ނާޒިމް ފްރޭމް ކުރި ކަމަށް މިނިސްޓަރ އުމަރު އެއްބަސްވެއްޖެ – އިދިކޮޅު ކޯލިޝަން

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓޑ) މުޙައްމަދު ނާޒިމް ފްރޭމް ކޮށްފައިވާކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު އެއްބަސްވެ ވަޑައިގެންފި ކަމަށާއި އެހެންކަމުން ނާޒިމް މިހާރުން މިހާރަށް މިނިވަން ކުރަން ޖެހޭ ކަމަށް ސަރުކާރާއި އިދިކޮޅު ކޯލިޝަން މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން ބުނެފިއެވެ.
އިދިކޮޅު ފަރާތްތަކުން ނެރުނު ބަޔާނެއްގައި ބުނީ ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމާއި ގުޅޭ ގޮތުން ހޯމް މިނިސްޓަރު އުމަރު ނަސީރު މިހާރު ދައްކަވާ ވާހަކަފުޅުތަކުން ނާޒިމްއަށް ކުރީ ނުޙައްޤު ދަޢުވާއެއްކަމާއި އެއީ ބާޠިލް ޝަރީޢަތެއްކަން ހާމަވެފައިވާ ކަމަށެވެ. އެހެން ކަމުން ނާޒިމްގެ ޖަލު ހުކުމަކީ ސައްހަ ނޫން ޙުކުމެއްކަމުގައިވާތީ އޭނާ މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލާކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
"ބުރާސްފަތި ދުވަހު އުމަރު ނަސީރު ވިދާޅުވެފައިވަނީ ފުލުހުންނަށް ފައިސާދީގެން ކާނަލް ނާޒިމްގެ އެޕާޓްމަންޓުގައި ފިސްތޯލައެއް ޕްލާންޓްކުރުމުގައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ އަތެއް ވެދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށް" އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ވެއެވެ.
ބަޔާނުގައި ބުނެފައި ވަނީ މުޅި ދައުލަތުގެ އެންމެ މުހިއްމު އަދި ޒިންމާދާރު މުވައްސަސާގެ ޙާލަތު އިންތިހާއަށް ގޯސްވެ ފުލުހުންގެ ތެރޭގައި ފަސާދައަށް މަގުފަހިވެ، ކޮރަޕްޝަން ޢާންމުވެފައިވާ މިންވަރު ހޯމް މިނިސްޓަރަށް އެނގިވަޑައިގަންނަވާކަން މިނިސްޓަރުގެ ވާހަކަތަކުން އެނގޭ ކަމަށެވެ.
"އަދި އެކަން އެނގިވަޑައިގެން ހުންނަވައި ކާނަލް މުޙައްމަދު ނާޒިމްގެ މައްޗަށް ނުޙައްޤު ތަޙްޤީޤް ކުރެވުނު ހިނދުވެސް އުމަރު ނަސީރު ހިމޭނުން ހުންނަވައި ފުލުހުންގެ ކޮރަޕްޝަން ފޮރުވުމުގައި ސާބިތުކަމާއެކު ހުންނަވައި މިހާރު މިވާހަކަތައް ދެއްކެވުމުން ހޯމް މިނިސްޓަރުގެ ޤާނޫނީ ޒިންމާ އަދާކުރެއްވުމުގައި އުމަރު ނަސީރު ފެއިލްވެފައިވާކަން ޔުނައިޓެޑް އޮޕޮޒިޝަނުން ދެކެމެވެ." ބަޔާނުގައި ވެއެވެ.
ބަޔާނުގައި ބުނީ ރައްޔިތުންނަށް އަނިޔާކުރުމާއި ކޮރަޕްޝަނުން ފުރިގެންވާ ވެރިކަމެއް ދިފާއުކުރުމަށް ނުފޫޒު ގަދަ ފުލުހުންތަކެއް އެ މުވައްސަސާ ފަސާދަކުރަމުންގެންދާތީ ރައްޔިތުން މެދު ނުކެނޑި މިއަންނަނީ އިހްތިޖާޖުކުރަމުން ކަމަށެވެ.
މިއަދު އެ މުވައްސަސާގެ ކަންކަމާ ޙަވާލުވެވަޑައިގެން ހުންނެވި ވަޒީރު ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިއުތިރާފްވެވަޑައިގަތުމުން ދެން އިތުރު ހެއްކާ ގަރީނާ ހޯދަން ޖެހޭނެ ކަމަށް ޤަބޫލެއް ނުކުރެވޭ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
"ރައްޔިތުންގެ އެތައް ޙައްޤުތަކަަކަށް ފުލުހުން އަރައިގަންނައިރު އެފަދަ ފުލުހުންނާމެދު ފިޔަވަޅު އަޅާފައިނުވާކަމީ ފުލުހުންގެ މުވައްސަސާ އިތުރަށް ހަލާކުގެ ތެރެއަށް ވެއްޓިގެންދާނެ ކަމެކެވެ. ފުލުހުންގެ މުވައްސަސާގައި ތިބި ނުފޫޒުގަދަ މަދު ބައެއްގެ ސަބަބުން މުޅި މުވައްސަސާ ކިލަނބުވެގެންދާއިރު ހޯމް މިނިސްޓަރު ވަޒީފާއާއި މަޤާމުގެ ދަހިވެތިކަމުގައި ނުހުންނަވައި މިހާރުން މިހާރަށް އިސްތިއުފާދެއްވުމަށް ގޮވާލަމެވެ." ބަޔާން ނިންމާލަމުން ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ