2018 ވަނަ އަހަރުގެ ނިޔަލަށް ނިޔަލަށް ރާއްޖޭގެ އާބާދީގެ 75 އިންސައްތައަށް ފެނުގެ ނިޒާމާއި، ނަރުދަމާ ނިޒާމުގެ ޚިދުމަތް، މި ސަރުކާރުން ކަށަވަރުކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގައި މިހާރު 24 ގަޑިއިރު ކަރަންޓް ލިބޭނެ ކަމަށާއި ރަށްތައް ގޮނޑުވެ، ކުނި ގިނަވުން ޙައްލުކުރުމަށް މާލެ ސަރަޙައްދާއި އަތޮޅުތެރެއަށް އަމާޒުކޮށް، އެއްހާސް މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު މަޝްރޫޢުއެއް ކުރިއަށް ގެންދިޔުމަށް ވެސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
ޞިއްޙީ ދާއިރާ އަށް ބައްލަވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މިހާރުވަނީ ވަރަށްގިނަ ފިޔަވަޅުތައް އަޅާފައި ކަމަށެވެ.
"ކޮންމެ ރަށެއްގައި މިހާރު އާސަންދަ ލިބޭ ބޭސްފިހާރައެއް ހުންނާނެ. ކޮންމެ ރަށެއްގައި ޑޮކްޓަރުން ޚިދުމަތްކުރައްވާނެ. ބޮޑެތި ބަލިތަކުގައި އަދި ކުއްލި ޙާލަތުގައި ހަސްފަތާލުތަކާ ހަމަޔަށް ދަތުރުކޮށްދޭނެ ސީއެމްބިއުލާންސްގެ ޚިދުމަތް މުޅި ރާއްޖެއިން މިހާރު ލިބޭނެ. އަދި ރާއްޖޭގެ ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅުކޮށް، ޒަމާނީ ޞިއްޙީ ޚިދުމަތްތައް ރާއްޖޭގެ ހޮސްޕިޓަލްތަކުން ލިބޭނެ މަގު މިދަނީ ތަނަވަސްކޮށްދެމުން. ރާއްޖެއިން ބޭރަށް ގޮސްގެން ނޫނީ ނުހޯދޭ، ވަރަށް ސީރިއަސް ފަރުވާތައް ރާއްޖެއިން ލިބޭނެ މަގު މިހާރުވާނީ ފަހިކޮށްދެވިފައި." ރައީސް ވިދާޅުވިއެވެ.
ހުޅުމާލޭގައި ފުރަތަމަ މީހުން އާބާދުވިތާ 12 ވަރަކަށް އަހަރުން ބިނާކުރެވުނީ ދެހާހެއްހާ ފްލެޓް ކަމަށާއި މި ސަރުކާރުގެ ފުރަތަމަ 5 އަހަރު ތެރޭ އިރާދަކުރެއްވިއްޔާ 16000 އަށް ވުރެ ގިނަ ހައުސިންގ ޔުނިޓް ހުޅުމާލޭގައި ބިނާކުރާނަން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ "އޭގެ ސަބަބުން، އަމިއްލަ ހިޔާވަހިކަމުގެ ޔަޤީންކަން ގިނަ ޢަދަދެއްގެ ޢާއިލާތަކަށް ލިބިގެންދާނެ." ކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަން މިހާރު މިދަނީ މުޅީން އާ ހަރުފަތަކަށްކަމަށާއި ރަށްތަކުގައި ގެސްޓްހައުސްތައް އިތުރުވެ، ފަރުދުންނަށް ލިބޭ މަންފާ ދަނީ ބޮޑުވަމުންކަމަށް ރައީސް ވިދާޅުވިއެވެ.
"ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގައި ނަންހިނގާ ގިނަ ކުންފުނިތަކުން ރާއްޖޭގައި ދަނީ އިންވެސްޓް ކުރަމުން. އެންމެފަހުން ޓޫރިޒަމްގެ ޤާނޫނަށް ގެނެވުނު ބަދަލުތަކާއެކު ރާއްޖޭގައި ރިޒޯޓް ބިނާކުރުން އިތުރުވެގެންދާނެ." ރައީސް ވިދާޅުވިއެވެ.
އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢާއި، ހުޅުލެއާ މާލެ ގުޅައިދޭ ބްރިޖާއެކީ ގާތްގަނޑަކަށް 1.2 ބިލިއަން ޑޮލަރުން އަގުކުރެވޭއިރު، ހުޅުމާލެ ޔޫތުސިޓީގެ މަޝްރޫޢަށްވެސް މިވަރުގެ ހޭދައެއް މި 5 އަހަރުގެ ތެރޭގައި ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް، ތިލަފުށީގައި ސަރަޙައްދީ ފެންވަރުގެ ތަނަވަސް ޕޯޓެއް އެޅުމަށް ނިންމައި، ސްޓްރެޓެޖިކް ޕާޓްނަރުންނާއެކު މިހާރު ދަނީ މަސައްކަތް ކުރަމުން ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.
"ތިލަފުށީ ޕޯޓާއެކު މިފެންވަރުގެ ޕޯޓަކަށް ބޭނުންވާ އެންމެހާ ވަސީލަތްތަކާއި ޚިދުމަތްތައް މި މަޝްރޫޢުގެ ދަށުން ޤާއިމްކުރެވި، މުދާ ރައްކާކުރުމާއި ލޮޖިސްޓިކްސް އަދި ޑިސްޓްރިބިޔުޝަން ނެޓްވަރކް ފުޅާވެ، މުދަލާއި ޚިދުމަތްތަކުގެ އަގަށް ހެޔޮބަދަލެއް އައިސް، އިރާދަކުރެއްވިއްޔާ މުޅި ރާއްޖެއަށް އޭގެ މަންފާ ލިބިގެންދާނެ." ރައީސް ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ޓްރާންސްޝިޕްމަންޓް ޚިދުމަތާއި، ފްރީ ޒޯން އަދި ވެލިޔު އެޑިޝަންގެ މަސައްކަތުގެ އިތުރުން، ގުޅީފަޅުވެސް ތަރައްޤީ ކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއިން ކޮންމެ މަޝްރޫޢެއް ފެށުނީއްސުރެ، ވަޒީފާތައް އިތުރުވެ، މަސައްކަތްތައް އުފެދި، ރައްޔިތުންގެ ފުދުންތެރިކަން އަންނާނީ އިތުރުވަމުން ކަމަށާއި އިރާދަކުރެއްވިއްޔާ، ރާއްޖޭގެ އިޤްތިޞާދީ މުސްތަޤްބަލާއި ފުދުންތެރިކަމާމެދު މިއަދަކު ނާއުންމީދުކަމެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންނަމަވެސް ހަމައެކަނި އިޤްތިޞާދު ކުރިއަރާ ވާހަކަދައްކައިގެން އަޅުގަނޑުމެންނަށް ފަރުޖެއްސޭކަށް ނެތް ކަމަށާއި ވަރުގަދަ ބިނާތަކާ ބޮޑު ތިޔާގިކަމެއް ޤައުމަށް ގެނައުމުގެ ޙަޤީޤީ މަންފާ ފެންނާނީ، އިޖުތިމާޢީ ބަލިތަކަށްވެސް ފަރުވާކޮށް އެކަކު އަނެކަކަށް އިޙްތިރާމްކުރާ، އުޅުންހުރި، ގޮތްހުރި މުޖުތަމަޢެއް ބިނާކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
2018 ގެ ނިޔަލަށް ރާއްޖޭގެ 75 އިންސައްތައަށް ފެނާއި ނަރުދަމާ ކަށަވަރުކޮށްދޭނަން – ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ