ސުލްހައިގެ މަޝްވަރާތަކެއްގައި ބައިވެރިވުމަށް ގަތަރަށް ދިޔަ ހަމާސްގެ ލީޑަރުންގެ ޓީމަކަށް އިޒްރޭލުން ދިން ހަމަލާ ރައީސް މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފި އެވެ.
ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި މުއިއްޒު ވިދާޅުވީ، އިޒްރޭލުން ގަތަރުގެ ވެރިރަށް ދޯހާއަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފަށް ދިން ހަމަލާއެއް ކަމަށާއި މިއީ ގަތަރުގެ މިނިވަންކަމަށް ދިން ހަމަލާއެއް ކަމަށް ވެސް އެމަނިކުފާނު ލިޔުއްވާފައިވެ އެވެ.
މީގެ އިތުރުން، ރާއްޖެއިން އަބަދުވެސް ގަތަރާއެކު ދެމި ތިބޭނެ ކަމަށާއި އިޒްރޭލުގެ އަމަލުތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް މުއިއްޒު ވަނީ ބައިނަލްއަގުވާމީ ޖަމާއަތްތަކަށާއި ގައުމުތަކަށް ގޮވާލައްވާފަ އެވެ.
މުއިއްޒުގެ އިތުރުން، ގަތަރު، ތުރުކީ އާއި އެހެން ގިނަ ގައުމުތަކުން އަދި އދ. އިން ވެސް ވަނީ އިޒްރޭލުގެ ހަމަލާ ކުށްވެރިކޮށްފަ އެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފަށް، ސުލްހަ އާއި ދެކޮޅަށް ދިން ހަމަލާއެއް ކަމުގައި އިޒްރޭލާއި ދެކޮޅު ގައުމުތަކުން ވަނީ ސިފަކޮށްފަ އެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި ދިން މި ހަމަލާގެ ޒިންމާ އިޒްރޭލުގެ އަސްކަރިއްޔާއިން ރަސްމީކޮށް ނަގާފައިވާއިރު މި ހަމަލާގައި މަރުވި މީހުންގެ އަދަދު މިހާތަނަށް ކަށަވަރެއް ނުވެ އެވެ.
ގަތަރަކީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލުހޭދަ ހުއްޓުވުމަށް މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ގައުމެކެވެ. އިޒްރޭލާއި ހަމާސް އާ ދެމެދު މީގެ ކުރިން ވެސް ގަތަރުގައި ސުލްހައިގެ މަޝްވަރާތައް ބާއްވާފައިވެ އެވެ.
ހަމާސްގެ އޮފިޝަލުން އަލް ޖަޒީރާއަށް މައުލޫމާތު ދިން ގޮތުގައި އިޒްރޭލުން އެ ޖަމާއަތުގެ ޓީމަށް ހަމަލާދީފައިވަނީ ސުލްހަ ގާއިމުކުރުމަށް އެމެރިކާއިން ހުށަހަޅާފައިވާ އައު ޕްރޮޕޯސަލް އާމެދު ގޮތެއް ނިންމުމަށް މަޝްވަރާ ކުރަމުންދަނިކޮށެވެ. އެ ޕްރޮޕޯސަލް ހުށަހެޅީ އިއްޔެ އެވެ.
އިޒްރޭލުން ގަތަރުގައި ތިބި ހަމާސްގެ ލީޑަރުންނަށް ދިން ހަމަލާ މުއިއްޒު ކުށްވެރިކުރައްވައިފި އިޒްރޭލުން ގަތަރުގައި ތިބި ހަމާސްގެ ލީޑަރުންނަށް ދިން ހަމަލާ މުއިއްޒު ކުށްވެރިކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ