ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި އެތައް ބަޔަކު މަރާލުމުން، މިހާރު އިންޑިއާގައި ފިއްލަވައިގެން ހުންނެވި ހަސީނާ އަނބުރާ ގައުމަށް ފޮނުވާލުމަށް ބަންގްލަދޭޝްއިން ހުށަހެޅި ހުށަހެޅުމާ މެދު ވިސްނަމުން އަންނަ ކަމަށް އިންޑިއާއިން ބުނެފި އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާން ރަންދީރު ޖައިސްވާލް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ހަސީނާ، 78، އަނބުރާ ގައުމަށް ފޮނުވާލުމަށް ޑާކާއިން ހުށަހެޅި މައްސަލަ އޭނާގެ ސަރުކާރުން ދިރާސާ ކުރަމުން އަންނަ ކަމަށެވެ.
"މިހާރު ކުރިއަށްދާ ޝަރުއީ އަދި ދާހިލީ ގާނޫނީ މަރުހަލާތަކުގެ ތެރެއިން، ސުލްހަވެރިކަމާއި ޑިމޮކްރަސީ އާއި ޝާމިލުވުމާއި ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ގާއިމްކޮށް، ބަންގްލަދޭޝްގެ ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ސުލްހަ މަސަލަސްކަން ގާއިމު ކުރުމަށް އަޅުގަނޑުމެން އަބަދު ވެސް ސާބިތުކަންމަތީ ދެމިތިބޭނަން،" ޖައިސްވާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ހުރިހާ ފަރާތްތަކާ އެކު ބިނާކުރަނިވި މަސައްކަތްތަކެއް އިންޑިއާ އިން ކުރާނެ ކަމަށެވެ.
ބަންގްލަދޭޝްއިން އެންމެ ފުރަތަމަ އެދުނީ ހަސީނާ އަނބުރާ ގައުމަށް ފޮނުވާލުމަށެވެ.
ހަސީނާ އަނބުރާ ގައުމަށް ފޮނުވާ ދިނުމަށް އެދި މިދިޔަ އާދީއްތަ ދުވަހު އިތުރު ސިޓީއެއް ފޮނުވާފައިވާނެ ބަންގްލަދޭޝްގެ އޮފިޝަލުން ވިދާޅުވެ އެވެ.
ބަންގްލަދޭޝްއިން އެ ސިޓީ ފޮނުވާފައި ވަނީ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކުގެ ކުށް ހަސީނާގެ މައްޗަށް ސާބިތުވާ ކަމަށް ޑާކާގައި ހުންނަ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލުން ހުކުމް ކުރުމާ ގުޅިގެންނެވެ.
އެ ކޯޓުން އޭނާ މަރަން ހުކުމް ކުރީ މި މަހުގެ 17 ވަަނަ ދުވަހު އެވެ.
ކޯޓުގެ ހުކުމަށް ފަހު ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ 2013 ވަނަ އަހަރު ދެ ގައުމުން ސޮއިކުރި ކުށްވެރިން ބަދަލު ކުރުމުގެ އެއްބަސްވުމުގެ ދަށުން އިންޑިއާގެ ޒިންމާއެއް އޮތް ކަމަށެވެ. އަދި ހަސީނާ އިންޑިއާގައި ބަހައްޓާ ނަމަ ދެ ގައުމުގެ ގުޅުމަށް އެ ކަމުގެ އަސަރު ކުރާނެ ކަމަށެވެ.
ނަމަވެސް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ހަސީނާ ބަންގްލަދޭޝްއާ ހަވާލު ކުރުމަކީ އިންޑިއާ އިން ކުރާނެ ކަމެއް ނޫނެވެ.
ހަސީނާ އަނބުރާ ބަންގަލަދޭޝްއަށް ފޮނުވާލުމާ މެދު އިންޑިއާއިން ވިސްނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ