ރޯދަމަޖާ: ހަވީރު ސައިބޯން އޯޑަރުކުރި ހެދިކާ

ކޮރޯނާ ވައިރަސްގެ ބިރުވެރިކަމާހުރެ މާލޭގެ އެންމެން މިތިބީ ގޭބަންދު ވެފައެވެ. މިހާރު ކިޔައި އުޅޭ ގޮތަށް ނަމަ ފުރަބަންދު ވެފައެވެ. ދޮރާށިން ބޭރަށް ބޯދިއްކޮލުންވެސް މަނައެވެ. މަގުމައްޗަށް ނުކުމެއްޖެ މީހެއްގެ އަދަބަކީ އެއްހާސް ރުފިޔާއިން ޖުރުމާނާ ކުރުމެވެ. ނުވަތަ ހައްޔަރު ކުރުމެވެ.
އެހެންވީމާ އަޅުގަނޑުވެސް ހުރީ ފުރަބަންދުގައެވެ. ގޭބަންދުގައެވެ. ލޮކްޑައުން ވެފައެވެ. މިއީ ކިހިނެއް ވާ ކަމެއް ބާވައޭ ހިތައި ހުއްޓާ ރައްޓެއްސަކު ފޮނުވި ވީޑިއޯއަކުން ފެންނަނީ މީހަކު ވާފަށެއްގައި ތަޅެއް އައެްސައިގެން ދޮރުފަތުގެ އަތްގަނޑު ދޭތެރެއިން ލައްވައިގެން މަޑުމަޑުން ބިމާ ދިމާއަށް އެ ތަޅު ތިރިކުރާ ތަނެވެ. ހިތަށް އެރިއެވެ. ލޮކްޑައުން ވާ ގޮތަކީ މިއީތާއެވެ!
ކޮންމެއަކަސް ގޭގައި ބަންދުވެފައި ތިބެން ޖެހޭތީ އެއްޗެއް ކާ ހިތްވިޔަސް އެ އެއްޗެއް ވަގުތުން ގަނެގެން ކެއުމުގެ ފުރުސަތު ގެއްލިއްޖެއެވެ. މިއީ ހޭނެންވެއްޖެ ކަމެކެވެ. އެކަމަށްވެސް މިހާރު ކިޔާ ނަމެއް އޮވެއެވެ. އައު ނޯމަލަކަށް ދާންވީޔޯލައެވެ. އެއީ ކޮން ކަހަލަ މަލެއް ކަމެއް ނޭނގުނެވެ. ދަންނަ މީހެއް ގާތު އަހައިލީމާ ބުނީ އެއީ މިހާރު އުޅޭ ގޮތް ނޫން އެހެން ގޮތަކަށް އުޅެން ޖެހިއްޖެ ވާހަކައެވެ. އަޅުގަނޑުގެ ހިތަށް އެރިއެވެ. އެއީ އަޅުގަނޑުމެން ދިވެހިންނަކަށް މާ ބޮޑު ކަމަކަށް ނުވާނެއެވެ. ދެއިރު ދެ ދަޅައަށް ގޮތް ބަދަލުކުރާ ބަޔަކަށް އައު ގޮތަކަށް އުޅުން ވާނީ ކައިފައި ވައެއް ލުންހައި ފަސޭހަ ކަމަކަށް ނޫންތޯއެވެ؟
އެކި ފަހަރު އެކި ކަހަލަ އެއްޗެހި ކާ ހިތްވުމަކީ އިންސާނާގެ ތަބީއަތުގައި ހުންނަ ކަމެކެވެ. މި ގޮތުގެ މަތީން އިހަށް ދުވަހު ހަވީރު ސައިބޯން އިށީނދެފައި މަސްރޮށި ކާހިތް ވެއްޖެއެވެ. ގޭދޮށުގައި ސައި ހޮޓަލެއް ހުރެއެވެ. އެކަމަކު އެ ހިސާބަށް ދާކަށްވެސް ހުއްދައެއް ނެތެވެ. އުސޫލު ހަމަޖެހިފައި އޮތް ގޮތުން އެއްޗެއް ބޭނުން ވެއްޖެއްޔާ ޖެހެނީ އޯޑަރު ކުރާށެވެ. ގޭ ދޮށަށް ގެނެސްދޭނެއެވެ. އެހެންވީމާ ހެދިކާ ގެނެސްދޭ ތަނެއް ފެނޭތޯ މަސައްކަތް ފަށައިފީމެވެ.
މި ޒަމާނުގައި އެންމެ ފަސޭހައިން އެއްޗެއް ފެންނަނީ ފޭސްބުކުންނެވެ. (މީގެ ވާހަކަ ރޯދަމަހު ނުދައްކާން ކުރުކޮށްލާނީއެވެ.) އަޅުގަނޑު އެކި ގޮތްގޮތަށް ހޯދައިގެންވެސް ހެދިކާ ވިއްކާ ތަނެއް ނުފެނުނެވެ. އެހެންވީމާ ރައްޓެއްސަކަށް މެސެޖެއް ފޮނުވައިފައި އެކަހަލަ ތަނެއް ދަންނަންތޯ އަހައިފީމެވެ. އޭނާ ދެތިން މިނިޓެއްހައި އިރުގެ ތެރޭގައި ހެދިކާ ވިއްކާ ހަތަރުފަސް ތަނެއްގެ ފޮޓޯ ފޮނުވައިފިއެވެ. އެއަށްފަހު މެސެޖެއް ކޮށްފައި ބުންޏެވެ. "އެންމެ ފަހުން މި ފޮނުވި ފޮޓޯގައި މިހިރަ ތަނަކީ އާ ތަނެކެވެ. ރަނގަޅު ވާނެއެވެ."
އަޅުގަނޑު އޭގައި އޮތް ނަންބަރަށް ގުޅައިފައި ހެދިކާ ފޮނުވައި ދެންތޯ އަހައިފީމެވެ. ފޯނު ނެގީ ބިދޭސީއެކެވެ. އޭނާ ބުންޏެވެ. "ފޮނުވައިދެމެވެ."
އަޅުގަނޑު އަހައިފީމެވެ. "ތިޔައީ ކިހައި ހިސާބެއްގައި ހުންނަ ތަނެއް ހެއްޔެވެ؟"
އޭނާ ބުންޏެވެ. "ބީޗު ކައިރީގައެވެ."
އަޅުގަނޑު ބުނެފީމެވެ. "ވަރަށް ރަނގަޅެވެ. ތިޔައީ މިގެޔާވެސް މާ ދުރު ހިސާބެއް ނޫނެވެ. ހުރީ ކޮން ކަހަލަ ހެދިކާއެއް ހެއްޔެވެ؟"
އޭނާ ކިޔައިދޭން ފަށައިފިއެވެ. "ބަޖިޔާ... މަސްރޮށި... ހަވާދުލީ ބިސް... ކަޓުލަސް... ބޯކިބާ... ރޯސް ޕާން... ކީމިޔާ..."
ވަރަށް ދިގު ލިސްޓެކެވެ.
އަޅުގަނޑު ބޭނުންވާ ހަތަރު ވައްތަރެއްގެ ހެދިކާޔާއި ފޮނުވަންވާ އަދަދު ބުނެފައި އަގު އަހައިލީމާ ބުންޏެވެ. "ސާޅީސް ފަސް ރުފިޔާއެވެ." ފޮނުވައި ދެވޭނީ ކިހައި އިރަކުންތޯ އަހައިލީމާ ބުންޏެވެ. "ދެތިން މިނިޓުގެ ތެރޭގައި ލިބޭނެއެވެ. އެޑުރެސް ބުނާށެވެ."
މި ފުރަބަންދުގެ ތެރޭގައި އެއްޗަކަށް އޯޑަރު ކޮށްފިއްޔާ ހައެއްކަ ގަޑިއިރު ވުމުގެ ކުރިއަކުން ނާދެއެވެ. އެހެންވީމާ އަޅުގަނޑު ވަރަށް އުފާވެފައި ބުނެފީމެވެ. "މި ގެ ހުންނަނީ ބޯޅަދަނޑު ކައިރީގައެވެ. އޮލިމްޕަސް ކުރިމަތީގައި އޮންނަ މަގުގައެވެ."
އޭނާ އަހައިފިއެވެ. "އޮލިމްޕަސް އެއީ ކޮން ތަނެއް ހެއްޔެވެ؟ ތިޔައީ އަދި އަހަރެން ނުދަންނަ ތަނެކެވެ."
އަޅުގަނޑު ބުނެފީމެވެ. "އޮލިމްޕަހަކީ ގަލޮޅު ބޯޅަދަނޑު ކައިރީގައި މަޖީދީ މަގުގައި ހުންނަ ތަނެކެވެ."
އޭނާ ވަރަށް ދެރަވެފައި ބުންޏެވެ. "ބޭބޭއެވެ. ވަރަށް ދެރައެވެ. ތިޔަ ތަނަކަށް ހެދިކާ ފޮނުވައެއް ނުދެވޭނެއެވެ. މިއީ ފާދިއްޕޮޅު ނައިފަރުގައި ހުންނަ ހޮޓަލެކެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ