ދިވެހިންނަށް ޓިކެޓު އަގުބޮޑުކުރުމުން ސަޕޯޓަރުންގެ ނުރުހުން
ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ ދެ މެޗުގެ ތެރެއިން މިއަދު ހަވީރު ކުޅޭ ފަހު މެޗަށް ވިއްކާ ޓިކެޓުގެ އަގު ދިވެހިންނަށް ބޮޑުކޮށް، ލަންކާ ރައްޔިތުންނަށް ކުޑަކޮށްފިއެވެ. "ސަން"އަށް މައުލޫމާތުދެމުން މިހާރު ލަންކާގައި ދިރިއުޅޭ އާއިލާއަކުން ބުނީ, ކުރިން އޮތްގޮތުން ދިވެހިންނަށް ވިއްކީ 1000 ރުޕީސްއަށް ނަމަވެސް މިހާރު އެ އަގު 3000 ރުޕީސްއަށް ބޮޑުކޮށްފައިވާ ކަމަށެވެ. ނަމަވެސް, ސަރުކާރުގެ ބައެއް އޮފިޝަލުންގެ އެހީގައި މިހާރު ބައެއް ޓިކެޓުތައް ދިވެހިންނަށް ހިލޭ ލިބޭނޭގޮތް ވަނީ ހަމަޖައްސައިދީފައެވެ. ނަމަވެސް ބޮޑުބައި އަދިވެސް ޖެހޭނީ ގަންނާށެވެ. ލަންކާ އަތުން ރާއްޖެ މޮޅުވި ފުރަތަމަ މެޗުށް ދިވެހި ސަޕޯޓަރުން ރާއްޖޭގެ ޓީމަށް ދިން ސަޕޯޓާއި ފޯރި، ލަންކާގެ ކޯޗު އަބްދުﷲ އަލް މުތައިރީ ވެސް ފާހަގަކޮށްފައިވެއެެވެ. އޭނާ ބުނީ, ލަންކާއިން އަމިއްލަ ދަނޑުގައި ކުޅުނުއިރު ވެސް ދިވެހި ސަޕޯޓަރުންގެ އަދަދު ގިނަ ކަމަށެވެ. ނޭޕާލް ގޮވައިގެން ވެސް މީގެ ކުރިން ރާއްޖެއާ ދެކޮޅަށް ނުކުތް މުތައިރީ ބުނީ, ދެވަނަ މެޗަށް އެކަން ބަދަލުވަން ޖެހޭ ކަމަށެވެ. ލަންކާގެ ސަޕޯޓަރުން އިތުރު ކުރަން އެ ގައުމުގެ އެފްއޭއިން ވަނީ އެ ގައުމުގެ ސަޕޯޓަރުންނަށް ވިއްކާ ޓިކެޓްގެ އަގު ހެޔޮކޮށްފައެވެ. ލަންކާގެ ސްކޫލް ކުދިންނާއި އެކަޑަމީތަކުގެ ކުދިންނަށް މިހާރު ހިލޭ މެޗު ބަލަން ވަދެވޭ އިންތިޒާމު އެ ގައުމުގެ ފުޓުބޯޅަ އިދާރާއިން ވަނީ ހަމަޖައްސައިދީފައެވެ. އެންމެ ފަހުން ލަންކާއާ ދެކޮޅަށް ކުޅުނު މެޗަށް 150 އެއްހާ ދިވެހިން ވަނީ މެޗު ބަލަން ވަދެފައެވެ. އެ މެޗު ރާއްޖެ ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. ދިވެހި ކަލްޗަރަލް ސެންޓަރު (ސޯސަންވިލާ)ގައި ދިވެހިންނަށް ޚާއްސަކޮށް މިހާރު ވެސް ދަނީ ޓިކެޓު ވިއްކަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ