ސަރުކާރުން ކަރަންޓު ސަބްސިޑީ ދޭގޮތާ މެދު އިދިކޮޅު ފަރާތްތަކުން ހިތްހަމަ ނުޖެހުން ފާޅުކޮށްފި

ސަރުކާރުން ކަރަންޓު ސަޕްސިޑީޒްދޭ ގޮތާ މެދު އިދިކޮޅު ކޯލިޝަނުން ހިތްހަމަނުޖެހުންފާޅުކޮށްފި އެވެ. އެމްޑީޕީ އާއި އަދާލަތު ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފުރިހަމަ ކުރާނެ ކަމަށް ބުނި "ހުރިހާ ވައުދެއް ފެއިލް ވެއްޖެ" ކަމަށެވެ. "ސަރުކާރުން ރައްޔިތުންނަށް ވީ ހުރިހާ ވައުދެއް މިވަނީ ފެއިލްވެފައި" އިމްރާން ވިދާޅުވި އެވެ. އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ ފިހާރަތަކުގެ ކަރަންޓު ބިލު ބޮޑުވުމާ ގުޅިގެން ވިޔަފާރިވެރިންގެ އާމްދަނީ އިތުރު ނުވާނެކަމަށާއި ކުއްލިއަކަށް ދެގުނަ ތިންގުނަ އަށް ކަރަންޓު ބިލު ބޮޑު ވުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ. "އަޅުގަނޑުމެން މިތިބީ ރައްޔިތުންނާއި އެކު، ރައްޔިތުންގެ އިހުތިޖާޖުތަކާއި އެކު، އަޅުގަނޑުމެން ސަރުކާރަށް ދަންނަވާލަން ބޭނުންވަނީ ތިކަހަލަ ވިސްނުން ކޮށިކޮށް ތިކަހަލަ ޑެޒިޝަންތަށް ނުނަންގަވާށޭ، ތީގެން އެއްވެސް ރައްޔިތަކަށް ވާ ފައިދާ އެއް ނެތޭ" އަލީ ވަހީދު ވިދާޅުވި އެވެ. ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ ފިހާރަތަކުގެ ކަރަންޓު ބިލުތަށް ބޮޑު ވުމުގެ ސަބަބުން ތަކެތީގެ އަގު ބޮޑުވެ ހުރިހާ ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. " މި ސަރުކާރު ހުރިހާ މާނައެއްގައި ފެއިލްވެފައި މި އޮތީ، ކަރަންޓުގެ ހަރަދު ކުޑަ ކުރާނެ ކަމަށް ވީ ވައުދު، އަގުތަށް ހެޔޮކުރާނެ ކަމަށް ވީ ވައުދު، ހުރިހާ ރަށަކަށް 24 ގަޑި އިރު ކަރަންޓު ޔަގީން ކޮށްދޭ ވައުދު، އަދިރި ހުރހާ މަގެއް އަލިކުރާނެ ކަމަށް ވީ ވައުދު" އަމީން އިބްރާހިމް ވިދާޅުވި އެވެ. ވިޔަފާރިވެރިންނަށް ކަރަންޓުން ސަބްސިޑީ ނުދިނުމުގެ ސަބަބުން ކުޅުދުއްފުއްޓާއި އައްޑޫ ސިޓީ ވިޔަފާރިވެރިންގެ ފިހާރަތަކުގެ ކަރަންޓު ބިލު ބޮޑުވުމާއި ގުޅިގެން ފިހާރަތަށް ބަންދުކޮށް ވިޔަފާރިވެރިން މިއަދު ދަނީ އިހުތިޖާޖު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ