މީޑިއާ ބިލުގެ ސަބަބުން، ޒިންމާދާރު ނޫސްވެރިކަމަށް މަގުފަހިވާނެ: އުޝާމް

މީޑިއާ ރެގިއުލޭޓް ކުރާ ބިލު ފާސްކުރުމުން، ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރުމަށް މަގުފަހި ވެގެންދާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
މީޑިއާތައް ރެގިއުލޭޓުކުރުމާ ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާ ތަމްސީލުކުރައްވާ އަމިއްލަ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރެވެ.
އޭނާ ހުށަހެޅުއްވި ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު“ގައި ބުނެފައިވަނީ ބިލު ގާނޫނަކަށްވެ، ތަސްދީގު ކުރަން ފެށުމާ އެކު، މީޑިއާ ކައުންސިލްގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ބައެއް މާއްދާތައް އުވޭނެ ކަމަށެވެ.
އެގޮތުން އުވެނީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނާ ގުޅޭ މާއްދާތަކެވެ.
ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ، މީޑިއާ ބިލުގެ ސަބަބުން ދޮގު ޚަބަރުތައް ފެތުރުން ހުއްޓުމަކަށް ގެނެވި، ޒިންމާދާރު ނޫސްވެރިކަމަކަށް މަގުފަހި ވެގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ރާއްޖޭގައި މިހާރު ބައެއް މީޑިއާތަކުން ކުރަމުންދަނީ ޒިންމާދާރު ނޫސްވެރިކަމެއް ކަމަށް ގިނަ ރައްޔިތުން ނުދެކޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހިތުހުރިހައި ވާހަކައެއް ލިޔެ ޕްރޮމޯޓު ކުރުމަކީ ވެސް ޒިންމާދާރު ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ، މީޑިއާ ބިލަކީ ރާއްޖޭގެ މީޑިއާތަކާއި އެތަންތަނުގައި މަސައްކަތް ކުރާ މީހުންނަށް ހާއްސަ ބިލެއް ކަމަށާއި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އާއްމު ރައްޔިތުން ހިޔާލުފާޅު ކުރުމަށް ހުރަސް އަޅާނެ ބިލެއް ނޫން ކަމަށެވެ.
”އާއްމު ރައްޔިތުން ސޯޝަލް މީޑިއާގައި ލިޔާ އެއްޗެއް ރެގިއުލޭޓް ކުރާ ގޮތަކަށް އޮތް ބިލެއް ނޫނޭ މީކީ. މިއީ ބްރޯޑްކާސްޓަރުންނާއި، ޖުމްލަ ގޮތެއްގައި މީޑިއާ ރެގިއުލޭޓް ކުރާ ބިލެއް.“ އޭނާ ވިދާޅުވިއެވެ.
އުޝާމް އިތުރަށް ވިދާޅުވީ، މީޑިއާ ބިލާއެކު، ދޮގު ޚަބަރު ފަތުރައިގެން ކުރާ ނޫސްވެރިކަމަށް ކުރިއަށް އޮތްތަނުގައި ޖާގަ ނުލިބިދާނެ ކަމަށެވެ.
މީޑިއާ ބިލާ ގުޅޭގޮތުން ނޫސްވެރިން ހުށަހެޅި ކަންވޮޑުވުންތަކަށް ރިއާޔަތްކޮށް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ބިލަށް 14 އިސްލާހެއް ހުށަހަޅައިފައެވެ.
އޭގެ ތެރޭގައި، ބިލުގެ ދަށުން އުފައްދާ މީޑިއާ މިޝަންގެ މެމްބަރުން ކަނޑައެޅުމާއި ވަކިކުރުމުގައި އަދި ކޮމިޝަންގެ ރައީސް އައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނުހިމެނޭ ގޮތަށް ބިލުގެ 17، 19 އަދި 20 ވަނަ މާއްދާ އިސްލާހު ކުރުމާއި، ބިލުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެމްބަރުންގެ ހުންނަންޖެހޭ ސިފަތަކުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ހުރުން މަނާކުރުމުގެ ބަދަލުގައި ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ކަމުގައި ނުވުން ހިމަނައި، އެ މާއްދާގެ (ޅ) އިސްލާހު ކުރުމާއި ބިލުގެ 21 ވަނަ މާއްދާގެ ދަށުން ކޮމިޝަނަށް އިންތިހާބު ކުރެވޭ މެމްބަރުންގެ މެމްބަރުކަމުގެ ޝަރުތެއް ނުވަތަ ސިފައެއް އުނިވެއްޖެ ނަމަ އެ މެމްބަރަކު މެމްބަރުކަމުން ވަކިކުރުމުގެ އިހުތިޔާރު، އެ މެމްބަރުން އިންތިހާބުކުރަން ވޯޓުދިން ފަރާތްތަކަށް ލިބިދިނުމަށްޓަކައި ބިލުގެ 28 ވަނަ މާއްދާ އިސްލާހު ކުރުން ވެސް ހިމެނެއެވެ.
 
ީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ