ހުއްދަ ދިނަސް ނުދިނަސް، މިއަންނަ ހުކުރު ވިލޭރޭ ޖަލްސާ ބައްވާނަން - އިއްތިހާދު

ކަމާބެހޭ ފަރާތްތަކުން ހުއްދަ ދިނަސް ނުވަތަ ނުދިނަސް، ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ ރޭ، އިދިކޮޅު އިއްތިހާދުގެ ޖަލްސާ ބާއްވާނެކަމަށް އެ އިއްތިހާދުން ބުނެފިއެވެ.
ލަންޑަނުގައި ތިއްބެވި ސިޔާސީ ބައެއް ފަރާތްތަކުން އެކުލަވާލާފައިވާ ނުރަސްމީ ޖަމާޢަތެއް ކަމަށްވާ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން ރޭ، މާލޭގައި ބާއްވަން އުޅުނު ޖަލްސާ ބޭއްވިފައި ނުވާއިރު، ދެން އަލުން ޖަލްސާބާއްވާނެ ދުވަހަކާބެހޭގޮތުން އެމްޑީޕީގެ އޮފީހުގައި މިރޭ ވާހަކަދައްކަވަމުން، އެމްޔޫއޯ ގެ ތަރުޖަމާނު އަޙުމަދު މަހްލޫފް ވިދާޅުވީ "ހުއްދަ ދިނަސް ނުދިނަސް، މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ޖަަލްސާ ކުރި އަށް ދާނެ" ކަމަށެވެ.
ހަމައެހެންމެ، މޫސުން ތަންދިނަސް ނުދިނަސް (އިއްޔެރޭގެ) ޖަލްސާ ބާއްވާނެކަމަށް އިއްތިހާދުން ބުނެފައިވަނިކޮށް، މޫސުން ތަންނުދިނުމުގެ ސަބަބުން އެ ޖަލްސާ ނުބޭއްވުނުކަން އިއުލާނުކުރުމުން، ޖަލްސާއެއް ބޭއްވުމަށް ރައްޔިތުންގެ ފަރާތުން ބޭނުންވާ މިންވަރު އެނގިގެން ދިޔަކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީއިން ލިބިދީފައިވާ ހައްޤަކަށް ވާއިރު، ވަކިތަނަކުން ހުއްދަ ހޯދަން ނުޖެހޭނެކަމަށެވެ.
އެހެންނަމަވެސް، ޤާނޫނުއަސާސީއިން ލިބިދޭ ހައްޤުތައް އެދެވޭގޮތުގައި ބޭނުންކުރުމަށް ފަހިކުރުމުގެ ގޮތުން، އެ ޤާނޫނުއަސާސީއިން ބާރުލިބިގެން ހަދާފައި ހުންނަ ޤާނޫނުތަކަށް ތަބާވާން ޖެހޭ މިންވަރާމެދު އަލީ ޒާހިރު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
އިދިކޮޅު އިއްތިހާދުން، މިއަންނަ ހުކުރުވިލޭރޭ ޖަލްސާއެއް ބާއްވާނެކަން މިރޭ އިއުލާނު ކުރިއިރު، އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އިމާދު ސޯލިހާއި ރައީސް އޮފީހުގެ ހިއުމަން ރައިޓްސް އެމްބެސެޑަރުގެ މަޤާމުގައި ކުރިން ހުންނެވި ސަންދާނު އަޙުމަދު އިބުރާހީމް ދީދީވެސް އެ އިއްތިހާދާ ގުޅިފައިވާކަން އިއުލާނު ކޮށްފައިވެއެވެ.
އިއްތިހާދާ އަލަށް ގުޅުނު ފަރާތްތަކުން ހުކުރު ވިލޭރޭގެ ޖަލްސާގައި ބައިވެރިވާނެކަމަށް ބެލެވިފައިވާއިރު، ނިޒާމީގޮތުން އިދިކޮޅު ސިޔާސީ ޕާޓީތަކުގެ މާބޮޑު ބަހެއްނެތި އެކުލަވާލާފައިވާ ނުރަސްމީ މި ޖަމާޢަތުގެ ހަރަކާތުގައި، ލަންޑަނުގައި ތިއްބެވި ސިޔާސީ ފަރާތްތަކުން ބައިވެރިވެލައްވާނެ ގޮތާބެހޭގޮތުން މާބޮޑު ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ