ކަރަންޓް ޔަގީންކަން ދޭން ޗައިނާ އިން 77 ފޭކު ޖަނަރޭޓަރު އެތެރެކޮށްފައިވާ ކަމަށް، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ "ކޮރަޕްޝަން ޔަގީން" ޖަލްސާގައި ވާހަކަދައްކަވަމުން ޝިފާޒް ވިދާޅުވީ، އިހަކަށް ދުވަހު ނ.ވެލިދޫއަށް ޒިޔާރަތްކުރި ކަމަށާއި އެ ރަށުގައި ތިބިއިރު ވެސް ހަތަރު ވަރަކަށް ފަހަރު ކަރަންޓް ދިޔަ ކަމަށެވެ. އަދި ވެލިދޫގައި ވެސް ހުރީ ކަރަންޓް ޔަގީންކަން ދޭން ޗައިނާއިން އެތެރެކުރި 77 ޖަނަރޭޓަރުގެ ތެރެއިން ޖަނަރޭޓަރެއް ކަމަށް ޝިފާޒް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އިހަކަށް ދުވަހު މިއައީ ނ.ވެލިދޫ އިން. ހަތަރު ވަރަކަށް ފަހަރު ކަރަންޓް ދިޔަ. ކަރަންޓް ޔަގީންކަން ދޭން ޗައިނާ އިން އެތެރެކުރި 77 ފޭކް ޖަނަރޭޓަރުން ޖަނަރޭޓަރެއް ވެލިދޫގައި ވެސް ހުރި. އަޅުގަނޑުމެނަށް ތިނަދޫ އިން ފެނިގެން ދިޔަ 77 ޖަނަރޭޓަރަށް 100 މިލިއަން ރުފިޔާ ޚަރަދު ކުރި ކަމީ ކޮރަޕްޝަން އޮތް ވަރު" ޝިފާޒް ވިދާޅުވިއެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން ޝިފާޒް ވަނީ، ރައީސް ޔާމީންއާއެކީ އެއްވެސް ގައުމެއް ނެތްކަން ފެންނަމުންދާ ކަމަށްވެސް ވިދާޅުވެފައެވެ.
"މިއަދު ވިދާޅުވި ފަސް ގައުމެއްގެ ވާހަކަ. އެއީ ތައިލެންޑް އާއި ޗައިނާ ދެން އަޅުގަނޑުމެންގެ އަވައްޓެރި އިންޑިއާ އާއި ސިލޯން ދެން ޖަޕާން. އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ އިންޑިއާ ކަނޑުގެ ސަލާމަތައް ނުބަލާ އައިސް ބަޔަކު ލެޑިގަތް ތަން" ޝިފާޒް ވިދާޅުވިއެވެ.
ސަރުކާރުގެ ހާރިޖީ ސިޔާސަތު ގާއިމުކޮށްގެން ޔަގީންވީ ވައްކަމާއި ކޮރަޕްޝަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ދޭންތިބި މުއައްސަސާތަކަކީ ކޮރަޕްޝަން ހިންގާފައިވާ ތަންތަން ކަން ރައީސް ޔާމީން ވިދާޅުވެފައި ވާއިރު އެކި ރައްތަކާއި ފަޅުތަކުން ވަޒަންތަކާއި ހަތިޔާރުތައް ފެންނަމުން ދާއިރު ސަލާމަތާއި ރައްކާތެރިކަން އޮތްވަރު ވަރަށް ރަނގަޅަށް ފެންނަމުންދާ ކަމަށްވެސް ޝިފާޒް ވިދާޅުވިއެވެ.
މީގެއިތުރުން ޝިފާޒް ވަނީ، މާދަމާ ކޮރަޕްޝަނާ ދެކޮޅަށް ބާއްވާ ހިނގާލުން ހުއްޓުވުމަށް އެއްވެސް ފަރާތަކުން މަސައްކަތް ނުކުރުމަށް ވެސް ގޮވާލާފައެވެ. އަދި އެކަންހުއްޓުވަން އުޅެފި ނަމަ އެއީ މިސަރުކާރުން ކޮރަޕްޝަނަށް ހިތްވަރުދިނުން ކަމަށްވެސް، ޝިފާޒް ވިދާޅުވިއެވެ.
ކަރަންޓް ޔަގީންކަން ދޭން ޗައިނާ އިން 77 ފޭކު ޖަނަރޭޓަރު އެތެރެކުރި - ޝިފާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ