އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ހިންގާ ކަމަށް ބުނެ ހޯދާ މީހާ ހައްޔަރު ކޮށްފި

އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ހިންގުމުގެ މައްސަލައަކާ ގުޅިގެން ހޯދަން ފުލުހުން އިއުލާން ކުރި ކ. މާލެ / މއ. ލެއްގި، އަބްދުލްޣައްފާރު އަބްދުލްޣަފޫރު (34އ) މިއަދު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާ ދިރިއުޅެމުންދާ ގޭގެ ފާހާނާ ތެރޭގައި ފިލާ އޮއްވައި މިއަދުގެ ހަވީރު 5:12 ހާއިރު، ކޯޓު އަމުރެއްގެ ދަށުން ކަަމަށެވެ. އަދި މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަަމަށް ފުލުހުން ބުނެއެވެ.
އެމީހާ އަކީ އިއްޔެގެ ވަގުތެއްގައި ފުލުހުން ތަހުގީގު ކުރަމުނދާ މައްސަލައަކާ ގުޅިގެން ހޯދަން އިއުލާން ކުރި މީޙެކެވެ. އެއީ ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަން އިން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށް ފުލުހުން ބުނެއެވެ.
ދޭތެރެ ދޭތެރެއިން ފުލުހުން ތަހުގީގު ކުރާ މައްސަލަތަކާ ގުޅިގެން ބައެއް މީހުން ހޯދަން އިއުލާންކޮށް އެމީހުންގެ ވަނަވަރު އާންމު ކުރެއެވެ. އަދި މި ފަދަ މައްސަލަތަކުގައި ހޯދަމުންދާ މީހެއްގެ މައުލޫމާތު އެނގިއްޖެ ނަމަ އެކަން ފުލުހުންނަށް އަންގަން އާންމުންނަށް ހުޅުވާލައެވެ. މިފަދަ ފުރުސަތުތަކުގައި ފުލުހުންނަށް އާންމުން ދޭ އެއްބާރުލުން ބަލައިގަނެ އެކަމަށް ފުލުހުން ޝުކުރު އަދާ ކުރާ ކަމަށް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ