އައްޑޫ ފްލައިން ސްކޫލް މާފަރަށް ބަދަލު ކުރަނީ

އޭޝިއަން އެކެޑަމީ އޮފް އެރޯނޮޓިކްސް (އޭއޭއޭ) އިން އައްޑޫ ސިޓީ ގަމުގައި ހިންގަމުންދާ ފްލައިން ސްކޫލު ބަންދުކުރަން ނިންމައިފިއެވެ.
އޭއޭއޭގެ ސީއީއޯ ސޫރަންޖަން ޑިސިލްވާ ވިދާޅުވީ ގަމުގައި ފްލައިން ސްކޫލްގެ އެގްރިމެންޓް މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ. އަދި އެއްބަަސްވުން އާކުރުމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އާ ކުރި މަޝްވަރާތައް ނާކާމިޔާބުވެގެން ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފްލައިން ސްކޫލުން މީގެ ކުރިން ކުލީގެ ގޮތުގައި ދައްކަމުން ދިޔައީ 78،000 ރުފިޔާ ނަމަވެސް މިއަހަރު މޭ އިން ފެށިގެން 107،000 ރުފިޔާ ދައްކަމުންދާ ކަމަށް އޭއައިއޭއިން ބުނެއެވެ.
ފްލައިން ސްކޫލުން ބުނެފައިވަނީ ސްކޫލްގެ އެއްބަސްވުން އާކޮށްދޭން އޭއައިއޭއިން ކިޔަނީ މާ ބޮޑު ކުއްޔެއް ކަމަށާއި އަކަ ފޫޓަކަށް މަަހަކަށް 12 ރުފިޔާ ދައްކަން ޖެހޭ ގޮތަށް ހެދުމުން އެކުލި ބޮޑުކަމަށް ފެންނާތީ މިހާރު އެ މަޝްވަރާތައް ނިމިފައިވާ ކަމަށެވެ. އަދި އެ ފްލައިން ސްކޫލް ދެން ބަދަލުވާނީ މާފަރު އެއާޕޯޓަށްކަމަށް ސީއީއޯ ސޫރަންޖަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފްލައިން ސްކޫލު ހިންގުމުގެ އެއްބަސްވުން އާ ނުކުރި ހަމަ އެކަނި ސަބަބަކީ ބިމު ކުލީގެ ގޮތުގައި ނަގަން އޭއައިއޭއިން ހުށަހެޅި އަގު ބޮޑުވުމެވެ.
ފްލައިން ސްކޫލުގައި ރާއްޖެއާ ރާއްޖެއިން ބޭރުން ގިނަ އަދަދެއްގެ ދަރިވަރުން މިހާރުވެސް ދަނީ ކިޔަވަމުންނެވެ. އަދި އެ ދަރިވަރުންގެ އަތުން އެތަކެއް މިލިއަން ޑޮލަރު އެ ސްކޫލަށް ލިބޭއިރު އައްޑޫ ސިޓީއަށް އެކަށީގެންވާ އެއްޗެއް ނުލިބޭ ކަމަށް ބުނެ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ފްލައިން ސްކޫލް ބަންދުކުރަން ނިންމިއިރު އެ ސްކޫލުގެ ޕައިލެޓް ލައިސަންސް ޕްރޮގްރާމުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން މަޑުޖެހިފައިވާ ކަމަށް ބުނެ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ވަނީ ރާއްޖެއިން ބޭރުގައި ކޯސް ފުރިހަމަ ކުރުމުގެ ފުރުސަތުވެސް ހުޅުވާލައިފި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ