ދެ ލައްކަ ޑޮލަރުގެ އަގުހުރި މުދާ ވަގަށް ނެގި ކަމުގެ ތުހުމަތަށް ހައްޔަރު ކުރި މީހަކު ބަންދުގައި ބަހައްޓަން ހައި ކޯޓުން ތާއިދުކޮށްފި

ޝަންގްރިއްލާ ވިލިގިލި ރިސޯޓުގައި ހުއްނަ ސިފަނީ ޖުވެލަރީ ޝޮޕްފަޅާލައި 200،000 ޔޫއެސް ޑޮލަރުގެ އަގުހުރި މުދާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ބަންދުގައި ބަހައްޓަން ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރަށް ހައިކޯޓުން ތާއީދުކޮށްފި އެވެ. އެ މައްސަލާގައި ބަންދުގައި ބަހައްޓަން ފޭދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައި ވަނީ އެރަށު ވޭވް، މުހައްމަދު ޝިފާއު އެވެ. އެ އަމުރަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމުގައި ވަނީ ޝިފާއުގެ މައްޗަށް ތުހުމަތު ކުރެވުނު މުދަލަށް ގެއްލުންދިނުމާއި ވައްކަން ކުރުމުގެ ކުށުގެ ސަބަބުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އޭނާ ބަންދުގައި ބަހައްޓަން ފޭދޫ ކޯޓުން ނިންމާފައިވާކަން އެނގެން އޮންނަ ކަމަށެވެ. ޝިފާއު ބަންދުގައި ބެހެއްޓުމަށް ފުލުހުންގެ ފަރާތުން ކޯޓުގައި އެދިފައި ވަނީ ވައްކަމުގެ އެ މައްސަލައަކީ ރާވައިގެން ގިނަ ބަޔަކު ބައިވެެރިވެގެން ހިންގާފައިވާ އަމަލަކަށް ވާތީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ޝިފާއު އަކީ ރިސޯޓުގައި ވަޒީފާ އަދާކުރާ އަދި މަގާމުގެ ގޮތުން ނުފޫޒު ފޯރުވޭފަދަ މަގާމެއްގައި ހުރި މީހެއްކަމަށް ވާތީ އޭނާ ދޫކޮށްލައިފި ނަމަ ހެކިންނަށް ނުފޫޒު ފޯރުވާ ހެކި ނައްތާލަން މަސައްކަތް ކޮށްފާނެ ކަމަށް ފެންނަ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ޝިފާއު ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ ދެ ވަނަ ދުވަހު ދަންވަރުގެ ވަގުތެއްގައި ޝާންގްރިއްލާ ވިލިގިލީ ރިސޯޓް އެންޑް ސްޕާގައި ހުއްނަ ސިފަނީ ޖުވެލަރީ ޝޮޕުން އަގުހުރި ގިނަ އަދަދެއްގެ ރަނުގެ ގަހަނާތަށް ވަގައްނެގި މައްސަލައިގެ ތުހުމަތުގަ އެވެ. ޝިފާއުގެ އިތުރުން އެ މައްސަލާގައި އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ އެންމެން ވެސް ތިބީ ފުލުހުންގެ ބަންދުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ