އިންޓަ ސްކޫލް ކުރިކެޓް މުބާރާތުގެ ޗެމްޕިއަންކަން އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމުން ހޯދައިފި

ފައިސަލް ފައުންޑޭޝަންއިން ސްޕޮންސާކޮށް، ފުވައްމުލަކު ރަށު ކައުންސިލްތަކުން އިންތިޒާމް ކޮށްގެން އެ ރަށުގައި ބޭއްވި ފުރަތަމަ އިންޓަ ސްކޫލް ކުރިކެޓް މުބާރާތުގެ ޗެމްޕިއަންކަން އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމުން ހޯދައިފި އެވެ.
ފުވައްމުލަކުގެ ރަސްމީ ކުރިކެޓް ދަނޑުގައި އިއްޔެ ކުޅުނު ފައިނަލް މެޗުގައި އެމްޖޭއެމް ސްކޫލާއި ބައްދަލުކޮށް، ޗެމްޕިއަންކަން އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމުން ހޯދީ ހަ ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.
އިއްޔެގެ މެޗުގެ ޓޮސް ދިމާވުމުން ތައުލީމީ މަރުކަޒުން ކުޅެންއަރާ 10 އޯވަރިގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 73 ލަނޑެވެ. އަދި ޖަވާބުގައި އެމްޖޭއެމް ސްކޫޅުން ކުޅެންއަރާ 10 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 66 ލަނޑެވެ.
އިއްޔެގެ މެޗުގައި އެންމެ ރަނގަޅަށް އުކާފައި ވަނީ ތިން އޯވަރު 18 ލަނޑަށް ދެ ވިކެޓް ނެގި އަތޮޅު ތައުލީމީ މަރުކަޒުގެ ހަސަން ހޫދު އެވެ. އަދި ފައިނަލް މެޗުގައި އެންމެ ރަނގަޅަށް ކުޅެފައި ވަނީ 26 ބޯޅައިން 29 ލަނޑުހެދި އަތޮޅު ތައުލީމީ މަރުކަޒުގެ ޒަޔާން ޝަރީފެވެ.
އިއްޔެގެ ފައިނަލް މެޗަށް ފަހު މުބާރާތުގެ އެކިއެކި ވަނަތަކަށްއާ ފަރާތްތަކަށް ވަނީ ހޮވައިފަ އެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ބޮއުލަރަކަށް ހޮވުނީ ފުވައްމުލަކު ސުކޫލުގެ ނައިފް ހަސަން އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ވިކެޓް ކީޕަރަކަށް ހޮވުނީ ހާފިޒް އަހްމަދު ސްކޫޅުގެ ހުމާމް ހަސަން އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ފީލްޑަކަށް ހޮވުނީ އަތޮޅު ތައުލީމީ މަރުކަޒުގެ އަލީ ސަމާލް އެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ބެޓްސްމަނަކަށް ހޮވުނީ އަތޮޅު ތައުލީމީ މަރުކަޒުގެ ޒަޔާން ޝަރީފު އެވެ. މުބާރާތުގެ އެންމެ މޮޅު އުކުންތެރިއަކަށް ހޮވުނީ އެމްޖޭއެމް ސުކޫޅުގެ އާޒިން މުހައްމަދު ރަފީގު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ