އައްޑޫގައި ބޭއްވި އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތް ނިމިއްޖެ

އައްޑޫގައި ބޭއްވި އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތް ނިންމާލައިފިއެވެ.
މި މަހުގެ 19 އިން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތުގައި، އައްޑޫގެ 11 ސްކޫލަކުން 30 ޓީމު ބައިވެރިވިއެވެ.
ހިތަދޫ ސްކޫލުން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތް ކުރިއަށްދިޔައީ ފަސް އުމުރުފުރާއަކަށް ބަހާލައިގެންނެވެ.
އެގޮތުން 9 އަހަރުން ދަށުގެ ޗެމްޕިއަންކަން ހިތަދޫ ސްކޫލާއި ވާދަކޮށް ހޯދީ، ޝަރަފުއްދީން ސްކޫލެވެ. 11 އަހަރުން ދަށުގެ ޗެމްޕިއަންކަން ޝަމްސުއްދީން ސްކޫލާ ވާދަކޮށް، މަރަދޫ ސްކޫލުން ހޯދިއިރު، 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ޝަމްސުއްދީން ސްކޫލާއި ވާދަކޮށް ހޯދީ ހިތަދޫ ސްކޫލެވެ.
އަދި 15 އަހަރުން ދަށުގެ ޗެމްޕިއަންކަން، އިރުޝާދިއްޔާ ސްކޫލާއި ވާދަކޮށް ހިތަދޫ ސްކޫލުން ހޯދިއިރު، 17 އަހަރުން ދަށުގެ ޗެމްޕިއަންކަން ސ.އަތޮޅު މަދަރުސާ އާއި ވާދަކޮށް ހޯދީ ވެސް، ހިތަދޫ ސްކޫލުންނެވެ.
މި މުބާރާތުގެ މެޗުތަށް ކުރިއަށްދިޔައީ ހިތަދޫ ސްކޫލްގެ ނެޓްބޯޅަ ކޯޓުގައެވެ. މިއީ އައްޑޫ ސިޓީގައި މިގޮތަށް ބޭއްވި ފުރަތަމަ ނެޓްބޯޅަ މުބާރާތްކަން ފާހަގަކޮށްލެވެއެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ "އައިސީއެމް" މޯލްޑިވްސްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ