އުއްތަމަ ފަނޑިޔާރާއެކު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނަށް ނަސޭހަތްދޭން ނިންމައިފި

އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތަށް ސުޕުރީމް ކޯޓުގެ ތިންފަނޑިޔާރުންނަށް ނަސޭހަތް ދިނުމަށް ޖުޑިޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.
ޖޭއެސްސީން މިއަދި ބޭއްވި ބައްދަލުވުމުގައި އެކޮމިޝަނުން ނިންމާފައިވަނީ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފް އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަށް ނަސޭހަތް ދިނުމަށެވެ. އެ ފަނޑިޔާރުންގެ މައްޗަށް އެގޮތަށް ނިންމީ، އެކޮމިޝަނުގެ މިއަދުގެ ބައްދަލުވުމުގައި އެ ފަނޑިޔާންނާމެދު އެކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާ، އެކޮމިޝަނުން ތަހުގީގު ކުރި ކުޑަ ކޮމެޓީން ތަހުގީގުކޮށް ނިންމުމަށްފަހު، ކޮމިޝަނަށް ހުށަހެޅި ރިޕޯޓާ ގުޅިގެންނެވެ. އެކޮމިޝަނުން ނިންމީ އެ ތިން ފަނޑިޔާރުންނަށް އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި ނަސޭހަތް ދިނުމަށެވެ.
ތަހުގީގު ރިޕޯޓްގައިވާ ނަސޭހަތް ދިނުމުގެ ނިންމުމާ އެއްގޮތަށް އެ ތިން ފަނޑިޔާރުން ޖަވާބުދާރީވާން މާދަމާއިން ފެށިގެން 30 ދުވަސް ވަނީ ދީފަ އެވެ.
ޖޭއެސްސީއިން އެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ބަލަނީ ކޮން މައްސަލައެއްކަން ހާމަ ކޮށްފައެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި ޖޭއެސްސީއިން ބަލަމުންދާ އެއް ޝަކުވާއަކީ ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފްގެ ދަރަނީގެ މައްސަލާގެ ލިޔުންތައް ސުޕްރީމް ކޯޓުން ނެގި މައްސަލަ އެވެ. އިކްރާމްގެ އަނބިކަނބަލުންނަކީ އޭރު ޖޭއެސްސީއަށް ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާފައި ހުންނަވާ މެމްބަރު ލަތީފާ ގާސިމް އެވެ.
އެ ތިން ފަނޑީޔާރުންގެ މައްޗަށް ހުށަހެޅުނު ޝަކުވާގެ މައްސަލާގައި، އެކޮމިޝަނުން ބަލަން ނިންމީ މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ޖޭއެސްސީން ވަނީ ސްޕްރީމް ކޯޓްގެ ތިން ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަތައް ބެލުމަށް އެކޮމިޝަނުގެ ހަތް މެމްބަރުންގެ ކޮމެޓީއެއް އެކުލަވާލާފަ އެވެ.
އެކޮމެޓީގައި ހިމެނިވަޑައިގެންނެވީ ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީއާއި ކޮމިޝަންގެ މެމްބަރު އަބްދުއްރައޫފް އިބްރާހީމާއި ކޮމިޝަންގެ މެމްބަރު މުހައްމަދު އީސާފުޅާއި ކޮމިޝަންގެ މެމްބަރު ހިސާން ހުސައިނާއ ކޮމިޝަންގެ މެމްބަރު އަބްދުލް ހަންނާން އަހްމަދާއި ކޮމިޝަންގެ މެމްބަރު ޑރ. އަލީ ޝަމީމް އަދި ކޮމިޝަންގެ މެމްބަރު އިބްރާހިމް ރިފްއަތު ކަމުގައެވެ.
އުއްތަމަ ފަނޑިޔާރު ހިމެނޭގޮތުން ސްޕްރީމް ކޯޓްގެ ތިން ފަނޑިޔާރުންނަށް ނަސޭހަތް ދޭން ނިންމާފައިވާއިރު އެ ކޯޓްގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ ބެލުމަށްފަހު، އެކޮމިޝަނުން މިހާރު ވަނީ އޭނާ ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ