މީގެ ދެ ދުވަސް ކުރިން އެމްްޑީޕީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއީލް، މާލޭ މޭޔަރުކަމުގެ ޕްރައިމަރީގައި އަލީ އާޒިމްއަށް ތާއީދުކުރައްވައި އެ ކެމްޕެއިނާ ގުޅިވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ފައްޔާޒު ޗެއާޕާސަންގެ މަގާމުގައި ހުންނެވިއިރު ފާޅުގައި އަލީ އާޒިމްއަށް ތާއީދުކުރައްވާފައެއް ނުވެ އެވެ. އަލީ އާޒިމްގެ ކެމްޕެއިނާ ފައްޔާޒު ގުޅިވަޑައިގެންނެވީ މިއަދު ހަވީރު މާލޭގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގަ އެވެ.
ތަފްސީލު - އާޒިމްއާ އެކު އެ ހަރަކާތުގައި ފައްޔާޒު ބައިވެރިވެވަޑައިގެން ވާހަކަ ވެސް ދެއްކެވި އެވެ. މި ހަރަކާތުގައި އަލީ އާޒިމްއަށް ތާއީދު ކުރާ އެމްޑީޕީގެ ކުރީގެ އަދި މިހާރުގެ މަޖިލިސް މެންބަރުންނާއި ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުން ވެސް ބައިވެރިވި އެވެ.
ފާހަގަކޮށްލެވޭ - އަންނަ މާޗު މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ މޭޔަރުކަމަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓަށް އަލީ އާޒިމްއާ ވާދަ ކުރައްވަނީ މިހާރުގެ މޭޔަރު އާދަމް އާޒިމް އެވެ.
އަލީ އާޒިމްގެ ކެމްޕެއިނާ ފައްޔާޒު ގުޅިވަޑައިގެންނެވިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެމަނިކުފާނުގެ ތާއީދު އާޒިމްއަށް އޮތްކަން ހާމަ ކުރައްވާފަ އެވެ.
އެމްޑީޕީގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފާޅުގައި އަދި ވަކި ކެންޑިޑޭޓަކަށް ތާއީދެއް ނުކުރައްވަ އެވެ. ނަމަވެސް އެމްޑީޕީގެ ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އެމަނިކުފާނުގެ ތާއީދު އޮތީ އާދަމް އާޒިމްއަށެވެ.
ފައްޔާޒު އަލީ އާޒިމްއަށް ތާއީދުކުރައްވައި ކެމްޕެއިނަށް ނުކުންނަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ