ވަގަށް ނަގާފައިވާ ގިނައަދަދެއްގެ ފައިސާތަކެއް ހޯދާ 3 މީހަކު ހައްޔަރުކޮށްފި

ގިނައަދަދެއްގެ ފައިސާތަކެއް ވަގަށް ނެގި މައްސަލައެއް ހުށައެޅުނުތާ 05 ގަޑިއިރު ނުވަނީސް އެ ފައިސާތަކާއެކު 03 މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 07:50 ހާއިރު ޏ.ފުވައްމުލަކު ދިލްކުސާގެއިން 1500 އެމެރިކާ ޑޮލަރު ވަގަށް ނެގި މައްސަލައެއް ޏ.ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ހުށަހެޅުމާއި ގުޅިގެން މި ޑޮލަރުތަކާއި ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މީހުން ހޯދާފައިވަނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ކަމަށެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ޏ.ފުވައްމުލައް، މިސްކިތްމަގު ރަމްޒީގެ، ޢަބްދުﷲ މަސްޢޫދު (30އ) އާއި ޏ.ފުވައްމުލައް، މާލެގަން ދަނބުގަސްދޮށުގެ، އިބްރާހީމް މުޙައްމަދު ދީދީ (29އ) ގެ އިތުރުން ޏ.ފުވައްމުލައް، ދޫޑިގަން އާރސީ، މުޙައްމަދު އަޒްމީ (27އ) އެވެ.
ފުލުހުން ބުނީ މަސްޢޫދު 200 ޑޮލަރު ގެންގުޅެނިކޮށް ފުލުހުނަށް ފެނުމުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާ އާއި ސުވާލުކުރުމުން މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު އިބްރާހީމް މުޙައްމަދު ދިދީ އާއި މުޙައްމަދު އަޒްމީ އާއި ތިން މީހުން ވެގެން ދިލްކުސާގެއިން ވައްކަން ކުރިކަމަށް މަސްއޫދު އިޢުތިރާފް ވެފައިވާ ކަމަށެވެ.
މިމައްސަލައިގައި ވަގަށް ނެގި ފައިސާތަކުގެ ބާކީ ހުރި ޑޮލަރުތައް ފެނިފައިވަނީ އަބްދުﷲ މަސްޢޫދުގެ ގޯތިތެރޭ އޮތް އަލައޮޅެއްގެ ތެރޭގައި ހުރި ކެޔޮގަސްތަކެއްގެ ތެރޭގައި ބޭކިން ޕައުޑަރ ހުސްކުރި ދަޅެއްގެ ތެރެއަށް ލައި ފޮރޮވާފައި ހުއްޓާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މީގެ އިތުރުން ފޮއްޓެއްގެ ތެރޭގައި އޮތް 900 އެމް. އެލް ގެ ކޯސްޓް ކިރު ދަޅަކާއި ފޯސްޓަރ ކްލާކް ޖޫސްފުޅިއެއް ފެނިފައިވާ ކަމަށާއި މިތަކެއްޗަކީ ވަގަށް ނެގި ޑޮލަރު ތެރެއިން 100 ޑޮލަރު މާރުކޮށްގެން ގަނެފައިވާ ތަކެތި ކަމަށް މިތިން މީހުން އިޢުތިރާފްވެފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މިމައްސަލަ ޏ. ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ދަނީ ތަހްޤީޤުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ