ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ހުށަހެޅި ފޯމު އިލެކްޝަންސް ކޮމިޝަނުން ބާތިލު ކުރުމުން، ސުޕްރީމް ކޯޓުން އެއަށް ތާއީދު ކުރުމުން އިންތިހާބު ބޮއިކޮޓު ކުރަން ގޮވާލައި އެ ނިންމުން ބަދަލު ކުރެވޭނެ މަގު އޮތްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރައީސް ޔާމީން ފޯމު ހުށަހެޅުއްވި އިރު، ހުންނެވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގެ ޖަލު ހުކުމެއްގަ އެވެ. އަދި އޭރު ވެސް ދަށު ކޯޓުގައި އިތުރު ހިޔާނާތުގެ މައްސަލައެއް ކުރިޔަށް ދެއެވެ. އެހެންވެ އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަނުވާކަމަށް ނިންމައި، ފޯމު ބަލައިނުގަތުމަށް އީސީން ނިންމި އެވެ. އެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މައްސަލައިގައި ގޮތެއް ނިންމައި ކުރި ހުކުމުގައި ވަނީ ކޮމިޝަނުގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތްކަމަށެވެ.
އެ ދުވަހުގެ އެ ނިންމުމާއި އެކު ކޯޓު ރޫމުން ނޯޓެއް ފޮނުވައި ރައީސް ޔާމީން އެދިވަޑައިގަތީ އިންތިހާބު ބޮއިކޮޓު ކުރުމާއި މެދު ޕީޕީއެމް/ޕީއެންސީގެ ސެނެޓުގައި ގޮތެއް ނިންމުމަށެވެ. އެހެން ނަމަވެސް އެކަމަށް އާންމު މެމްބަރުން އިހުތިޖާޖުކޮށް، ބޮޑު މައްސަލަގަނޑެއް އުފެދި އެންމެ ފަހުން ނެގި ވޯޓުގައި ނިމިގެން ދިޔައީ އިންތިހާބު ބޮއިކޮޓު ކުރަން ނުފެންނަ ކަމަށެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރާ ބެކްއަޕް ކެންޑިޑޭޓަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިކުންނެވީ އެހެންވެ އެވެ.
ޕީއެންއެފްގެ އޮފީހުގައި ރޭ އޮތް ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ބަންދަށް ދިން ލުއިތަކެއްގެ ދަށުން އެމަނިކުފާނު ގޭގައި ހުންނެވުމަކީ އާއިލާގެ މެމްބަރުންގެ ހިތަށް ލިބޭ ތަސައްލީއެއްކަމަށެވެ. އެކަމަކު އެމަނިކުފާނަކީ ސިޔާސީ ލީޑަރެއްކަމަށްވުމާއި ޕާޓީގެ އާންމު މެމްބަރުންނާއި ސަޕޯޓަރުންގެ ކަންކަން ވެސް ގާތުން ބެލެހެއްޓުމަސް ބޭނުންވާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމިން ވިދާޅުވީ މި ސަރުކާރުގެ އިސް މަގާމުތަކާއި، އެކި ކަންކަމުގައި މަސްއޫލުވެތިބީ އެމަނިކުފާނާއި އެކު މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށެވެ. ތަކުރާރުކޮށް ސަރުކާރާއި، ސަޕޯޓަރުންނަށް އިއްވަން އޮތް ވާހަކައަކީ ސިޔާސީ އެއްވެސް މަސައްކަތަކަށް ޖާގަ ލިބިފައި ނެތުންކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
މީގެ އެތައް ދުވަހެއް ކުރިން، ޕޯޑިއަމްތަކުގައި ސިޔާސީ ހުކުމްތަކެއްގެ ވާހަކަ ދެއްކެވި ބޭފުޅުން މަގާމުތަކުގައި ތިއްބެވިއިރު ދަތިވެގެން އުޅެނީ ކޮންކަމަކަށް ތޯ ރައީސް ޔާމީން ސުވާލު އުފެއްދެވި އެވެ. އަދި ވިދާޅުވީ ބަންދަށް ލުއި ދިނުމުގައި އޮތް ގާނޫނީ ހުރަހެއް ނުވިސްނޭކަމަށާއި، ވެރިކަމުގައި އޮތީ އެމްޑީޕީއެއް ވެސް ނޫން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ބަންދުގައި ބަހައްޓައި، ޖަލުގައި އޮތުމަށް އެމްޑީޕީން ކިތަންމެ ބޭނުންވިޔަސް އަމަލީ ގޮތުން އެ ޕާޓީއަށް ކުރެވޭނެކަމެއް ނެތްކަމަށެވެ. އަދި އެ މީހުންނަށް އެމަނިކުފާނުގެ ސަޕޯޓަރުންނާއި ވާހަކަ ދައްކައިގެން އެކަމާއި ހެދި އުނދަގޫވެގެން އުޅެދާނެހެން ހީނުވާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އެ ނިންމުން އިސްތިއުނާފު ކުރެވުނީސްކަމަށާއި، އަދި ކޯޓުގެ ނިންމުން އެއީ ގޯހެއްކަން ސުޕްރީމް ކޯޓަށް ވިސްނޭ މިންވަރަށް އިހުތިޖާޖު ކުރެވުނީސްކަމަށެވެ. އެއަށް ފަހު ބޮއިކޮޓު ކުރުމުގެ ވާހަކަ ވެސް ދެކެވޭނެކަމަށާއި، އެކަމަކު އެއީ އެއްވެސް ހާލަތެއްގައި އިންތިހާބުގައި ވާދަ ނުކުރުން ނޫންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ބޮއިކޮޓު ކުރުމަށް ގޮވާލަނީ، ސުޕްރީން ކޯޓުގެ ނިންމުން ބަދަލު ކުރަން ކުރާ އިހުތިޖާޖެއްގެ ގޮތުންކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އޭގެ ސަބަބަކީ އެންމެ ބޮޑު ތާއީދެއް އޮތީ އެމަނިކުފާނާއި ޕީޕީއެމަށް ވާތީކަމަށް ވެސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި، އެންމެ ބޮޑަށް ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަކީ ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށެވެ. އެކަމަކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ފަހުން ރައީސް ޔާމީނާއި، ރައީސް މުއިއްޒު އަދި ޕާޓީގެ ލީޑާޝިޕް ދެމެދު މައްސަލަތައް ޖެހި ރައީސް ޔާމިން ޕީޕަލްސް ނެޝަނަލް ފްރަންޓުގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދެވީ އެވެ.
ރިޔާސީ އިންތިހާބު ބޮއިކޮޓު ކުރަން ގޮވަން ޖެހުނީ، އެއީ ސުޕްރީމް ކޯޓުން ހެދުނީ ގޯހެއްކަން ދެކި ރިވިއު ކުރާނެތީ: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ