މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އެއްކޮށްލުމުގެ ވިސްނުން ސަރުކާރުގައި ގެންގުޅޭ ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ކަސްޓަމްސްގެ 125 ވަނަ އަހަރީދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ދިދަނެގުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުން އުމަރު ވިދާޅުވީ، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކެކޭ އެއްފަދައިން، ރާއްޖޭގައިވެސް ކަސްޓަމްސްއާއި އިމިގްރޭޝަން އެއްކޮށްލުމުގެ ވިސްނުން ސަރުކާރުގައި ގެންގުޅޭ ކަމަށެވެ.
"އޭގެ މަޤުސަދަކީ މިދެ މުއައްސަސާ އެއްކޮށްލުމުން ދައުލަތަށް ހަރަދު ކުޑަވެ، މިދެ މުއައްސަސާ އަކީ ގާތްގަނޑަކަށް އެއްކަހަލަ ދެތަންކަމަށް ވާތީވެ މިކަމުގެ ސަބަބުން ހަލުވި ކުރިއެރުންތަކެއް ހޯދޭނެ" މިނިސްޓަރު އުމަރު ވިދާޅުވެފައިވެއެވެ.
ކަސްޓަމްސްގެ ބެލެނިވެރިކަން މިހާރު ހޯމް މިނިސްޓްރީ އާއި ހަވާލު ކުރެވިފައިވާއިރު، އިމިގްރޭޝަން ހިންގަމުން ދަނީ އިކޮނޮމިކް މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް އާދިލް ރިޒާ ވިދާޅުވީ، ކަސްޓަމްސްގެ 125 ވަނަ އަހަރީ ދުވަހަށް ވާޞިލް ވެވިފައިވާއިރު، އެ އިދާރާ ވަނީ "ރިސްކް ބޭސްޑް މެނޭޖްމަންޓް ފްރޭމްވާކްއަކަށް" ބަދަލުވުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކޮށްފައިކަމަށާއި މީގެ ސަބަބުން އެ އިދާރާއިން ފޯރުކޮށްދޭ ހިދުމަތްތައް އަވަސްވެގެން ދާނެކަމަށެވެ.
"ރާއްޖޭގައި ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ 24 ރިސޯޓަށް ގެނެވޭ މުދަލާއި އަދިވެސް ބައިނަލްއަޤްވާމީ ވިޔަފާރި ފުޅާވަމުންދާ ސްޕީޑާ އެއްވަރަށް ކަސްޓަމްސްގެ ޚިދުމަތްތައް ތަރައްގީކޮށް، މިކަންކަމަށް ސާބިތުކަމާއެކު ކުރިމަތިލުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވަމުންދަނީ" އައްބާސް ވިދާޅުވެފައިވެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ދުވަހާ ގުޅޭގޮތުން ހާއްސަ ދުއާއެއް ކޮށްފައިވާއިރު، ކަސްޓަމްސް މައި އޮފީހުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމުކޮށްފައިވާ ކަސްޓަމްސް އޮފީސްތަކުގައި ވެސް ދިދަ ނެގުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ.
ކަސްޓަމާއި އިމިގްރޭޝަން އެއްކޮށްލުމުގެ ވިސްނުން އެބަހުރި - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ