"ހަވީރު" ނޫސް އޮޕަރޭޓްކުރުމުގެ ހުއްދައަށް އެދި ތިން ހިއްސާދާރަކު ސިވިލް ކޯޓަށް
ސިވިލް ކޯޓުގެ ވަގުތީ އަމުރަކާ ގުޅިގެން އޮޕަރޭޓްކުރުން ހުއްޓާލާފައި އޮތް ހަވީރު ނޫހާއި ހަވީރު އޮންލައިން އަލުން އޮޕަރޭޓްކުރަން ފެށުމުގެ ހުއްދައަކަށް އެދި ހަވީރު ނޫހުގެ ހަތަރު ހިއްސާދާރުންގެ ތެރޭން ތިން ހިއްސާދާރަކު ސިވިލް ކޯޓުގައި އެދިއްޖެ އެވެ. ހަވީރު އަލުން އޮޕަރޭޓްކުރަން ފެށުމުގެ އަމުރެއް ނެރެދެއްވުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ހަވީރު ނޫހުގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ހ. މީރުބަހާރުއާގޭ އިބްރާހީމް ރަޝީދު މޫސާ އާއި ގ. ކޮއްގިރި އަބްދުﷲ ފާރޫގު ހަސަން އަދި ހ. ޓައިމްލެސް މުހައްމަދު ނައީމް އެވެ. ތިން ހިއްސާދާރުން ވަގުތީ އަމުރަކަށް އެދިފައިވަނީ ހަވީރުގެ ޗެއާމަން އަދި ހިއްސާދާރު ޑރ. މުހައްމަދު ޒާހިރު ހުސައިން ބޭނުން ނުވި ނަމަވެސް ތިން ހިއްސާދާރުންނަކީ 75 ޕަސެންޓް ހިއްސާ އޮންނަ ތިން މީހުންނަށް ވުމުން އެމީހުން ހިއްސާވެގެން އަލުން ހަވީރު އޮޕަރޭޓް ކުރަން ފެށުމަށެވެ. ތިން ހިއްސާދާރުންގެ ވަކީލު 'ސަން' އަށް ވިދާޅުވީ، ހަތަރު ހިއްސާދާރުން ހިމެނޭއިރު އެންމެ ހިއްސާދާރެއްގެ ބާރުން "ހަވީރު" ހުއްޓާލާފައި ބޭއްވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ހަވީރު އަލުން އޮޕަރޭޓްކުރަން ފެށުމުން ޑރ. ޒާހިރުގެ ހައްގުތައްވެސް ހިމާޔަތް ކުރެވިގެންދާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ވަކީލު ވިދާޅުވި އެވެ. ތިން ހިއްސާދާރުން ހުށަހެޅި އެމައްސަލައިގެ އަޑުއެހުން ބުރާސްވަތި ދުވަހުގެ 10:30 ހަށް ވަނީ ތާވަލުކޮށްފަ އެވެ. ގ. ކޮއްގިރި ފާރޫގު ހަސަނާއި ހެންވޭރު މީރުބަހުރުގޭ އިބްރާހީމް ރަޝީދު މޫސާގެ ބައިވެރިވުމެއް ނެތް ގޮތަށް ހަވީރު ނޫސް ހިންގުން މަނާކޮށް ސިވިލް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ. ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ އެގޮތަށް އެއަމުރު ނެރުނީ އެ މައްސަލާގައި ދައުވާ ކުރާ ދެ މީހުންގެ 50 ޕަސެންޓް އޮތުމާއި މިހާރު ހަވީރު ހިންގާ ހެންވޭރު ނީލްވިލާ މުހައްމަދު ޒާހިރު ހުސައިންގެ ހިއްސާ އޮންނަނީ 25 ޕަސެންޓަށް ވުމުން އެގޮތަށް އެދުނު މީހުންނަށް ލިބޭނެ ގެއްލުމަކަށް ބަލާފައި ކަމަށެވެ. އަދި ފާރޫގު ހަސަނާއި އިބްރާހީމް ރަޝީދު މޫސާ އަކީ ވަގުތީ އަމުރަށް އެދުުމުގެ ސިފަ ލިބިގެންވާ ދެމީހުން ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފަ އެވެ. ހަވީރު ނޫސް އެޖެންސީއަކީ ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން އަމިއްލަ އަށް ހިއްސާވާ އެޖެންސީއެއް ނޫން ކަމަށާއި އަބްދުﷲ ފާރޫގު ހަސަނާއި އިބްރާހިމް ރަޝީދުގެ ހިއްސާ ވެސްވާ ތަނެއް ކަމަށް ބުނެ މިދިޔަ އަހަރު އޮގަސްޓު މަހު ހައިކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ