުރުމަށް ކަސްޓަމްސްއާއެކު މަސައްކަތްކުރަމުންދާ ކަމަށެވެ.
އެގޮތުން ބުނީ:
މި ބަދަލުތަކުގެ ތެރޭގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ނިންމާފައިވަނީ ކަސްޓަމްސްގެ ބޭނުމަށް ހިފަހައްޓާ މުދާ ބެލެހެއްޓުމަށް ބަނދަރުގައި ވަކި ސަރަހައްދެއް ކަނޑަޅައި، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުން
އެމްޕީއެލްގެ ސެކިއުރިޓީ ނިޒާމް ހަރުދަނާކުރުމަށްޓަކައި، ކޯސްޓް ގާޑްގެ ގާބިލު އަދި ތަޖުރިބާކާރު މެރިޓައިމް ކޮމާންޑަރުން ހިމެނޭ ޓީމެއް ކަނޑައަޅައި، މާލޭ ވިޔަފާރި ބަނދަރު އަދި ހުޅުމާލެ ޓާމިނަލްގެ ސެކިއުރިޓީ އޮޑިޓެއް މިހާރު ވަނީ ފަށާފައި
މާހައުލަށް އަންނަ ބަދަލުތަކާއި ހާލަތަށް ޕޯޓްގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް، ސަލާމަތީ ބާރުތަކާއެކު އިސްތިރާޖީ މަސައްކަތްތަކެއް ފެށުމަށް ރޭވިފައިވޭ
އެނގުން މުހިންމު - މި މައްސަލާގައި މިހާތަނަށް 12 މީހަކު ފުރުން މަނާކޮށްފައިވާއިރު، ހަތަރު މީހަކު ރޭ ހައްޔަރުކޮށްފައި ވެއެވެ. އެމީހުންގެ ވަނަވަރެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
އެކަމަކު 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ފުލުހުން ހައްޔަރުކުރީ:
އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)
ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް
ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ޖެނެރަލް މެނޭޖަރު (އިންޖިނިއަރިން ޕްރޮޖެކްޓްސް)ގެ މަގާމުގައި މިހާރު ވެސް ހުންނެވި އަދި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒު އަލީ، ހ. ނިއުހެޕިނަސް؛ 430 ސިނގިރޭޓް ކޭސް ރާއްޖެއަށް އެތެރެކުރުމާ ގުޅޭ މައްސަލައެއްގައި ރިޝްވަތު ހޯދަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ މި މަހުގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅާފައި
ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސް ވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް؛ އޭނާ މަސައްކަތް ކުރަނީ އެމްޕީއެލްގެ ހުޅުމާލޭ ބަނދަރުގައި
ސިނގިރޭޓް ކޮންޓެއިނާ ގެއްލުނު މައްސަލާގައި އެމްޕީއެލްގެ 6 މުވައްޒަފަކު ސަސްޕެންޑް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ