ތިލަފުށީގައި އެނދި ކުނިތައް ހދ ކުނބުރުދޫއަށް ގެންދަން އާތިފް އާއި ވިސާމް ދެކޮޅު

ތިލަފުށީ ސައިޓުގައި ރޯވެ އެނދި ކުނިތައް ހދ ކުނބުރުދޫއަށް ގެންދަން ނިންމާފައިވާތީ އެކަމާ ދެކޮޅަށް ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް އާއި ކުރިނބީ ކައުންސިލްގެ ރައީސް އަލީ ވިސާމް ދެކޮޅު ހައްދަވައި ވާހަކަދައްކަވައިފި އެވެ.
ތިލަފުށީގެ ކުނިތަކުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލެ ސަރަހައްދުގެ ކުނި ބަލައިގަންނަ މިންވަރުވެސް ވަނީ މަދުކޮށްފަ އެވެ.
'މިހާރު' ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު ވިދާޅުވެފައިވަނީ އެނދި ހުރިހާ ކުންޏެއް ގެންދާނީ ހދ ކުނބުރުދޫގައި ހުންނަ ވޭސްޓް މެނޭޖުމަންޓް ފެސިލިޓީއަށް ކަމަށާއި އެ މަސައްކަތް މާދަމާ ފަށާނެ ކަމަށެވެ.
އެކަމާ ގުޅިގެން މީސްމީޑިއާގައި މޭޔަރު އާތިފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި ހދ ކުނިގޮނޑަކަށް ހެދުމާ ދެކޮޅު ކަމަށެވެ.
"މާލެ ކައިރީގައި، ގުޅީފަޅު، އުތުރު ތިލަފަޅު، ހުޅުމާލެ 3 ވަނަ ފިޔަވަހި އަދި ފުށި ދިއްގަރު ފަޅު ކަހަލަ ބޮޑެތި ފަޅުތައް އަޅުގަނޑުމެންގެ ޓެކްސް ފައިސާއިން ހިއްކަމުންދާއިރުވެސް، ހދ އަތޮޅު ފަދަ ފަޅުރަށްތައް މަދު އަތޮޅުގެ މެދުގައި އޮތް ގުދުރަތީ ރީތި ރަށަކަށް މުޅި ޤައުމުގަ އުފެދޭހާ ކުނި ޖަމާކުރުމަކީ ބަލައިގަނެވޭނޭ ކަމެއްނޫން، އަދި މި ސަރަހައްދުގެ ކުނިވެސް ޖަމާކުރަން އެންމެ ރަނގަޅު ރަށަކީ ކުނބުރުދޫ ކަމަށް ނުދެކެން."
މާލެ ސަރަހައްދުގެ ކުނިތައް ކުނބުރުދޫއަށް ގެނައުމާ ދެކޮޅު ހައްދަވައި ކުރިނބީ ކައުންސިލްގެ ރައީސް އަލީ ވިސާމް ވިދާޅުވީ، ކުރިނބީއަކީ ކުނބުރުދުއާއި 1.7 މޭލު ކައިރީގައި އޮތް މީހުން ދިރިއުޅޭ ހިތްގައިމު ރަށެއް ކަމަށާއި ކުނބުރުދުއަށް ޖަމާކުރާ ކުނީގެ ސަބަބުން މަދިރިއާއި މެހީގެ އިތުރުން ނުބައި ވަހުގެ އުނދަގޫ އުފުލާކަށް މަޑުމަޑުން ތިބެވޭކަށް ނެތް ކަމަށެވެ.
ސަރުކާރުން ކުނި އަޅަންޏާ ކުނބުރުދޫ ނޫން ރަށެއް ހޯދަންޖެހޭ ކަމަށާއި ކުރިނބީ ރައްޔިތުންގެ ހައްގުތަކަށްވެސް އިހުތިރާމް ކުރަންޖެހޭ ކަމަށްވެސް ވިސާމް ވިދާޅުވި އެވެ.
އުތުރު ރަށްތަކުގައި އުފެދޭ ކުނި ޖަމާކުރާ ރަށެއްގެ ގޮތުގައި ކުނބުރުދޫ ކަނޑައެޅީ 2020 ވަނަ އަހަރު އެވެ. އޭރު ނިންމާފައިވަނީ ތިލަދުންމަތީގެ ރަށްތަކުގެ ކުނި ކުނބުރުދޫއަށް ގެންގޮސް ފްރޮސެސް ކުރުމަށްފަހު، އަންދަން ޖެހޭ ކުނި ގެންދަން ނިންމާފައިވަނީ ރ ވަންދޫއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ