ރައީސް ޞާލިހާއި ރައީސް ނަޝީދުގެ ޚިޔާލު ތަފާތުވެދާނެ: މަޚުލޫފު

ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހޮވާނެ ބޭފުޅަކާއި ގުޅޭ ބަހުސް ހޫނުވެފައި ވަނިކޮށް، ރައީސް އިބުރާހިމް މުހައްމަދު ޞާލިޙާއި ރައީސް ނަޝީދުގެ ޚިޔާލު ތަފާތުވެދާނެ ކަމުގައި ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މަޚުލޫފު މިހެން ވިދާޅުވީ މިއަދު ކުރައްވާފައިވާ ޓުވީޓެއްގައެވެ.
މަޚުލޫފުގެ ޓުވީޓުގައި ވިދާޅުވެފައި ވަނީ، ވަކި މީހަކަށް ތާއީދު ކުރުމަކީ ނުވަތަ ނުކުރުމަކީ މައްސަލައެއް ނޫންކަމަށެވެ. އަދި ރައީސް އިބުރާހިމް މުހައްމަދު ޞާލިޙާއި ކުރީގެ ރައީސް މުހައްމަދުި ނަޝީދުގެވެސް ޚިޔާލު ތަފާތު ވެދާނެ ކަމުގައި މަޚުލޫފު ވިދާޅުވިއެވެ.
މަޚުލޫފު ވިދާޅުވީ، ޚިޔާލު ތަފާތުވުމަކީ އެއްބަޔަކު އަނެއް ބަޔަކަށް ވަގަށް ގޮވަންޖެހޭ ކަމެއް ނޫން ކަމަށާއި ތަފާތު ޚިޔާލުތަކަށް ޖާގަދޭން ދިވެހިންނަށް ދަސްކޮށްދިނީ އެމްޑީޕީން ކަމަށެވެ.
މިނިސްޓަރ މަޚުލޫފު މިމޭރުމުން ޓުވީޓު ކުރައްވާފައި ވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް ވާދަކުރައްވާނެ ކަމުގައި އިއުލާނު ކުރައްވާފައިވާ ވިލުފުށީ ދާއިރާއަށް އިންތިޚާބުވެފައިވާ އެމްޑީޕީގެ މެމްބަރު ހަސަން އަފީފާއި ދެކޮޅަށް އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ގެންދަނީ ވަރަށް ހުތުރު ބަހުން ސޯޝަލްމީޑިއާގައި ވާހަކަ ދައްކަމުންނެވެ. އަދި އަފީފާއި ދެކޮޅަށް އެމްޑީޕީގެ ތެރެއިން ބައެއް އިސްބޭފުޅުންވެސް މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ރައީސް އިބުރާހިމް މުހައްމަދު ޞާލިޙް ވަކި ބޭފުޅަކަށް ތާއީދު ނުކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް ހަސަން އަފީފަކީ އެންމެ އެކަށީގެންވާ އެއްބޭފުޅާ ކަމުގައި ރައީސް ސޯލިޙް ވިދާޅުވެފައިވާތީ، އެކަމާއި ގުޅިގެން އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ވަނީ ރައީސް ޞާލިހަށްވެސް ސޯޝަލް މީޑިއާގައި ފާޑުކިޔާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރުން އޮންނާނީ މިހިނގާ މެއި މަހުގެ 28 ވަނަ ދުވަހު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރުމަށް ބާއްވާ ޖަލްސާގައެވެ. އެޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ ގޮނޑިއަށް އިންތިޚާބުވެ ވަޑައިގެންފައިވާ އަހުމަދު ސިޔާމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ