ވާހަކަ ދެއްކުމުގެ ކުޅަދާނަކަމަކީ ކީރިތި ރަސޫލާގެ ސިފަފުޅުތަކުގެ ތެރޭގައިވެސް ހިމެނޭ މުހިންމު ހުނަރެއް - މައުމޫން

ވާހަކަ ދެއްކުމުގެ ހުނަރާއި ކުޅަދާނަކަމަކީ ކީރިތި ރަސޫލާގެ ސިފަފުޅުތަކުގެ ތެރޭގައިވެސް ހިމެނޭ ވަރަށް މުހިއްމު ހުނަރެއްކަމަށް ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމު ވިދާޅުވެއްޖެއެވެ.
31 ވަނަ ޤައުމީ ވާހަކަ ދެއްކުމުގެ މުބާރާތާއި 32 ވަނަ ޤައުމީ މަޒުމޫނު ލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި، ތާރީޚި ގޮތުން ބަލާއިރުގައި ވާހަކަދެއްކުމުގެ ހުނަރަކީ މުހިއްމު ކަމެއްކަން ސިފަކުރައްވާ ރައީސް މައުމޫން ވިދާޅުވީ މާތް ވެގެންވާ އިސްލާމް ދީނުގައިވެސް ވާހަކަ ދެއްކުމުގެ ހުނަރަށް ވަރަށް ބޮޑު އަހަމިއްމިއްޔަތު ކަމެއް ދީފައިވާ ކަމަށެވެ. މީގެ އިތުރަށް ވާހަކަ ދެއްކުމުގެ ކުޅަދާަނަ ކަމަކީ މާތް ﷲ އިންސާނާއަށް ދެއްވާފައިވާ ވަރަށް ބޮޑު ނިޢުމަތެއްކަމުގައި ބާޔާން ކުރައްވަމުން ރައީސް މައުމޫން ވިދާޅުވީ އިސްލާމް ދީނުގެ ޢަޤީދާތަކާއި ދީނީ ޙުކުމްތައް ބަޔާންކޮށްދިނުމަށާއި ދީނަށް މީސްތަކުންގެ ހިތްތައް ލެންބެވުމަށްޓަކައި މާތް ރަސޫލާއަކީ ބަލާޣާތްތެރި، ފަޞާހަތްތެރި ބޭކަލެއްކަމުގައެވެ.
"ވާހަކަދެއްކުމުގެ ހުނަރަކީ، ވާހަކަ ދެއްކުމުގެ ކުޅަދާނަކަމަކީ ކީރިތި ރަސޫލާގެ ސިފަފުޅުތަކުގެ ތެރޭގައިވެސް ހިމެނޭ ކަމެއް. އެހެންކަމުން އެ ހުނަރު ދިރުވާ އާލާކުރުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެން ކުރަން ޖެހޭނެ ކަމެއް..." މައުމޫން ވިދާޅުވިއެވެ.
ޅެން ހެދުމާއި ކުރުވާހަކަ އާއި ދިގުވާހަކަ ފަދަ އަދަބީ ލިޔުންތައް ލިޔުމަކީ ކޮންމެ ބަހެއްގައިވެސް ވަރަށް ބޮޑް އަހައްމިއްޔަތުކަމެއް ދީގެން ކުރަމުން އަންނަ ކަމެއްކަން ހާމަކުރައްވާ ވިދާޅުވީ ދިވެހި އަދަބުގައިވެސް ކަން ކުރެވޭތޯ މަސައްކަތް ކުރަމުން ގެންދަނީ ހަމަ މި ބީދައިން ކަމަށެވެ. އެގޮތުން ބަލާއިރު ވާހަކަ ދެއްކުމުގެ މުބާރާތެއް ބޭއްވުމަކީވެސް އަދަބަށް ލިބިގެންދާ ކުރިއެރުމެއް ކަމަށް މައުމޫން ވިދާޅުވިއެވެ.
ޕަބްލިކް ސްޕީކިންގ ގެ މުހިއްމުކަން ބަޔާން ކުރައްވާ މައުމޫން ވިދާޅުވީ ޕަބްލިކް ސްޕީކިންގއަށް އަޅުގަނޑުމެން ފަރިތަވެ، ހުނަރުވެރިވެ، އެކަންކުރަންވީ ގޮތް ދަސްކޮށްގެން ނޫނިއްޔާ ޕަބްލިކް ސްޕީކިންގ އަޅުގަނޑުމެންނަށް ފުރިހަމަ ގޮތުގައި އެނގިގެން ނުދާނެކަމަށެވެ. މީގެ އިތުރަށް ވާހަކަ ދެއްކުމުގެ މި ހުނަރަކީ ދިވެހި އަދަބިއްޔާތުގައި ހިމެނޭ ވަރަށް މުހިއްމު ހުނަރެއްކަމުގައިވެސް މައުމޫން ވިދާޅުވިއެވެ.
31 ވަނަ ޤައުމީ ވާހަކަ ދެއްކުމުގެ މުބާރާތާއި 32 ވަނަ ޤައުމީ މަޒުމޫނު ލިޔުމުގެ މުބާރާތުން ގިނަ ދަރިވަރުން ތަކެއް ވަނީ ރަން ވަނަތަކެއް ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ