ރައީސް ކަމަށް ކުރިމަތި ލުމާ މެދު ވިސްނުމުގެ ފުރުސަތު އެބައޮތް: މައުމޫނު

ރައީސް ކަމަށް އަލުން ކުރިމަތިލުމާ މެދު ވިސްނުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެކަމަށް އަދި ގޮތެއް ނުނިންމަވާ ކަމަށް ކުރީގެ ރައީސް މައުމޫނު އަބުދުލް ޤައްޔޫމު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ދަ ހިންދޫ ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މައުމޫނު ވިދާޅުވި ކަމަށް އެނޫހުން ބުނީ 30 އަހަރު ގައުމަށް ހިދުމަތް ކުރެއްވުނުކަން އިހުސާސްކުރެއްވޭ ކަމަށާއި ވެރިކަން ކުރުމަކީ މިހާރު އެހެން މީހުންނަށް އޮތް ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ކުރިމަތި ލައްވާ ނަމަ އެކަން ކުރައްވާނީ އަމިއްލަފުޅު އިހުތިޔާރުގައި ނޫން ކަމަށާއި އެއީ ކޮންމެހެން ކުރަން ޖެހިގެން ކުރާ ކަމެއްގެ ގޮތުގައި ކަމަށެވެ.
ކުރިމަތި ނުލައްވަން ކަމަށް ކުރިން ވިދާޅުވެފައިވާ ވިދާޅުވުމާ މެދު މައުމޫނު ވިދާޅުވެފައި ވަނީ ކަންތައްތައް ވަރަށް އަވަސް އަވަހަށް ބަދަލުވަމުންދާ ކަމަށެވެ.
"ކަންތައްތައް ދަނީ ވަރަށް އަވަސް އަވަހަށް ބަދަލުވަމުން، އެހެންވީމާ އަޅުގަނޑު މިހުންނަނީ ވަކި ގޮތެއް ނުނިންމައި( ގޮތެއް ނިންމުމުގެ ދޮރު ހުޅުވާލައިގެން)" މައުމޫނު ވިދާޅުވި ކަމަށް ދަ ހިންދޫގައިވެ އެވެ.
އަދި ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ލީޑަޝިޕްގެ ދަށުގައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ރިޔާސީ ކެންޑިޑޭޓެއް ހަމަޖައްސާނީ ޕްރައިމަރީއަކުން ކަމަށާއި އެހެންވީމާ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއް އަދި ނެތް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ހަމަޖައްސައިފާނެތޯ ސުވާލު ދެންނެމުން މައުމޫނު ވިދާޅުވީ "އެކަމަށް ގޮތެއް ނިންމޭނީ ޑރ. ވަހީދު ޕީޕީއެމްއާ ގުޅިވަޑައިގަތުމުން" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ