އަޒްމީން އާއި ފައިނާޒް ކެރަމް ވޯލްޑް ކަޕް ސްކޮޑުން ޖާގަހޯދައިފި އަޒްމީން އާއި ފައިނާޒް ކެރަމް ވޯލްޑް ކަޕް ސްކޮޑުން ޖާގަހޯދައިފި

މި އަހަރު ރާއްޖޭގައި ބާއްވާ ހަތް ވަނަ ކެރަމް ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ސްކޮޑުން އިސްމާއިލް އަޒްމީން އާއި އައިޝަތު ފައިނާޒް ޖާގަ ހޯދައިފި އެވެ. ފައިނާޒް ޖާގަ ހޯދީ އައިމިނަތު ވިދާދު އަތުން 2-1 ސެޓުން މޮޅުވެގެންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ، 05-25، 25-09 އަދި 20-15 އިންނެވެ. ވިދާދު މި ވަނީ، މިހާތަނަށް ސްކޮޑަށް އެރި ތިން ކުޅުންތެރިން އަތުން ވެސް ބަލިވެފަ އެވެ.
އަންނަ ޑިސެމްބަރު މަހު ރާއްޖޭގައި ބާއްވާ ކެރަމް ވޯލްޑް ކަޕްގައި ވާދަކުރާ ގައުމީ ސްކޮޑު ނެގުމުގެ ސިލެކްޝަން މިހާރު ކުރިއަށް އެބަދެ އެވެ. އެ ގޮތުން، ފިރިހެން ފަސް ކުޅުންތެރިންނާއި އަންހެން ފަސް ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލާއިރު، ކޮންމެ ޖިންސަކުން ތިން ކުޅުންތެރިއަކު ވަނީ ޖާގަ ހޯދައިފަ އެވެ.
މީގެ ކުރިން ގައުމީ ސްކޮޑުން ޖާގަ ހޯދީ، ހަސަން ނާޒިމް، ފާތިމަތު ރަޔާނާ، އިބްރާހިމް ހުޖާން އަދި އައިޝަތު ނަހުފާ އެވެ.
އަންނަ ޑިސެމްބަރު މަހު 2-6 އަށް ބާސެލޯސް ނަަސަންދުރާގައި ކުރިއަށްދާ ކެރަމް ވޯލްޑް ކަޕަށް ގައުމީ ސްކޮޑުން އަޒްމީން ޖާގަ ހޯދީ، މުހައްމަދު މުންތަސިރު އަތުން 24-14، 25-09 އިން މޮޅުވެގެންނެވެ.
މިދިޔަ އަހަރު، އެެމެރިކާގެ ކެލަފޯނިއާގައި ކުރިއަށްދިޔަ، ހަ ވަނަ ކެރަމް ވޯލްޑް ކަޕުން ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުން ލޯ މެޑަލް ހޯދި އެވެ. ފިރިހެން ގައުމީ ޓީމުން ޓީމް އިވެންޓްގައި ފުރަތަމަ ފަހަރަށް ކެރަމް ވޯލްޑް ކަޕެއްގައި މެޑަލެއް ހޯދިއިރު، އެ ޓީމުން ތިން ވަނަ ހޮވި މެޗުގައި ބައްދަލުކުރީ ސިންގަޕޫރާ އެވެ. އަންހެން ގައުމީ ޓީމުން ތިން ވަނަ ހޯދީ އެމެރިކާ ބަލިކޮށްފަ އެވެ.
ރާއްޖޭގައި 2014 ވަނަ އަހަރު ސަން އައިލެންޑް ރިސޯޓްގައި ކެރަމް ވޯލްޑް ކަޕް ހޯސްޓްކުރިތާ 11 އަހަރު ފަހުން މި ފަހަރުގެ ވޯލްޑް ކަޕް ބާއްވަން ފުރުސަތު ލިބި، ކުރު މުއްދަތެއްގެ ތެރޭގައި އެކަން މި ވަނީ ހަމަޖެހިގެން ގޮސްފަ އެވެ. ކެރަމް އެސޯސިއޭޝަންގެ މި ފަހަރުގެ ޓާގެޓަކީ އަމިއްލަ ފަސްގަނޑުގައި ކުޅޭ މުބާރާތުން ކުރިއަށް ވުރެން ރަނގަޅު ކާމިޔާބެއް ހޯދުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ