ޖީބުގައި ފޯނު އޮއްވާކުރެވޭ ކޯލުގެ ޒިންމާ ފޯނުގެ ވެރިފަރާތުން ނަގަން ޖެހޭނެ ކަމަށް ކޯޓުން ނިންމައިފި

ޖީބުގައި ފޯނުން އޮއްވާ ބައެއް މީހުންނަށް ގުޅި އެމީހުންނަށް އަޑުއިވިގެން ނުވާނެ ވާހަކަތައް އަޑުއިވޭ ފަހަރު އާދެއެވެ. އަދި ބައެއް ފަހަރު ފޮނުވަން ބޭނުން ނުވާ މެސެޖެއް ފޮނުވަން ބޭނުން ނުވާ މީހަކަށް ފޮނުވި އެކަމުގެ ހިތާމަ ވެސް ކުރަން ޖެހެއެވެ.
އެމެރިކާގެ ކުންފުންޏެއްގެ ބޯޑު މެންބަރަކު އޭނާގެ ސެކްރެޓަރީ އަށް ފޯނު ކުރުމަށް ފަހު ފޯން ކަނޑާނުލާ ޖީބަށް ލެވުމުން ޖީބުގައި ފޯނު އޮއްވެ އެކޯލް އެތައް އިރަކަށް ދެމިގެން ގޮސް ސެކްރެޓަރީ އަށް އަޑުއިވިގެން ނުވާނެ ވާހަކަތަކެއް އަޑުއިވުމުން ބޯޑު މެންބަރު ވަނީ ކޯޓަށް މައްސަލަ ވައްދާފައެވެ.
މައްސަލަ ނިމުނީ މިމައްސަލަ ހުށަހެޅި ޖޭމްސް ހަފް އާއި އިދިކޮޅަށެވެ. ޖޭމްސް ކޯޓުގައި އެދިފައި ވަނީ ޖީބުގައި ފޯނު އޮތުމުން އެކޯލްގެ ޒިންމާ އޭނާ އުފުލަން ނުޖެހޭނެ ކަމަށް ކޯޓުން ޙުކުމް ކޮށްދިނުމަށެވެ.
އަދި ފޯނު ޖީބުގައި އޮއްވާ އިވޭ ވާހަކަތައް އަޑުއެހުމަކީ އެހެން މީހެއްގެ އަމިއްލަ ކަންތައްތަކަށް އަރައި ގަތުން ކަމަށް ނިންމައި ދިނުމަށް ވެސް އޭނާ ވަނީ އެދިފައެވެ.
ނަމަވެސް މައްސަލަ ބެއްލެވި ފަނޑިޔާރު ވިދާޅުވީ ފޯނު ޖީބުގައި އޮއްވާ ވާކަންތައްތަކުގެ ޒިންމާ ނަގަން ޖެހޭނީ ފޯނު ގެންގުޅޭ ފަރާތުން ކަމަށެވެ. ފޯނު ޖީބުގައި އޮތުމަކީ ޒިންމާ އިން ރެކެވޭނެ ސަބަބެއް ނޫން ކަމަށް ކޯޓުން ކުރި ޙުކުމުގައި ބުނެފައި ވެއެވެ. އަދި ޖީބަށް ފޯނު ލުމުގެ ކުރިން ފޯނުން އެހެން މީހަކަށް ނުގުޅޭ ގޮތް ހެދުމަކީ ފޯން ގެންގުޅޭ މީހާގެ ޒިންމާއެއް ކަމަށާއި އެވާހަކަތައް އަޑުއެހުމަކީ ވެސް މީހެއްގެ އަމިއްލަ ކަންތައްތަކަށް އަރައި ގަތުން ކަމަށް ނިންމެން ނެތް ކަމަށް ކޯޓުގެ ޙުކުމުގައި ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ